ރޮކެޓެއް އުދުއްސާލަން އުޅެނިކޮށް ގޮވައިފި

ސްޕޭސް އެކްސް ގޮވާފައި --

ވޮޝިންޓަން (ސެޕްޓެމްބަރު 2) -- އެމެރިކާގެ ސްޕޭސް އެކްސް ކުންފުނީގެ ރޮކެޓެއް ކޭޕް ކެނެވާރަލް އިން އުދުއްސާލަން އުޅެނިކޮށް ގޮވައިފި އެވެ.

ބީބީސީ އިން ބުނީ އެ ގޮވުމުގެ ލޮޅުން އެތައް މޭލެއް ދުރުގައިވާ އިމާރާތްތަކަށް ކުރި ކަމަށެވެ. ނަމަވެސް އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުވެ އެވެ.

ރޮކެޓާ އެކު ޖައްވަން ފޮނުވާލަން ހަމަޖެހިފައި އޮތް، ފޭސްބުކަށް އިޒްރޭލުން އުފެއްދި މުވާސަލަތީ ސެޓެލައިޓެއް ވެސް ވަނީ ގޮވައިފަ އެވެ.

އިޔުޓެލްސެޓް ކޮމިއުނިކޭޝަނާއި ފޭސްބުކް ގުޅިގެން އަމޮސް-6 ސެޓެލައިޓް ޖައްވަން ފޮނުވަނީ އެފްރިކާގެ ސަބް ސަހާރާ އަށް ބްރޯޑްބޭންޑް އިންޓަނެޓް ފޯރުކޮށް ދިނުމަށެވެ.

މިވަގުތު އެފްރިކާގައި ހުންނެވި، ފޭސްބުކުގެ ބާނީ މާކް ޒުކަބާގު ވިދާޅުވީ ސެޓެލައިޓް ގޮވުމުން ވަރަށް ބޮޑަށް މާޔޫސްވި ކަމަށެވެ.

ނަމަވެސް ޒުކަބާގު ފޭސްބުކް މެދުވެރިކޮށް ދެއްވި މެސެއްޖެއްގައި ވިދާޅުވީ ކޮންމެ މީހަކަށް ވެސް އިންޓަނެޓުގެ ޚިދުމަތް ފޯރުކޮށް ދިނުމަށް ކުރަމުންދާ މަސައްކަތް ހުއްޓަވާލައްވާނީ އެކަން ކާމިޔާބު ވުމަށް ފަހު ކަމަށެވެ.

އިޒްރޭލުގެ ސްޕޭސް އެޖެންސީގެ އިސް އޮފީޝަލަކު ވިދާޅުވީ އަމޮސް-6 ސެޓެލައިޓް ގޮވުމުން 200 މިލިއަން ޑޮލަރު ގެއްލުންވެފައިވާ ކަމަށެވެ. އަދި ވިދާޅުވީ އެއީ މުޅި އިންޑަސްޓްރީ އަށް ވެސް ލިބުނު ވަރަށް ބޮޑު ގެއްލުމެއް ކަމަށެވެ.

comment ކޮމެންޓް