އަންނަ މަހު ހަތެއްގައި އައިފޯން7 އާއެކު އާ މެކްބުކެއް

އެޕަލްއިން މި އަހަރު ނެރޭ އައިފޯނު 7، ކުރިއަށް އޮތް ސެޕްޓެމްބަރު މަހުގެ ހަތް ވަނަ ދުވަހު ރިލީޒް ކުރާނެކަން އެޕަލުން ކަށަވަރު ކޮށްދީފި އެވެ.

އެޕަލްއިން އިއްޔެ ވަނީ، ސެޕްޓެމްބަރު ހަތް ވަނަ ދުވަހު އެ ކުންފުނިން ބާއްވާ އިވެންޓަކަށް ބައެއް ނޫސްވެރިންނަށާއި މީޑިއާ ސްޓޭޝަންތަކަށް ދައުވަތު ފޮނުވާފަ އެވެ.

އައިފޯން 7 އަދި އައިފޯން 7 ޕްލަސް އެ ދުވަހު ނެރޭނެކަން މިހާރު ކަށަވަރުވެފައިވާ އިރު، އޭގެ އިތުރަށް އެޕަލްގެ އިތުރު ބައެއް ޕްރޮޑަކްޓުތައް ވެސް ލޯންޗު ކުރާނެ ކަމަށް ބެލެވެ އެވެ.

އެއީ މެކްބުކް ޕްރޯއާއި އެޕަލް ވޮޗް ދޭއް އެވެ.

އެޕަލް ވޮޗް 2ގައި، ކުރީގެ އެޕަލް ވޮޗްތަކަށް ވުރެ ބޮޑު ބެޓެރީއެއް ހުންނާނެ ކަމަށް ބެލެވޭ އިރު، އޭގައި ޖީޕީއެސްއަކާއި ޖައްވުގެ ޕްރެޝަރު ދެނެގަންނަ ބެރޯމީޓަރެއް ހިމެނޭނެ ކަމަށް ބެލެވެ އެވެ. ގަޑީގެ މޫނުމަތި ހަތަރެސްކަން ބައްޓަމަކަށް ހުންނާނެ ކަމަށް ބެލެވޭ އިރު އޭގައި މައިކްރޯ އެލްއީޑީ ޑިސްޕްލޭއަކާއި ފޯޖީ އެލްޓީއީ ކޭޕަބިލިޓީ ހުންނާނެ އެވެ.

މެކްބުކް ޕްރޯގެ އާ ވާޝަނެއް ނެރޭނެ ކަމަށް ބެލެވޭ އިރު، އޭގެ 13 އިންޗި އަދި 15 އިންޗީގެ ދެ ވޭރިއަންޓް ނެރޭނެ ކަމަށް ވެ އެވެ. އަދި ޔޫއެސްބީ ޓައިޕް ސީގެ ހަތަރު ޕޯޓު ވެސް އޭގައި ހުންނާނެ ކަމަށް ބެލެވެ އެވެ.

އައިފޯނު ހަތެއް ލޯންޗުކުރާ ދުވަސް އެޕަލްއިން ކަށަވަރު ކޮށްދީފައިވާ އިރު، އެ ފޯނަށް ޕްރީއޯޑާ ބަލައިގަތުން ސެޕްޓެމްބަރު ނުވަ ވަނަ ދުވަހު ފަށާނެ ކަމަށް ބެލެވެ އެވެ. އަދި މަހުގެ މެދުތެރޭގައި ފޯނު ވިއްކަން ފަށާނެ އެވެ.

comment ކޮމެންޓް