މެސީއަށް އަނިޔާގެ ސަބަބުން އުރުގުއޭއާއި ވެނެޒުއޭލާއާ ދެކޮޅަށް ނުކުޅެވިދާނެ!

ލިއޮނަލް މެސީ: ވާތު ފައިގެ ފަލަމަސްގަނޑަށް ލިިބިފައިވާ އަނިޔާއެއްގެ ސަބަބުން، އާޖެންޓީނާއަށް ކުރިއަށް އޮތް ދެމެޗުގައި މެސީއަށް ނުކުޅެވިދާނޭ ކަމަށް ބާސާއިން ބުނޭ -- ފޮޓޯ: ގޯލް

އާޖެންޓީނާގެ ތަރި ލައޮނަލް މެސީގެ ފައިގެ ފަލަމަސްގަނޑަށް ލިބިފައިވާ އަނިޔާއެއްގެ ސަބަބުން، ވޯލްޑް ކަޕް ކޮލިފައިންގައި އުރުގުއޭ އަދި ވެނެޒުއޭލާއާ ދެކޮޅަށް އާޖެންޓީނާ ކުޅޭ މެޗު ތަކުގައި މެސީއަށް ނުކުޅެވިދާނޭ ކަމަށް، އޭނާ ކުޅެމުން އަންނަ ސްޕެއިންގެ ބާސެލޯނާއިން ބުނެފިއެވެ.

ހޯމަދުވަހު ހެދި މެސީގެ މެޑިކަލް ޓެސްޓްތަކުން ހާމަވާގޮތުގައި އޭނާގެ ވާތު ފައިގެ ފަލަމަސްގަނޑަށް ވަނީ، ކޮންމެވެސްވަރެއްގެ އަނިޔާއެއް ލިބިފައެވެ. އެހެން ނަމަވެސް އިތުރު އެސެސްމެންޓްތައް ހެދުމަށާއި ޓީމާ ގުޅުމަށް އޭނާ އާޖެންޓީނާއަށް ދާނެކަމަށް ބާސާއިން މައުލޫމާތުދެއެވެ.

ކޮޕަ އެމެރިކާގެ ފައިނަލްގައި ޖެހިޖެހިގެން ދެވަނަ ފަހަރަށް އާޖެންޓީނާ ބަލިވި މެޗަށްފަހު ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާނުކުރުމަށް ފަހު، ފަހުން އެ ނިންމުން އަނބުރާ ގެނެސްފައިވާ، އުމުރުން 29 އަހަރުގެ މެސީ ވަނީ، ސްޕެނިޝް ލީގުގައި މިދިޔަ އާދީއްތަ ދުވަހު އެތުލެޓިކް ބިލްބާއޯ އަތުން 1-0 ލަނޑުން ބާސާ މޮޅުވި މެޗުގައި ބައިވެރިވެފައެވެ.

ކުރިން ބެލެވިފައިވާ ގޮތުން އަންނަ ހޮނިހިރު ދުވަހު، އުރުގުއޭއާ ދެކޮޅަށް އާޖެންޓީނާ ކުޅެން ހަމަޖެހިފައިވާ މެޗާއި އަދި އޭގެ ދެދުވަސް ފަހުން ވެނެޒުއޭލާއާ ދެކޮޅަށް ކުޅޭން ހަމަޖެހިފައިވާ ކޮލިފިކޭޝަން މެޗުގައި މެސީ ފެނިގެން ދާނެއެވެ.

"އެ ދެމެޗުން މެސީ ފެނުމާއި ނުފެނުން ގުޅިފައި ވަނީ، އޭނާގެ ފަޔަށް ލިބިފައިވާ އަނިޔާއާ،" ބާސެލޯނާއިން ނެރުނު ބަޔާނެއްގައި ވެއެވެ.

އާޖެންޓީނާގެ ކޯޗު އެޑްގާޑޯ ބޯޒާގެ އިރުޝާދުގެ ދަށުން އެޓީމު ކުޅޭ ފުރަތަމަ މެޗުގައި މެސީގެ އިތުރުން އެޓީމުގެ އަނެއް ދެ ފޯވާޑުން ކަމަށްވާ، ސާޖިއޯ އަގުއެރޯއާއި ހަވިއަރ ޕަސްޓޯރޭއަށްވެސް ނުކުޅެވޭނެއެވެ.

ދެކުނު އެމެރިކާ ފުޓްބޯޅަ ކޮންފެޑެރޭޝަންގައި ހިމެނޭ ގައުމުތަކުގެ މެދުގައި ކުރިއަށްދާ ވޯލްޑް ކަޕް ކޮލިފިކޭޝަންގައި މިހާތަނަށް ހަމެޗު ކުޅެފައިވާއިރު، އެއްވަނައިގައި އޮތީ އުރުގުއޭ އެވެ. އާޖެންޓީނާ އޮތީ ގްރޫޕްގެ ތިންވަނައިގައެވެ.

comment ކޮމެންޓް