ބިންހިއްކަން އެމްޓީސީސީ އިން ގެންނަ ޑުރެޖަރު ބަނުމުގެ މަސައްކަތް ފަށައިފި

އެމްޓީސީސީ އިން ގެންނަ ޑްރެޖަރުގެ މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ/ އެމްޓީސީސީ

އެމްޓީސީސީ އިން ނެދަލެންޑުގެ އައިއެޗްސީ ކުންފުންޏާ ހަވާލުކޮށްގެން ޗައިނާގައި ބަންނަމުންދާ ހޮޕަ ސަކްޝަން ޑްރެޖަރުގެ ފަށަން ބަހައްޓައި ޑުރެޖަރު ބަނުމުގެ އަމަލީ މަސައްކަތް ފަށައިފި އެވެ.

"މަހާ ޖައްރާފް" ނަމުގައި ބަންނަމުން އަންނަ އެ ޑުރެޖަރަކީ 50 މީޓަރު އަޑިން ވެލި ނެގުމުގެ ގާބިލުކަން ލިބިގެންވާ، 92.95 މީޓަރު ދިގު 16.30 މީޓަރު ފުޅާ ޑްރެޖަރެކެވެ. އަދި އެ ޑްރެޖަރުން އެއްފަހަރާ 3700 ކިއުބިކް މީޓަރުގެ ވެލި ބަރު ކުރެވެ އެވެ.

އެމްޓީސީސީން ގެންނަ ޑްރެޖަރުގެ ސްކޭލް މޮޑެލް އެއް: މި ޑްރެޖަރު ހެދުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައި --- ފޮޓޯ/ އެމްޓީސީސީ

އެމްޓީސީސީގެ ސީއީއޯ އިބްރާހިމް ޒިޔަތު މިއަދު ސަން އަށް ވިދާޅުވީ "މަހާ ޖައްރާފު" ބަނުމުގެ ހުރިހާ މަސައްކަތެއް މި އަހަރު ޑިސެމްބަރު މަސް ތެރޭގައި ނިންމާލެވޭނެ ކަމަށާއި ޑުރެޖަރު ޓެސްޓް ރަން ހެދުމަށް ފަހު ރާއްޖެ ގެންނަން ޝެޑިއުލް ކުރެވިފައި ވަނީ 2017 ވަނަ އަހަރުގެ މާޗު މަސް ތެރޭގައި ކަމަށެވެ.

"މާރިޗު މަހުގެ ކުރިން ވެސް ޑްރެޖަރު ގެނެވޭތޯ މަސައްކަތް މި ކުރަނީ، މި ޑުރެޖަރު ވާނެ ދުނިޔޭގެ ފެންވަރުގެ ކޮންނަ ބޯޓަކަށް،" ޒިއަތު ވިދާޅުވި އެވެ.

ރާއްޖެ އަށް މިހާތަނަށް ގެންނާނެ އެންމެ ބޮޑު ޑުރެޖަރަކީ އެއީ އެވެ. ތަރައްގީގެ ގިނަ މަޝްރޫތަކެއްގައި ބޭނުންކުރެވޭނެ އެ ޑުރެޖަރު ހަދަން ޖުމްލަ 36 މިލިއަން ޑޮލަރު އެމްޓީސީސީ އިން ހަރަދުކުރެ އެވެ. އެމްޓީސީސީ އިން އެ ޑުރެޖަރު ބަންނަ ވާހަކަ އާންމު ކުރީ އެ ކުންފުނީގެ 2015 ވަނަ އަހަރުގެ އަހަރީ ރިޕޯޓްގަ އެވެ.

އެމްޓީސީސީން ގެންނަ ޑްރެޖަރުގެ މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ/ އެމްޓީސީސީ

ޒިއަތު ވިދާޅުވި ގޮތުގައި އެ ޑްރެޖަރުގެ ސަބަބުން އެމްޓީސީސީ އާ ހަރުފަތަކާ ދިމާލަށް މިސްރާބު ޖަހާނެ ކަމަށާއި ސަރުކާރުން ރާއްޖޭގެ އުމްރާނީ ތަރައްގީއަށް ކުރަމުން ގެންދަވާ މަސައްކަތް އިހުނަށް ވުރެން ހަލުއިވެގެން ދާނެ ކަމަށެވެ. އަދި އެ ޑްރެޖަރާ އެކު ބިންހިއްކުމުގެ ބޮޑެތި ޕްރޮޖެކްޓްތައް ރާއްޖެއާއި ރާއްޖޭން ބޭރުގައި ހިންގޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެމްޓީސީސީ އިން ގެންނަ އެ ޑްރެޖަރުގެ ސަބަބުން ބިން ހިއްކުމަށް ނަގާ މުއްދަތު އަވަސްވެ، ގައުމުގެ ތަރައްގީއަށް ބޭނުންވާ ގިނަ މަޝްރޫއުތަކެއް ހިންގިގެންދާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

ފަށަށް ބެހެއްޓުމަށް ޗައިނާގެ ނަންޓޮން ރެއިންބޯ މެރިން ޓެކްނޮލޮޖީ ބޯޓް ޔާޑުގައި ބޭއްވި ހާއްސަ ރަސްމިއްޔާތު ޝަރަފްވެރިކޮށް ދެއްވީ އެމްޓީސީސީގެ ސީއީއޯ އިބްރާހީމް ޒިޔަތާއި ޗެއާމަން ހުސެއިން ސާލިމް މުހަންމަދެވެ.

comment ކޮމެންޓް