ނިޝްވާން އެވޯޑް ދިފާއު ކުރިއިރު، ދައްތަ ފަހަތަށް ޖައްސާލައި ސާޖިނާ އެއްވަނައަށް

ވޭތުވެދިޔަ އަހަރުގެ އެންމެ މޮޅު ފެތުންތެރިއާގެ އެވޯޑް ސާޖިނާ އަށް ދެނީ --- ފޮޓޯ ފޮޓޯ: ސްވިމިން އެސޯސިއޭޝަން

މިދިޔަ އަހަރުގެ ފިރިހެން އެންމެ މޮޅު ފެތުންތެރިއާއަށް، އޭގެ ކުރީ އަހަރު ވެސް އެ އެވޯޑް ހޯދި ނިޝްވާން އިބްރާހިމް ހޮވުނު އިރު އެންމެ މޮޅު އަންހެން ފެތުންތެރިއަކަށް ހޮވުނީ މިދިޔަ އަހަރު އެ އެވޯޑް ހޯދި އައިމިނަތު ސަޖަންގެ ކޮއްކޮ އައިޝަތު ސާޖިނާއެވެ.

އަހަރުގެ އެންމެ މޮޅު ފިރިހެން ފެތުންތެރިޔަކަށް ނިޝްވާން ހޮވުނުއިރު، ދެވަނަ ލިބުނީ އިސްމާއިލް މުއުތަސިމް އަދުނާނަށެވެ. އަދި ތިންވަނަ ލިބުނީ މުބާލް އައްޒާމް އިބްރާހިމަށެވެ.

އަންހެން ސީނިއާ ބައިގެ އެއްވަނައާއި ވޭތުވެ ދިޔަ އަހަރުގެ ދެވަނަ ސަޖަންއަށް ލިބުނު އިރު ވޭތުވެދިޔަ އަހަރުގެ އެންމެ މޮޅު ތިން ވަނަ ފެތުންތެރިޔާގެ އެވޯޑް ލިބުނީ ހަމްނާ އަހުމަދެވެ.

ރޭ އޮތް ސްވިމިންގ އެސޯސިއޭޝަންގެ އެވޯޑް ނައިޓުގެ ތެރެއިން --- ފޮޓޯ: ސްވިމިން އެސޯސިއޭޝަން

ރޭ އޮތް ސްވިމިންގ އެސޯސިއޭޝަންގެ އެވޯޑް ނައިޓުގައި ޖޫނިއަރ ބައިގެ އެންމެ މޮޅު އަންހެން ފެތުންތެރިޔަކަށް ވެސް ހޮވުނީ ހަމްނާ އަހުމަދެވެ. ޖޫނިއަރ ބައިގެ ފިރިހެން އެންމެ މޮޅު ފެތުންތެރިޔަކަށް ހޮވުނީ އިސްމާއިލް މުއުތަސިމް އަދުނާނެވެ. ސީނިއަރ ބައިގެ އެންމެ މޮޅު ފިރިހެން ފެތުންތެރިޔަކަށް މުބާލް އައްޒާމް އިބްރާހީމާއި، ނިޝްވާން ވަނީ ހޮވެފައެވެ.

ރޭގެ އެވޯޑް ނައިޓްގައި ބައިނަލްއަގްވާމީ މުބާރާތްތަކުން ރާއްޖެ އަށް ރީތިނަން ހޯދަ ދިން ފަރާތް ތަކުގެ އަގު ވަޒަން ކުރުމުގެ ގޮތުން ސަޖަން އަށް ދިން އެވޯޑް --- ފޮޓޯ: ސްވިމިން އެސޯސިއޭޝަން

ރޭގެ އެވޯޑް ނައިޓްގައި ވަނީ ބައިނަލްއަގްވާމީ މުބާރާތްތަކުން ރާއްޖެއަށް ރީތި ނަން ހޯދަ ދިން ފަރާތް ތަކުގެ އަގު ވަޒަން ކުރުމުގެ ގޮތުން އެވޯޑް ދީފައެވެ. އެގޮތުން އެންމެ ހާއްސަ އެވޯޑެއް ދިނީ މިއަހަރުގެ ކުރީކޮޅު އިންޑިޔާގައި އޮތް ސައުތް އޭޝިއަން ގޭމްސްގެ 800 މީޓަރު ފްރީސްޓައިލްއިން ލޯ މެޑަލް ހޯދި އާމިނަތު ސަޖަންއަށެވެ.

comment ކޮމެންޓް