ދިވެހި މަސައްކަތްތެރީންގެ ދަފްތަރެއް އެކުލަވާލަނީ

މިދިޔަ އަހަރު ބޭއްވި އެކްސްޕޯ މޯލްޑިވްސް ފެއާގެ ތެރެއިން: ދިވެހި މަސައްކަތްތެރިންގެ ދަފްތަރެއް އެކުލަވާލުމުގެ މަސައްކަތް އިކޮނޮމިކް މިނިސްޓްރީން އަންނަނީ ކުރަމުން -- ސަން ފައިލް ފޮޓޯ

ދިވެހި މަސައްކަތްތެރީންގެ ދަފްތަރެއް އެކުލަވާލުމުގެ މަސައްކަތް އިކޮނޮމިކް މިނިސްޓްރީން ފަށައިފިއެވެ.

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު "ސަން"އަށް މިރޭ ވިދާޅުވީ، ދިވެހި މަސައްކަތްތެރީންގެ ދަފްތަރެއް އެކުލަވާލުމުގެ މަސައްކަތް އެ މިނިސްޓްރީން ފެށުމުގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ އުފެއްދުންތެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ހަރުދަނާކޮށް، ދިވެހި މަސައްކަތްތެރީންގެ މަސައްކަތްތައް ކުރިއެރުވުމަށް އެހީތެރިވެދީ، އެ އުފެއްދުންތަކުގެ ފައިދާ އެންމެ ފުރިހަމަގޮތުގައި ހޯދައިދިނުން ކަމަށެވެ.

"ރާއްޖޭގައި އެބައުޅޭ ދެއްތޯ ތަފާތު އެކި މަސައްކަތްތައް ކުރާ ބޭފުޅުން. މިސާލަކަށް ލިޔެލާޖެހުން ފަދަ މަސައްކަތްތަކީ ރާއްޖޭގައި ވަރަށް ގިނަ ބަޔަކު ކުރަމުން އަންނަ މަސައްކަތް. ދެން އަޅުގަނޑުމެން މިނިސްޓްރީން ދިވެހި މަސައްކަތްތެރީންގެ ދަފްތަރެއް އެކުލަވާލަނީ އެޒާތުގެ މަސައްކަތުގައި ކިހާ އަދަދެއްގެ ބަޔަކު ޝާމިލުވޭތޯ ބެލުމަށް،" ސައީދު ވިދާޅުވިއެވެ.

އިކޮނޮމިކް މިނިސްޓްރީން މިއަދު ބުނީ އެ ދަފުތަރުގައި ރަޖިސްޓަރީވުމަށް ބޭނުންވާ ފަރާތްތަކުން ރަޖިސްޓަރީވުމަށް އެދޭ ފޯމު ފުރުއްވުމަށްފަހު އަންނަ އޮކްޓޯބަރު މަހުގެ 27 ވަނަ ދުވަހުގެ ކުރިން އެ މިނިސްޓްރީއަށް ފޮނުވުމަށް އެދޭ ކަމަށެވެ.

އެ މިނިސްޓްރީން ބުނީ އެ ދަފްތަރުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމު އެ މިނިސްޓްރީގެ ވެބްސައިޓުންނާއި އެ މިނިސްޓްރީގެ ކައުންޓަރުންނާއި އަދި އެ މިނިސްޓްރީގެ ބިޒްނަސް ސެންޓަރުތަކުން ލިބެން ހުންނާނެ ކަމަށެވެ.

comment ކޮމެންޓް