އައިކްލައުޑް މިހާރު ދެ ޓީބީ އާ ހަމައަށް އަޕްގްރޭޑް ކޮށްލެވޭނެ

އެޕަލް އައިފޯނެއް: އެޕަލް އިން ވަނީ އައިކްލައުޑް ސްޓޯރޭޖް 2 ޓީބީ އާ ހަމައަށް އަޕްގްރޭޑް ކުރެވޭ އޮޕްޝަން ހިމަނާފައި --- ސަން ފޮޓޯ/ އިހްތިޝާމް

އެޕަލް އިން އައިކްލައަޑް ބޭނުން ކުރާ ފަރާތްތަކަށް އިތުރު އޮޕްޝަން އެއް ހިމަނައިފި އެވެ.

އައިކްލައުޑްގެ ސްޓޯރޭޖް ކުރިން އެންމެ މައްޗަށް އަޕްގްރޭޑް ކުރެވެނީ 1 ޓީބީ އާ ހަމައަށެވެ. ނަމަވެސް މިހާރު އެޕަލް އިން ވަނީ އެ މިންވަރު ދެ ގުނަ އަށް ބޮޑު ކޮށްފަ އެވެ.

ދެ ޓީބީ އާ ހަމައަށް އަޕްގްރޭޑް ކުރުމުގެ ފުރުސަތު މިހާރު ހުޅުވާލައިފައިވާ އިރު، މަހަކު 19.99 ޔޫއެސް ޑޮލަރު ދައްކަން ޖެހެ އެވެ. އައިކްލައުޑުން ހިލޭ 5ޖީބީ ލިބެއެވެ. ފަސް ޖީބީއިން ނުފުދޭ ކަމުގަވާ ނަމަ މަހަކު 0.99 ޑޮލަރަށް 50ޖީބީ އަށް ބަދަލުކޮށްލެވެ އެވެ. އެވަރުން ވެސް ނުވާ ނަމަ މަހަކު 2.99 ޑޮލަރަށް 200ޖީބީ އަށް އަޕްގްރޭޑް ކުރެވޭނެ އެވެ. ހަމަ އެހެންމެ 1 ޓީބީ އަށް ވެސް ބޭނުން ނަމަ އަޕްގްރޭޑް ކޮށްލެވިދާނެ އެވެ. އޭރުން މަހަކު ދައްކަން ޖެހޭނީ 9.99 ޑޮލަރެވެ.

ބެލެވޭ ގޮތުގައި އެޕަލް އިން އައިކްލައުޑް ސްޓޯރޭޖަށް ގެނައި ބަދަލާ އެކު، ދެން ނެރޭ އައި ފޯނުގައި 256 ޖީބީގެ އިންޓާނަލް މެމޮރީ އެއް ހިމެނޭނެ ކަމަށް ޓެކްނޮލޮޖީގެ ހަބަރުތައް ކަވާ ކުރާ ވެބްސައިޓްތަކުން ބުނެ އެވެ. އަދި އެޕަލްއިން 16 ޖީބީގެ ސްޓޯރޭޖް ހިމެނޭ އައިފޯނު ނެރޭނެ ކަމަށް ނުބެލެވޭ އިރު، އެންމެ ކުޑަ ސްޓޯރޭޖް ހިމެނޭ ފޯނަކަށް ނެރޭނީ 32 ކަމަށް ބެލެވެ އެވެ.

އެޕަލްއިން އިއްޔެ ވަނީ، ސެޕްޓެމްބަރު ހަތް ވަނަ ދުވަހު އެ ކުންފުނިން ބާއްވާ އިވެންޓަކަށް ބައެއް ނޫސްވެރިންނަށާއި މީޑިއާ ސްޓޭޝަންތަކަށް ދައުވަތު ފޮނުވާފަ އެވެ.

އައިފޯން 7 އަދި އައިފޯން 7 ޕްލަސް އެ ދުވަހު ނެރޭނެކަން މިހާރު ކަށަވަރުވެފައިވާ އިރު، އޭގެ އިތުރަށް އެޕަލްގެ އިތުރު ބައެއް ޕްރޮޑަކްޓުތައް ވެސް ލޯންޗު ކުރާނެ ކަމަށް ބެލެވެ އެވެ.

އައިފޯނު ހަތެއް ލޯންޗުކުރާ ދުވަސް އެޕަލްއިން ކަށަވަރު ކޮށްދީފައިވާ އިރު، އެ ފޯނަށް ޕްރީއޯޑާ ބަލައިގަތުން ސެޕްޓެމްބަރު ނުވަ ވަނަ ދުވަހު ފަށާނެ ކަމަށް ބެލެވެ އެވެ. އަދި މަހުގެ މެދުތެރޭގައި ފޯނު ވިއްކަން ފަށާނެ އެވެ.

comment ކޮމެންޓް