ޑްރަގު އުފެއްދުމަށް ބޭނުންކުރާ ތަކެއްޗާ ބެހޭ ގަވައިދެއް ހަދަނީ

މީގެ ކުރިން އަތުލައިގެންފައިވާ ބަނގުރަލާއި ބަނގުރާ ކައްކަން ބޭނުންކޮށްފައިވާ ބައެއް ތަކެތި --

މަސްތުވާތަކެތި އުފެއްދުމަށް ބޭނުންކުރެވިދާނެ އެއްޗެއްސާ ބެހޭ ގަވައިދެއް ހަދައިދޭނެ ފަރާތެއް ހޯދުމަށް ނޭޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ)އިން އިއުލާން ކޮށްފި އެވެ.

މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ 182 ވަނަ މާއްދާގެ ދަށުން، މަސްތުވާތަކެތި އުފެއްދުމަށް ބޭނުންކުރެވިދާނެ ފަދަ ތަކެއްޗާ ބެހޭ ގަވައިދެއް ނޭޝަނަލް ޑްރަގް އޭޖެންސީން ހަދަން ޖެހެ އެވެ.

ޑްރަގް އޭޖެންސީން މިއަދު ކުރި އިއުލާނެއްގައި ބުނެފައިޗވަނީ މަސްތުވާތަކެތި އުފެއްދުމަށް ބޭނުންކުރެވިދާނެ ފަދަ ތަކެއްޗާ ބެހޭ ގަވައިދު ހަދައިދޭނެ ފަރާތްތައް އެކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާ ކަމަށެވެ. އެގޮތުން، ސެޕްޓެމްބަރު ހަތްވަނަ ދުވަހު 11:00 ގައި އެންޑީއޭގައި އޮންނަ މައުލޫމާތު ދިނުމުގެ ސެޝަނަށް ހާޒިރުވުމަށް ފަހު، ސެޕްޓެމްބަރު 19 ވަނަ ދުވަހު 11:00 ގައި އަންދާސީ ހިސާބު ހުށަހެޅުމަށް އެންޑީއޭއިން އެދެ އެވެ.

މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގައި، މަސްތުވާތަކެތި އުފެއްދުމަށް ބޭނުންކުރެވިދާނެ ތަކެތީގެ ލިސްޓެއް ހިމެނެ އެވެ. އެ ގާނޫނުގެ ތިންވަނަ ޖަދުވަލުގައި ވާ ލިސްޓުގައި ޖުމްލަ 24 އެއްޗެއް ލިސްޓު ކުރެވިފައިވާ އިރު، އެއީ ހުސް ކެމިކަލް ބާވަތްތަކެވެ.

comment ކޮމެންޓް