ލެޖެންޑުންނާ ދެކޮޅަށް ގައުމީ ޓީމުން ރަނގަޅު ކުޅުމެއް ދައްކައިފި: ގައުމީ ކޯޗު

އޮގަސްޓް 29، 2016؛ ރާއްޖެއަށް 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކޮށްދިން ޓީމާއި މިހާރުގެ ގައުމީ ޓީމް ބައްދަލު ކުރި މެޗުގެ ތެރެއިން--- ސަން ފޮޓޯ/ ފަޔާޒް މޫސާ

ސާފް ޗެމްޕިއަންޝިޕް ރާއްޖެއަށް ހޯދައިދިން ކުޅުންތެރީންގެ ޓީމާ ދެކޮޅަށް މިހާރުގެ ގައުމީ ޓީމުން ރަނގަޅު ކުޅުމެއް ދައްކައިފި ކަމަށް ގައުމީ ކޯޗު ޑަރެން ސްޓެވާޓް ބުނެފިއެވެ.

ރާއްޖެއިން ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރިތާ އަށް އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން ރޭ ގައުމީ ފުޓްބޯޅަ ދަނޑުގައި 2008 ވަނަ އަހަރުގެ ގައުމީ ޓީމާ ދެކޮޅަށް ކުޅު 1-0ގެ ނަތީޖާ އަކުން މިހާރުގެ ގައުމީ ޓީމް މޮޅުވި މެޗަށް ފަހު ވާހަކަ ދައްކަމުން ގައުމީ ކޯޗު ޑަރެން ސްޓެވާޓް ބުނީ އެ މެޗަކީ ޓީމްގެ ކުޅުންތެރިންގެ ހާލަތު ދެނެގަތުމަށް ލިބުނު ރަނގަޅު ފުރުސަތެއް ކަމަށާއި މެޗުގައި ކުޅުނީ އެއްވެސް ގޮތެއްގައި މޮޅުވާކަށް ނޫން ކަމަށެވެ.

ރޭގެ މެޗަށް ފަހު ގައުމީ ކޯޗު ސްޓެވާޓް ނޫސްވެރިންނާ ބައްދަލު ކޮށް ވާހަކަ ދައްކަނީ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

"މިއީ ދިވެހި ފުޓްބޯޅައަށްޓަކައި ކުޅުނު ވަރަށް ހާއްސަ މެޗެއް. މެޗުގައި އިންޖަރީއެއް ވެދާނެތީ އެންމެ މޮޅު ކުޅުން ކުޅުންތެރީންގެ ފަރާތުން ނުފެނިދާނެ،" ސްޓެވާޓް ބުންޏެވެ.

އޭނާ ބުނީ މިހާރު ހުރިހާ ވިސްނުމެއް ވެސް ހުރީ އޭޝިއަން ކަޕް ކޮލިފައިންގެ ޕްލޭއޮފްގައި ލާއޯސްއާ ދެކޮޅަށް ސެޕްޓެމްބަރު މަހު ހަ ވަނަ ދުވަހު މާލޭގައި ކުޅޭ މެޗާއި އޭގެ ހަތަރު ދުވަސް ފަހުން ލާއޮސްގައި އެގައުމާ ދެކޮޅަށް ކުޅޭ މެޗަށް ކަމަށެވެ.

ރާއްޖެއަށް 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކޮށްދިން ޓީމާއި މިހާރުގެ ގައުމީ ޓީމް ބައްދަލު ކުރި މެޗުގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒް މޫސާ

"އެމެޗުގެ ކުރިން އަދި އެބަ ލިބޭ މާލޭގައި އެކުވެރި ކަމުގެ މެޗެއްގައި ބަންގްލަދޭޝްއާ ދެކޮޅަށް ކުޅެން. އެ މެޗަކީ ވެސް ޓީމް ދެނެގަނެ ލާއޯސްއާ ދެކޮޅަށް ނިކުތުމުގެ ކުރިން އިތުބާރު ބޮޑުކުރަން ލިބޭ ރަނގަޅު ފުރުސަތެއް،" ސްޓެވާޓް ބުންޏެވެ.

comment ކޮމެންޓް