ފުލުހުންގެ ހައްޔަރުގައި ހުރި މީހަކު ނިޔާވެއްޖެ

ފުލުހުންގެ ތަހުގީގީ ޖަލު ހިންގާ ދޫނިދޫ-- ފޮޓޯ: ގޫގުލް

ދޫނިދޫގައި ހުންނަ ފުލުހުންގެ ތަހުގީގީ ޖަލުގައި ހައްޔަރުކޮށްފައި ހުރި މީހަކު ނިޔާވެއްޖެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް 'ސަން'އަށް މިއަދު ވިދާޅުވީ، ރޭ ފަތިހުގެ ވަގުތެއްގައި ނިޔާވެފައި ވަނީ، ދޫނިދޫގައި ހައްޔަރުކޮށްފައި ހުރި އުމުރުން 55 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

"އެމީހާގެ ހާލު ދެރަވުމުގެ ސަބަބުން، ރޭ މެންދަމު 3:35 ކަންހާ އިރު، އިމަޖެންސީގައި މާލެގެނެސް އައިޖީއެމް ހޮސްޕިޓަލަށް ގެންދިޔައީ. އަދި އޭނާ ބެއްލެވި ޑޮކްޓަރު ވަނީ އެމީހާ ނިޔާވެފައިވާކަން ކަށަވަރުކޮށްދީފައި،" އޮފިޝަލް ވިދާޅުވިއެވެ.

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ޒީނަތު އަލީ ހަބީބު 'ސަން'އަށް ވިދާޅުވީ، މިއަދު ހެނދުނު ފުލުހުންގެ ބެލުމުގެ ދަށުން އެ ހޮސްޕިޓަލަށް ގެނައި މީހަކު ހޮސްޕިޓަލަށް ގެނައިއިރުވެސް ވަނީ ނިޔާވެފައި ކަމަށެވެ.

"އެއީ އުމުރުން 55 އަހަރުގެ ދިވެހި ފިރިހެނެއް. ހޮސްޕިޓަލަށް އެ މީހާ ގެނައީ މިއަދު ހެނދުނު 6:50 ކަންހާރު. އެމީހާ ހޮސްޕިޓަލަށް ގެނައި އިރުވެސް ވަނީ ނިޔާވެފައި،" ޒީނަތު ވިދާޅުވިއެވެ.

ސަންއަށް އެނގިފައިވާ ގޮތުގައި އެމީހާއަކީ، ހިތުގެ ބައްޔަށް ފަރުވާ ހޯދަމުންދާ މީހެކެވެ. އެމީހާއާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ވެސް އަދި ހޮސްޕިޓަލުންވެސް މިހާތަނަށް ހާމައެއް ނުކުރެއެވެ.

comment ކޮމެންޓް