ފެއިލްވެފައިވާ ކަމަށްބުނެ ޝައިނީގެ ބަހުގެ ހަމަލާތަކެއް ދުންޔާއަށް!

ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ މީޑިއާތަކަށް މައުލޫމާތު ދެއްވަނީ. ސަންގުޓީވީގެ ރޭގެ ޕްރޮގްރާމެއްގައި ފެއިލްވެފައިވާ ކަމަށްބުނެ ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ އަށް ވަނީ ޝައިނީގެ ބަހުގެ ހަމަލާތަކެއް ދެއްވާފައި --- ސަން ފައިލް ފޮޓޯ

ކުރީގެ ފޮރިން މިނިސްޓަރުގެ މަގާމުގައި ހުންނެވި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަނބަލުން ދުންޔާ މައުމޫނަކީ ފެއިލްވެފައިވާ ބޭފުޅެއް ކަމަށް ވިދާޅުވެ، ދުންޔާއަށް ވަރުގަދަ ބަހުގެ ހަމަލާތަކެއް ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ދެއްވައިފި އެވެ.

ސަންގުޓީވީގެ ޚަބަރަށް ފަހު ޕްރޮގްރާމުގައި ރިޕޯޓަރު ދެންނެވި ސުވާލަކާ ގުޅިގެން ޝައިނީ ވަނީ ދުންޔާ މިދިޔަ އަންގާރަ ދުވަހު ކުރެއްވި ޓުވީޓަކަށް ރައްދުދެއްވައިފަ އެވެ.

މިދިޔަ މަހުގެ ކުރީކޮޅު މަގާމުން އަމިއްލަފުޅަށް އިސްތިއުފާދެއްވި ދުންޔާ މިދިޔަ އަންގާރަ ދުވަހު ކުރެއްވި ޓުވީޓުގައި ވިދާޅުވެފައި ވަނީ، އާއުސްމިންތަކަށް ދިއުމަށް، އަދި ބާއްޖަވެރި މުސްތަގްބަލަކަށް ވާސިލްވުމަށް ވަތަން އެދޭ އަދި ރައްޔިތުން އެދޭ ހެޔޮ ބަދަލުތައް އައުން މުހިއްމު ކަމަށެވެ.

އެ ޓުވީޓްގައި ކުރީގެ ސަރުކާރުން ކެމްޕެއިން ދުވަސްވަރު ބޭނުންކޮށްފައިވާ ބައެއް ކަންތައްތައް ފާހަގަކޮށްފައި ހުރި ކަމަށާއި ރައީސް މައުމޫންގެ އާއިލާގެ ބޭފުޅުންނާއި އެމަނިކުފާނަށް ތާއީދު ކުރައްވާ ބޭފުޅުން ސަރުކާރަށް ފާޑުކިޔަމުންދާ ކަމަށް ރިޕޯޓަރު ދެންނެވުމުން ޝައިނީ ވިދާޅުވީ، 2008 ވަނަ އަހަރު ވިދާޅުވި ކަންތައްތަކީ ފެއިލްވެފައި އޮތް ކަންތައްތަކެއް ކަމަށެވެ.

އަދި ވިދާޅުވީ، ދުންޔާ އެވާހަކަތައް ދައްކަވާ ނަމަ އެކަމަނާ ވެސް ހުންނެވި ފަޅި އޮތީ ފެއިލްވެފައި ކަމަށާއި ދުންޔާ އަކީ ވެސް ފެއިލްވެފައިވާ ބޭފުޅެއް ކަމަށެވެ.

"ދެހާސް އަށް ވަނަ އަހަރުގެ ތިޔަ ވިދާޅުވި ކަންތައްތަކީ ފެއިލްވެފަ އޮތްކަމެއް. އެއީ ދުންޔާ ނުކުމެ އެވާހަކަ ދައްކަވާއިރުގައި އެކަމަނާ ހުންނެވި ފަޅި އެއޮތީ ފެއިލްވެފައި. އޭރުގައި. އޭގެން މިސާލު ނަންގަވައިގެން ކުރާކަމަކަށް އަޅުނގަޑު އެއްޗެކޭ ދަންވާކަށް ނެތިން. ކެރިވަޑައިގެން އަޅުނގަޑުމެންނާ އެކު މަސައްކަތްކޮށްލަވާކަށް ނުކެރުނު. އިސްތިއުފާ ދީފަ ދިޔައީ. އެއީ ވާނީ ފެއިލިއާއެއް ކަމަށް. ފެއިލްވެފައިވާ މީހެއްގެ ވާހަކަ މިތާކު ދައްކާކަށް ނެތިން،" ޝައިނީ ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، ރައީސް މައުމޫންގެ ވެރިކަން ބަދަލުވެގެން އައީ އެމަނިކުފާނު ކޮށްދެއްވި މަސައްކަތްތައް ގަބޫލުފުޅުނުކުރެވިގެން ނޫން ކަމަށާއި ވެރިކަމުގައި ގިނަ ދުވަސްތަކެއްވުމާ އެކު ޑިމޮކްރަސީގެ ރީތި މިސާލުން ބަދަލުތަކެއް އަންނަން ޖެހޭ ކަމަށް ރައްޔިތުންނަށް ގަބޫލުކުރެވިގެން ކަމަށެވެ.

އަދި މިހާރުގެ ރައީސް އަބްދުﷲ ޔާމީނަކީ ރައީސް މައުމޫނެއް ނޫން ކަމަށާއި 30 އަހަރު ދުވަހުގެ ތެރޭގައި ނުވާވަރުގެ ބޮޑެތި މަސައްކަތްތައް ރައީސް ޔާމީން ދެ އަހަރުގެ ތެރޭގައި ކުރައްވާފައިވާ ކަމަށް ޝައިނީ ވިދާޅުވި އެވެ.

ކުރީގެ ސަރުކާރުތަކުން މިނިސްޓަރުކަން ދެއްވާފައި ވަނީ ތަބަކަށް ލާފައިކަމަށް އިޝާރާތްކުރައްވައި މިނިސްޓަރު ވިދާޅުވީ، މިއަދުގެ ސަރުކާރުގައި ތިއްބެވި މިނިސްޓަރުންނަކީ ވަރަށް މަސައްކަތުން އެ މަގާމުތަކަށް އައިސްފައިވާ ބޭފުޅުން ކަމަށެވެ.

"އިތުބާރު ކުރައްވާ. އަޅުނގަޑުމެންނަށް [މިނިސްޓަރުންނަށް] ވަރަށް ބޮޑަށް އިތުބާރު ކުރައްވާ. އެހެންވީމަ އަޅުނގަޑުމެން އަޅުނގަޑުމެންގެ މަގާމުގައި ރައީސް ޔާމީން ދިފާއު ކުރުމަށްޓަކައި ލޭ އޮހޮރުވާން ވެސް މިތިބީ ތައްޔާރަށޭ،" ޝައިނީ ވިދާޅުވި އެވެ.

comment ކޮމެންޓް