ލޯބިވެރިޔާގެ ތުންފަތް ފަޅާލި އަންހެނަކު ދެ މަހާއި 12 ދުވަހަށް ޖަލަށް

ހ. ބޮނޑިކަނދޮޅުގޭ އާމިނަތު ހަނާން މިއަދު ކޯޓަށް ހާޒިރު ކުރަނީ --- ސަން ފޮޓޯ: ފަޔާޒު މޫސާ

ލޯބިވެރިޔާގެ ތުންފަތް ފަޅާލި އަންހެނަކު ދެމަހާ 12 ދުވަހަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމް ކޮށްފިއެވެ.

އެ ހުކުމް ކޮށްފައި ވަނީ ހ. ބޮނޑިކަނދޮޅުގޭ އާމިނަތު ހަނާންގެ މައްޗަށެވެ.

ހަނާންގެ މައްޗަށް ދައުލަތުން އުފުލި، އަނިޔާއެއް ދިނުމުގެ ކުށުގެ ދައުވާގެ ހުކުމް މިއަދު އިއްވަވަމުން ގާޒީ އަހުމަދު ރަޝީދު ވިދާޅުވީ، މިދިޔަ މާޗް މަހުގެ ތިން ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި މާލެ - ހުޅުމާލެ ފެރީ ޓާމިނަލުން ޓެކްސީއެއްގައި ހަނާންއާއި އޭނާގެ ލޯބިވެރިޔާ ހ. ނީމާ، އިބްރާހީމް ނާބިތު ސޯސަން މަގުގައި ހުންނަ ސިޓީ ބޭކަރީ ކައިރިންގޮސްފައިވާކަން ހެކީންގެ ހެކިބަހުން އެނގޭ ކަމަށެވެ.

ގާޒީ ވިދާޅުވީ ސިޓީ ބޭކަރީއާ ޓެކްސީ ކައިރި ކުރިވަގުތު ހަނާން އޭނާގެ އަތުން ނާބިތުގެ ތުންފަތުގައި ޖަހައި ތުންފަތް ފަޅާލާފައިވާކަން ހެކީންގެ ހެކިބަހުން އެނގޭ ކަމަށެވެ.

ނާބިތުގެ މެޑިކޯލީގޯ ރިޕޯޓަށް ބެލިއިރު އޭނާގެ ތުންފަތް ފަޅައިގެން ގޮސްފައިވާކަން އެނގެން އޮންނައިރު، ސީން އޮފް ކްރައިމް ރިޕޯޓުގައިވާ ފޮޓޯތަކުން ވެސް އެކަން އެނގެން އޮންނަ ކަމަށް ހުކުމް އިއްވަވަމުން ގާޒީ ވިދާޅުވިއެވެ.

ހަނާން އާއި ނާބިތު ސިޓީ ބޭކަރީ ކައިރިއަށް ޓެކްސީގައި ދިޔައީ އެސަރަހައްދުގައި ހުންނަ ހަނާންގެ ގެއަށް އޭނާ ދިޔުމަށެވެ.

މާޗް މަހުގެ ދެވަނަ ދުވަހުގެ ރޭ ހުޅުމާލެއަށް އެ ދެ މީހުން ގޮސް އުޅުމުގެ ތެރޭގައި އެރޭ ދަންވަރު 2:00 އެހައިކަންހާއިރު، ސަފާރީ އަޅާ ތޮށިގަނޑާ ދިމާލުގައި ދެ މީހުންގެ ދެމެދުގައި ހިނގި ހަމަނުޖެހުމެއްގައި ހަ އިންޗި ހުންނަ ވަޅިއެއް ނާބިތުގެ ބަނޑުގެ ވައަތް ފަރާތަށް ހަނާން ހަރާލާފައިވާކަމަށް ބުނެ ދައުލަތުން އިތުރު ދައުވާއެއް އޭނާގެ މައްޗަށް ކުރިއެވެ.

އެއީ މީހަކަށް ނުރައްކާތެރި ހާނިއްކައެއްވާގޮތަށް ތޫނުއެއްޗަކުން މާރާމާރީ ހިންގުމުގެ ކުށުގެ ދައުވާއެވެ.

