ޖަމާއަތްތަކުން އެއްބަސްވިގޮތަށް ހިދުމަތް ނުދޭ މައްސަލަ ދިމައެއް ނުވޭ: މިނިސްޓްރީ

ދިވެހި ހައްޖުވެރިން މައްކާގައި-- ފޮޓޯ: ހައްޖު ކޯޕަރޭޝަން

ހައްޖުވެރިންނަށް ދިނުމަށް ޖަމާއަތްތަކުން އެއްބަސްވި ހިދުމަތްތައް ނުދޭ މައްސަލަ މިފަހަރު އަދި ކުރިމަތިނުވާ ކަމަށް އިސްލާމިކް މިިނިސްޓްރީން ބުނެފިއެވެ.

މީގެ ކުރީ އަހަރުތަކަށް ބަލާއިރު ޖަމާއަތްތަކުން އެއްބަސްވިގޮތަށް ހައްޖުވެރިންގެ އެކޮމެޑޭޝަނާއި ކެއިންބުއިމުގެ ކަންކަން ހަމަނުޖެހުމުގެ ޝަކުވާ ހުށަހެޅުން ގިނައެވެ.

އިސްލާމިކް މިނިސްޓްރީގެ ކޯޑިނޭޓަރު މުހައްމަދު އަހުސަން މިއަދު "ސަން"އަށް ވިދާޅުވީ ހައްޖުވެރިންގެ ހާލަތު ސައުދީގައި ތިބި ހައްޖު މިޝަންއިން ބަލަމުންދާއިރު ޖަމާއަތްތަކުން އެއްބަސްވި ހިދުމަތް ނުދިނުމުގެ ޝަކުވާއެއް ހުށަނާޅާ ކަމަށެވެ.

"ހައްޖު މިޝަންގެ ބޭފުޅުން ވެސް އެކޮޅުގައި އެބައުޅުއްވާ އަދި އަޅުގަނޑުމެން މިކޮޅުން ބަލަމުންދާ ބެލުމުގައި އެއްވެސް ޝަކުވާއެއް އައިސްފައެއް ނެތް،" އަހުސަން ވިދާޅުވި އެވެ.

ޖަމާއަތްތަކުން އެއްބަސްވި ހިދުމަތްތައް ނުދޭނަމަ އެ ޖަމާއަތަކަށް އަންނަ އަހަރު ހައްޖަށް މީހުން ގެންދިއުމުގެ ހުއްދަ ނުދޭނޭކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު މުސްތަފާ ވިދާޅުވީ، ހައްޖު ޖަމާއަތްތަކުން ތިން ޕެކޭޖަކަށް ހައްޖާޖީންގެ އަތުން ފައިސާ ނަގާފައިވާއިރު އެ ޕެކޭޖުތަކުގައި ބުނެފައިވާ ހިދުމަތް ފޯރުކޮށްދޭތޯ ސައުދީގައި ހަރަކާތްތެރިވާ ހައްޖު މިޝަނުން ބަލާނެ ކަމަށެވެ. އެގޮތުން ހައްޖު މިޝަންގެ ބޭފުޅުން ހައްޖުވެރިން ތިބޭ ހޮޓާތަކަށްގޮސް ބަލާނެ ކަމަށް ވިދާޅުވިއެވެ.

ރާއްޖެއިން މިފަހަރު 2000 މީހުން ހައްޖަށް ދިޔައިރު ހައްޖުވެރިންނަށް ދިމާވާ ގޮންޖެހުންތައް ހައްލު ކުރުމަށް ހައްޖު މިޝަންގެ 12 މީހުންގެ ޓީމެއް ސައޫދީގައި ހަރަކާތްތެރިވާނެ ކަމަށް މުސްތަފާ ވިދާޅުވިއެވެ.

comment ކޮމެންޓް