ނޯޓް 7ގެ ބެޓެރީގައި ރޯވާތީ ފޯނު ވިއްކުން ހުއްޓާލައި، ސެމްސަންގުން ބަދަލުދެނީ

ސެމްސަންގް ނޯޓް7 ފޯނެއްގައި ރޯވެފައިވާ ކަމަށްބުނެ އިންޓަނެޓްގައި ދައުރުވަމުންދާ ފޮޓޯއެއް

ސެމްސަންގުން އެންމެ ފަހުން ނެރުނު ގެލެކްސީ ނޯޓް 7ގެ ބައެއް ފޯނުތައް ޗާޖަށް ޖެހުމުން ބެޓެރި ގޮވުމުގެ މައްސަލަ ކުރިމަތި ވާތީ، އޭގެ ފޯނު ސަޕްލައިކުރުން ސެމްސަންގުން ވަގުތީ ގޮތުން ހުއްޓާލައި މައްސަލަ ހުރި ފޯނުތައް ބަދަލުކޮށްދޭން ނިންމައިފިއެވެ.

ޓެކްނޮލޮޖީ ހަބަރުތައް ގެނެސްދޭ ދަ އެންގެޖެޓްގައި ބުނެފައި ވަނީ މައްސަލަ އުޅެނީ ބެޓެރީގައި ކަމަށާއި ބެޓެރި ގޮވަނީ ބެޓެރީ ޗާޖުކުރަން ބޭނުންކުރާ އެޑެޕްޓަރުގެ ސަބަބުން ނުވަތަ ސާކިޓްތަކުގެ ސަބަބުން ނޫން ކަމަށެވެ.

ބޭރުގެ ބައެއް މީޑިއާ ތަކުގައި ސެމްސަންގްގެ އޮފިޝަލުންނާ ހަވާލާދީ ބުނެފައި ވަނީ މިހާރު ފޯނު ގަނެފައިވާ ކަސްޓަމަރުންނަށް ފޯނު ބަދަލުކުރުމުގެ ފުރުސަތު ސެމްސަންގ ކުންފުނިން ދޭނެ ކަމަށެވެ. ސެމްސަންގުން މިހާރު ދަނީ 10 ގައުމެއްގައި އެ ފޯނު ލޯންޗްކޮށް މިލިއަނުން ފޯނު ސަޕްލައި ކުރަމުންނެވެ.

ސެމްސަންގުން މިއަދު ބުނީ ނޯޓް 7 ވިއްކުން ހުއްޓާލަނީ ފޯނުގެ ބެޓަރީގެ ސީރިއަސް މައްސަލަތަކެއް ފާހަގަ ވެގެން ކަމަށާއި ނޯޓް 7 ޗާޖް ކުރުމުން ފޯނުގައި އަލިފާން ރޯވެގެން، މިހާތަނަށް 35 މައްސަލައެއް ހުށަހަޅާފައިވާކަމަށެވެ. އެ ކުންފުނިން ބުނީ މިހާރު ވިއްކާފައިވާ، 2.5 މިލިއަނެއްހާ ފޯނަށް ވެސް ކުންފުނިން ބަދަލު ދޭން ނިންމާފައިވާ ކަމަށެވެ.

ކުންފުނީގެ އޮފިޝަލަކާ ހަވާލާދީ ޔޮންހެޕް ނިއުސް އެޖެންސީން ބުނެފައި ވަނީ ފޯނުގައި ބޭނުންކޮށްފައި ވަނީ ޗައިނާ އާއި ކޮރެއާގައި އުފައްދާފައިވާ ބެޓެރީ ކަމަށާއި މައްސަލަ އުޅެނީ ކޮރެއާގައި ހަދާފައިވާ ބެޓެރީގައި ކަމަށެވެ. ނަމަވެސް، ހުރިހާ ފޯނެއް ބަދަލުކޮށްދޭން ސެމްސަންގުން ނިންމާފައިވާ ކަމަށް އޮފިޝަލް ވިދާޅުވެފައިވެއެވެ.

ޕްރެސް ކޮންފަރެންސެއްގައި ސެމްސަންގުން ބުނެފައި ވަނީ ބެޓެރީގެ މައްސަލަ އުޅެނީ "އެންމެ 24 މިލިއަން ޑިވައިސްގައި" ކަމަށާއި އެއީ މިހާތަނަށް ވިއްކި ކޮންމެ 42،000 ފޯނަކުން 1 ފޯނު ކަމަށް ވެސް ބުނެފައިވެ އެވެ.

ސެމްސަންގުގެ ފޯނު ވިޔަފާރީގެ ރައީސް ކޯ ޑޮންގް-ޖިން ވަނީ ފޯނުތައް ބަދަލުކުރަން ޖެހުމުން ކުރިމަތިވާނެ އުނދަގޫތަކަށްޓަކައި މާފަށް އެދިވަޑައިގެންފައެވެ. އޭނާ ވިދާޅުވީ "ރައްކާތެރިކަމަށްޓަކައި" ކޮންމެހެންވެސް ފޯނުތައް ބަދަލުކުރަން ޖެހޭ ކަމަށެވެ.

އައިރިސް ސްކޭނާ ފަދަ ފަހުގެ ވަރުގަދަ ޓެކްނޮލޮޖީތައް ހިމަނައިގެން ސެމްސަންގުން އޯގަސްޓްމަހު މެދުތެރޭގައި ނެރުނު އެ ފޯނަށް އެތައްބައެއްގެ ތައުރީފް އަންނަނީ ލިބެމުންނެވެ. އަދި ބެޓެރީ މައްސަލައަކާ ހުރެ ފޯނުތައް ބަދަލުކޮށްދޭން ސެމްސަންގުން ނިންމާފައިވާ އިރު ވާދަވެރި އެޕަލް ކުންފުނީގެ އެންމެ ފަހުގެ އުފެއްދުން ކަމަށްވާ އައިފޯން 7 ހަފްތާއެއްހާ ދުވަސް ފަހުން އެ ކުންފުނިން ދައްކާލާނެއެވެ.

comment ކޮމެންޓް