ގާޒީ އަހުމަދު ރަޝީދު ވިދާޅުވީ، އެ ދައުވާއަށް ޖަވާބުދާރީވަމުން ހަނާން ބުނެފައި ވަނީ އަމިއްލައަށް ވަޅިހެރުމަށްފަހު ނާބިތު އޭނާގެ ބޮލުގައި އިލްޒާމް އަޅުވާފައިވާ ކަމަށެވެ.

އެ މައްސަލާގައި ހެއްކެއްގެ ގޮތުގައި ނާބިތު ހާޒިރުކުރުމުން އޭނާ ބުނެފައި ވަނީ އެ ދެ މީހުންގެ ދެމެދުގައި ހިނގި ހަމަނުޖެހުމުގައި ހަނާން އޭނާގެ ބަނޑުގެ ވައަތް ފަރާތަށް ހަނާން ވަޅި ހަރާފައިވާ ކަމަށެވެ.

ސިއްރުން ހެކިބަސްދިން ދެ މީހުންގެ ތެރެއިން އެކަކު ބުނެފައި ވަނީ ފޭސްބުކުން ހަނާންއާ ދެކެވުނު ވާހަކައެއްގެ ތެރެއިން ނާބިތުގެ ބަނޑުގެ ވައަތް ފަރާތަށް ހަނާން ވަޅި ހަރާފައިވާ ކަމަށް އޭނާ ބުނި ކަމަށެވެ.

ހެކިބަސްދިން ދެވަނަ މީހާ ބުނީ މާލެ - ހުޅުމާލެ ފެރީ ޓާމިނަލުން ޒަޚަމްތަކަކާ އެކު ނާބިތު ފެނުމުން ކުރި ސުވާލުގެ ޖަވާބުގައި އެއީ ވެއްޓިގެން، އެކްސިޑެންޓު ވެގެން ލިބުނު ޒަޚަމްތަކެއް ނޫން ކަމަށް ހަނާން ބުނި ކަމަށެވެ.

ގާޒީ ވިދާޅުވީ، ނާބިތުގެ މެޑިކޯ ލީގޯ ރިޕޯޓުންނާއި ސީން އޮފް ކްރައިމް ރިޕޯޓުން ވެސް އޭނާއަށް އެ އަނިޔާ ލިބިފައިވާކަން އެނގެން އޮންނަ ކަމަށެވެ. ނަމަވެސް އެކަން ކުރީ ހަނާންކަން ސާބިތުވާ ވަރުގެ ހެކި ލިބިފައިނުވާ ކަމަށް ގާޒީ ވިދާޅުވިއެވެ.

ހުކުމް އިއްވަވަމުން ގާޒީ ވިދާޅުވީ، ހަ އިންޗި ހުންނަވަރުގެ ވަޅިއަކުން ހަނާން ނާބިތަށް ހަމަލާދީފައިވާކަން ސާބިތުވާ ވަރުގެ ހެކި ލިބިފައިނުވާ ކަމަށެވެ. ހެކިބަސް ދިން މީހުން ހެކިބަސް ދީފައި ވަނީ އެމީހުން ކައިރީ އެހެން މީހަކު ބުނި ބުނުމެއްގެ މައްޗަށެވެ.

އެހެންކަމުން ގާނޫނު އަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބުނާ މިންވަރަށް އެ މައްސަލަ ސާބިތުނުވާ ކަމަށް ހުކުމް އިއްވަވަމުން ގާޒީ އަހުމަދު ރަޝީދު ވިދާޅުވިއެވެ.

ދެ މަހާ 12 ދުވަހުގެ ޖަލު ހުކުމެއް މިއަދު އިއްވިކަމުގައި ވިޔަސް ހަނާން މިއަދު ދޫކޮށްލާނެއެވެ. ސަބަބަކީ އެ މުއްދަތަށް ވުރެ ގިނަ ދުވަހު އޭނާ ބަންދުގައި ބަހައްޓާފައިވާތީއެވެ.

comment ކޮމެންޓް