ޓިންކަބެލް ހެދުން އެޅި މަންޒަރު ދެއްކި މައްސަލަ ނިންމީ އިންސާފަކުން ނޫން: ޑރ. އިޔާޒު

ޑރ. އިޔާޒް ---

ޓިންކަބެލް ހެދުން އަޅައިގެން ހުރި އަންހެނެއްގެ މަންޒަރު ޓީވީއެމުން ދެއްކީ ރަނގަޅަށް ކަމަށް ބްރޯޑްކާސްޓިން ކޮމިޝަނުން ނިންމާފައިވާ ނިންމުމަކީ އެއްވެސް ހަމައެއް އިންސާފެއް ނެތް ނިންމުމެއް ކަމަށް ފިގުހު އެކަޑެމީގެ ކުރީގެ ރައީސް ޑރ. މުހައްމަދު އިޔާޒު އަބްދުއްލަތީފް ވިދާޅުވެއްޖެ އެވެ.

ޑރ. އިޔާޒު އޭނާގެ ފޭސްބުކު ޕޭޖުގައި ވިދާޅުވީ އެބަޔަކު ކުރާ ނުބައި ކަންތައް ރިވެތި ކަމެއްގެ ގޮތުގައި ފެނިއްޖެ ނަމަ އެބަޔަކު ހަލާކުވެގެންދާން ލަހެއް ފަހެއް ނުވާނެ ކަމަށެވެ.

"މިނިވަން ކަމަށް 51 އަހަރު ފުރުން ފާހަގަކުރުމުގެ މުނާސަބަތުގައި ބޭއްވި ފުޅަނދު ބުރުގައި އާންމުންނަށް ދައްކަންނުވާ ވަރުގެ ހަޑި މަންޒަރު ދެއްކި ކަމުގެ ޝަކުވާ ހުށަހެޅުމުން ކަމާބެހޭ ފަރާތުން ނިންމާފައި މިވަނީ އެއްވެސް ހަމައެއް އިންސާފެއް ނެތް ނިންމުމެކެވެ،" ޑރ. އިޔާޒު ވިދާޅުވިއެވެ.

މިނިވަން މުއައްސަސާތަކާ ހަވާލުވެގެން ތިއްބެވި ބޭފުޅުން ވަކި ފަރާތަކަށް ނުޖެހި އިންސާފުން ކަންކަން ކުރަން ޖެހޭ ކަމަށް ވެސް ޑރ. އިޔާޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ފިނޑިވެގެން ހައްގުބަސް ބުނަން ނުކެރި ފަހަތުފަޔަށް ބުރަވާ ނަމަ އިސްތިއުފާދެއްވާފައި ގެއަށް ވަޑައިގަތުމަކީ އެ ކޮމިޝަންގެ މެމްބަރުންނާއި ރައްޔިތުންގެ ވެސް އެންމެ މަސްލަހަތު ހުރިގޮތް ކަމަށެވެ. ބްރޯޑްކާސްޓިން ކޮމިޝަނުން ނިންމި ނިންމުމުގައި ވަނީ "އަންހެން މީހާ ބޮޑީ ފިޓަކުން ހަށިގަނޑު ނިވާކޮށްފައިވާކަން ކޮންޓެންޓް ބެލުމުން އެނގޭ" ކަމަށެވެ. އެހެންކަމުން އޭނާ ހުރީ ހަށިގަނޑު ނިވާ ނުކޮށް ކަމަށް ބެލެވޭނެ ޖާގައެއް ނެތް ކަމަށް ބްރޯޑްކޮމް އިން ވަނީ ބުނެފަ އެވެ.

ހުށަހެޅި މައްސަލާގައި ބުނެފައި ވަނީ އިންސާނާގެ ހަމުގެ ކުލައިގެ ބޮޑީފިޓަކުން އެ އަންހެން މީހާ ހަށިގަނޑު ނިވާކޮށްގެން ހުރި ނަމަވެސް، އެ މަންޒަރު ޓީވީން ބެލި މީހުންނަށް އޭނާ ސިފަވެފައި ވަނީ އޮރިޔާމުން ހުރި އަންހެނެއްގެ ގޮތުގައި ކަމަށެވެ. އެގޮތުން އެކަމާ ގުޅޭ ގޮތުން ރާއްޖޭގެ ދީނީ އިލްމުވެރިން ވިދާޅުވެފައިވާ ބައެއް ވާހަކަތައް ވެސް ހުށަހެޅި މައްސަލާގައި ހިމަނާފައިވެ އެވެ. އަދި ހެދުންލައިގެން އޮރިޔާމުން ތިބޭ އަންހެނުންނާ ގުޅޭ ގޮތުން ރަސޫލާ ހަދީސްކުރައްވާފައިވާ ބަސްފުޅާއި އޭގެ މަނަ ވެސް ހުށަހެޅި މައްސަލާގައި ހިމަނާފައިވެ އެވެ. ނަމަވެސް އެ ކޮމިޝަންގެ ނިންމުމުގައި، ދީނީ ގޮތުން ފާހަގަކޮށްފައި ހުރި އެއްވެސް ކަމަކަށް އަލި އަލިއަޅުވާލައްވާފައެއް ނުވެ އެވެ.

މިކަމާ ގުޅޭ ގޮތުން ބްރޯޑްކާސްޓިން ކޮމިޝަނުގެ ބަހެއް ހޯދުމަށް އެ ކޮމިޝަނުގެ ރައީސް މުހައްމަދު ޝަހީބަށް ގުޅުމުން ފޯނު ނުނަންގަވާތީ އެސްއެމްއެސް ކުރުމުން، އެކަމާ ބެހޭ ގޮތުން މައުލޫމާތު ދެއްވާނީ އެ ކޮމިޝަނުގެ ޕަބްލިކް ރިލޭޝަންސް އޮފިސަރު އަހްމަދު އަރުޝަދު ކަމަށް ވިދާޅުވި އެވެ. ނަމަވެސް އަރުޝަދަށް ގުޅުމުން އޭނާވެސް ފޯނު ނުނަންގަވާތީ އެސްއެމްއެސް އަކުން ސުވާލު ފޮނުވުމުން ވެސް ޖަވާބު ދީފައި ނުވާތީ އެ ކޮމިޝަނުގެ ބަހެއްވަނީ ލިބޭގޮތް ނުވެފަ އެވެ.

comment ކޮމެންޓް