މާއެނބޫދޫ މީހަކު 50 ކިލޯގެ "ހުދަންބަރެއް" ހޮވައިފި

މާއެނބޫދޫއިން މިއަދު ހޮވި މާވަހަރު އެ ރަށު ތުނޑީގައި-- ސަން ފޮޓޯ: ކިޔުންތެރިއެއް

ހުދަންބަރު މާވަހަރެއް ކަމަށް ބެލެވޭ 50 ކިލޯގެ އެއްޗެއް ދ. މާއެނބޫދޫ މީހަކު ހޮވައިފި އެވެ.

އެ "މާވަހަރު" ހޮވީ މާއެނބޫދޫ ޖަވާހިރުމާގެ، މުހައްމަދު އަބްދުލްގައްޔޫމް، 55، އެވެ.

"ސަން"އާ ވާހަކަ ދައްކަމުން އޭނާ ބުނީ އެ މާވަހަރު ފެނިފައި ވަނީ ހިނގާލަން ނުކުމެ އުޅެނިކޮށް މިއަދު ހެނދުނު އެ ރަށު ތުނޑިއަށް ލައްގާފައި އޮއްވައި ކަމަށެވެ.

މުހައްމަދު އަބްދުލް ގައްޔޫމަކީ މަސްވެރިއެކެވެ. ކަންނެލި މަސްވެރިކަމުގައި އުމުރުގެ ބޮޑުބައި ހޭދަ ކުރި މުހައްމަދުގެ ބަލި ހާލަތު ހުރި ގޮތުން މިހާރު އޭނާ މަހަކަށް ނުދެ އެވެ.

"ބައިވަރު މީހުން ބަލަން ތިބީމަ އަދި އެ އޮތީ ގޮނޑުދޮށުގައި ބާއްވާފައި، އެކޯއްޗެންކަން ޔަގީން ނުކުރެވެނީހެން އެއްލައެއް ނުލާނަން، މާވަހަރަކަށް ވެއްޖެއްޔާ ވަރަށް ލާރިތާ ތޯ،" އަންބަކާއި ފިރިހެން ދަރިއަކު ހުރި މުހައްމަދު ބުންޏެވެ.

މިދިޔަ އަހަރު ޑިސެމްބަރު މަހު ކޮމަންޑޫއިން ހޮވި މާވަހަރު ވިއްކާލީ ގްރާމެއް 37 ޑޮލަރުގެ ރޭޓުންނެވެ. އެ އަގުގައި މާއެނބޫދޫއިން ފެނުނު މާވަހަރު ވިއްކާލެވިއްޖެނަމަ އެ މާވަހަރުގެ އަގު 28.5 މިލިއަން ރުފިޔާއަށް އަރާނެ އެވެ.

comment ކޮމެންޓް