ވެއްޓި މަރުވި މީހާ ބެލްކަންޏަށް އަރައި ހުއްޓާ ފެނުނު!

އެސްޓީއޯ ޓުރޭޑް ސެންޓަރު މަތިން ވެއްޓުނު މީހާ ވެއްޓިއޮތް ސަރަހައްދު-- ސަން ފޮޓޯ: އަހުމަދު ސާއިލް އަލީ

ތަފާތު ކުއްލި ހާދިސާތަކުގައި ދިވެހިން މަރުވަމުންދާ މިދުވަސްވަރު މިއަދު ހެނދުނު އަނެއްކާވެސް މިވަނީ ދިވެއްސަކު މަރުވެފައި އޮށްވައި ފެނިފައެވެ. ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީސޯ)ގެ ޓްރޭޑް ސެންޓަރު މަތިން ވެއްޓި މަރުވެފައިވާ މީހާ ހަތަރު ވަނަ ފަންގިފިލާގެ ބެލްކަނީގެ މައްޗަށް އަރައި ހުއްޓާ ވަނީ ފެނިފައެވެ.

ޓްރޭޑް ސެންޓަރުގެ ހަތަރުވަނަ ފަންގިފިލާއިން ވެއްޓި މަރުވެފައި ވަނީ މ. އީނާޒް, އުމުރުން 35 އަހަރުގެ މުހައްމަދު ހައިލަމް އެވެ. އާއިލާއިން މައުލޫމާތު ދޭ ގޮތުގައި އޭނާ އަކީ ނަފްސާނީ މައްސަލައެއް ހުންނަ މީހެކެވެ.

އޭނާއަކީ އެސްޓީއޯގެ މުވައްޒަފެއް ނޫންކަން ޔަގީނެވެ. ނަމަވެސް އެއީ އެސްޓީއޯގެ އިސް މުވައްޒަފެއްގެ ތިމާގެ މީހެއް ކަމަށް ބައެއް މަސް ދަރުތަކުން މައުލޫމާތު ދެއެވެ.

މަންޒަރު ދުށް އެސްޓީއޯގެ ބިދޭސީ މުވައްޒަފަކާ ހަވާލާދީ އެ ކުންފުނީގެ އޮފިޝަލަކު ވިދާޅުވީ ވެއްޓުނު މީހާ ޓްރޭޑް ސެންޓަރުގެ ހަތަރުވަނަ ފަންގިފިލާގެ ބެލްކަނީގެ ޗެންޗެއިނަށް އަރައި ހުއްޓާ ފެނުނު ކަމަށެވެ. ނަމަވެސް އޭނާ ފުންމާލީ ކަމެއް ނޭނގެއެވެ.

އެސްޓީއޯ ޓްރޭޑް ސެންޓަރުގެ ހަތަރުވަނަ ފަންގިފިލާގެ ބެލްކަނިން ވެއްޓުނު މީހާ ވެއްޓިފައި އޮތް ސަރަހައްދު-- ސަން ފޮޓޯ: އަހުމަދު ސާއިލް އަލީ

"ޗެންޗެއިން މަތީ ހުއްޓާ އޮފީސް ބޯއީ އަކަށް ފެނުނު. ދެން ފުންމާލިތަނެއް ނުފެނޭ. އަރައި ހުއްޓާ ފެނުނީ،" އެސްޓީއޯގެ އޮފިޝަލް ވިދާޅުވިއެވެ.

އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަހީރު މިއަދު ސަން އަށް ވިދާޅުވީ، އެކަން ހިނގޮގޮތެއް ނޭނގޭ ކަމަށާއި ޔަގީން ވާ ކަމަކީ އެއީ އެސްޓީއޯ މުވައްޒަފެއް ނޫން ކަމެވެ.

މުހައްމަދު ހައިލަމް ވެއްޓި އޭނާގެ ބޮލަށް ވަނީ ބޮޑެތި ގެއްލުންތަކެއްވެފައެވެ. އޭނާ ވެއްޓިޖެހިފައި އޮތީ އެސްޓީއޯ ޓްރޭޑް ސެންޓަރުތެރޭގައި ކުރިން އަލްފްރެސްކޯ ހިންގި ގޯތި ތެރެއަށެވެ. މިއަދު ހެނދުނު 7:30 ކަންހާއިރު އެމައުލޫމާތު ލިބިގެން ފުލުހުން އެސަރަހައްދަށް ދިޔައިރު އޭނާގެ ވިންދު ހުއްޓެވެ. ނަމަވެސް ހޮސްޕިޓަލަށް ގެންދިޔަތާ މާގިނައިރެއް ނުވެ މަރުވެއްޖެއެވެ.

ފުލުހުން އަންނަނީ މުހައްމަދު ހައިލަމް މަރުވި ހާދިސާ ތަހުގީގު ކުރަމުންނެވެ.

މުހައްމަދު ހައިލަމް ވެއްޓުނު ފަންގިފިލާގައި އެސްޓީއޯގެ އިތުރުން އާސަންދަ އާއި އެލައިޑް އިންޝުއަރެންސްގެ އޮފީހެއްވެސް ހިންގައެވެ. ނަމަވެސް މިހާތަނަށް މައުލޫމާތު ލިބިފައިވާގޮތުގައި މަރުވެފައިވާ ހައިލަމް އަކީ އެއިން އެއްވެސް ތަނެއްގެ މުވައްޒަފެއް ނޫނެވެ.

comment ކޮމެންޓް