ބީއޯސީގައި ހުރި ބޭނުންނުކުރާ އެކައުންޓްތަކަށް މުހުލަތެއް ދީފި

ބޭންކް އޮފް ސިލޯންގެ ލޯގޯ: އަންނަ ހަފްތާގެ ބުރާސްފަތި ދުވަހުގެ ނިޔަލަށް ވަނީ މުހުލަތެއް ދީފައި--

ސްރީލަންކާގެ ގައުމީ ބޭންކް، ބޭންކް އޮފް ސިލޯންގެ މާލޭ ބްރާންޗުގައި ހުޅުވާފައި ހުރި، އަދި ފަސް އަހަރު ދުވަސް ވަންދެން އެއްވެސް މުއާމަލާތެއް ނުކޮށް ހުރި އެކައުންޓްތައް އަލުން އެކްޓިވޭޓު ކުރުމަށް ދެ ހަފްތާގެ މުހުލަތެއް ދީފި އެވެ.

ބޭންކް އޮފް ސިލޯނުން އިއްޔެ ދިވެހި ސަރުކާރުގެ ގެޒެޓުގައި އިއްޔެ ޖެހި ލިޔުމެއްގައި ވަނީ، ރާއްޖޭގެ ބީއޯސީ ބްރާންޗުގައި ހުޅުވާފައި ހުރި، ފަސް އަހަރު ދުވަސް ވަންދެން މުއާމަލާތް ނުކޮށް ހުރި 580 އެކައުންޓެއްގެ މައުލޫމާތު އާންމުކޮށްފަ އެވެ. އެއީ 432 ރުފިޔާ އެކައުންޓާއި 148 ޑޮލަރު އެކައުންޓެވެ.

ބީއޯސީން ކުރި އިއުލާނުގައި ބުނެފައިވަނީ، ފަސް އަހަރު ދުވަސް ވަންދެން އެއްވެސް މުއާމަލާތެއް ނުކޮށް، އަދި ބޭންކަށް އެއްވެސް ލިޔުމެއް ފޮނުވާފައި ނުވާ ނަމަ އެ އެކައުންޓުތައް ބަންދުކޮށް، އޭގައި ހުރި ފައިސާ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއާ ހަވާލުކުރަން އެމްއެމްއޭގެ ގާނޫނުގައި ވާ ކަމަށެވެ.

އެހެންކަމުން، ބީއޯސީއިން އާންމު ކުރި ލިސްޓުގައިވާ ޑޯމަންޓު އެކައުންޓުތަކުގެ ވެރިފަރާތްތަކުން، އެ އެކައުންޓުތައް އެކްޓިވޭޓު ކުރުމަށް އެދޭ ނަމަ ސެޕްޓެމްބަރު އަށެއް ވާ ބުރާސްފަތި ދުވަހުގެ ކުރިން ލިޔުމަކުން ހުށަހަޅަން އެ ބޭންކުން އެދިފައި ވެ އެވެ.

comment ކޮމެންޓް