ހުޅުމާލޭގައި 2500 ހައުސިންގ ޔުނިޓު އަޅައި ދޭނެ ފަރާތެއް ހޯދަނީ

ހުޅުމާލޭ ފްލެޓެއް: ހުޅުމާލޭގައި 2500 ހައުސިން ޔުނިޓު އަޅައި ދޭނެ ފަރާތެއް ހޯދުމަށް ފިނޭންސް މިނިސްޓްރީން ވަނީ އިއުލާނުކޮށްފައި -- ސަން ފައިލް ފޮޓޯ

ހުޅުމާލޭގައި 2500 ސޯޝަލް ހައުސިންގ ޔުނިޓު އަޅައިދޭނެ ފަރާތެއް ހޯދަން ފިނޭންސް މިނިސްޓްރީން އިއުލާނުކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ ސޯޝަލް ހައުސިންގ ޔުނިޓް ތަރައްޤީކުރުމުގެ މަޝްރޫއުގެ ދަށުން ހުޅުމާލޭގައި 2،500 ހައުސިން ޔުނިޓު، ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން ތަރައްގީކުރާނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ.

ފިނޭންސް މިނިސްޓްރީން ބުނީ އެކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މަސައްކަތްކުރުމުގެ ގާބިލުކަން ސާބިތުކޮށްދިނުމުގެ މައުލޫމާތު ހުށަހަޅަންވާނެ ކަމަށެވެ. އެ މިނިސްޓްރީން ބުނީ ހުޅުމާލޭގައި 2500 ސޯޝަލް ހައުސިން ޔުނިޓުގެ މަސައްކަތް ކުރުމަށް ޝައުޤުވެރިކަން ފާޅުކުރާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ދައުވަތު ދެވޭނެ ކަމަށެވެ.

އެ މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހުގެ 26 ވަނަ ދުވަހުގެ މެންދުރު 2:00ގެ ކުރިން އެ މިނިސްޓްރީއަށް "އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" ހުށަހެޅުމަށް އެދޭ ކަމަށް ވެސް ފިނޭންސް މިނިސްޓްރީން ބުންޏެވެ.

ހައުސިން މިނިސްޓްރީން މީގެކުރިން ވަނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހިންގާ ސޯޝަލް އަދި މެދު ފަންތީގެ ހައުސިން މަޝްރޫއުގެ ދަށުން އެތަނުގައި 10،120 ފްލެޓް އިމާރާތްކުރަން ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފައެވެ. ހައުސިން މިނިސްޓްރީން ބުނީ އެ މަޝްރޫއުގެ ދަށުން ސޯޝަލް ހައުސިންގެ ގޮތުގައި އިމާރާތްކުރަން ހަމަޖެހިފައި ވަނީ 7120 ހައުސިން ޔުނިޓާއި މެދު ފަންތީގެ ހައުސިން ޔުނިޓްގެ ގޮތުގައި 3000 ހައުސިން ޔުނިޓު ކަމަށެވެ.

comment ކޮމެންޓް