ރަނގަޅު ޕްލޭނަކާ އެކު ކުރިއަށް ގޮސްފި ނަމަ ރާއްޖެއަށް ކާމިޔާބު ލިބޭނެ: ޒަވީ

މިރޭގެ މެޗުގެ ހާފް ޓައިމްގައި ޒަވީ ބޯޅައިގައި ސޮއި ކުރުމަށް ފަހު ސަޕޯޓަރުންނަށް އުކަނީ --- ސަން ފޮޓޯ: ފަޔާޒް މޫސާ

ރާއްޖެ ފަދަ ކުދި ޖަޒީރާ ގައުމު ތަކުގައި ވެސް ފުޓްބޯޅައިގެ ހުނަރުވެރި ކުޅުންތެރިން އެބަތިބިކަމަށާއި ރަނގަޅު ޕްލޭނަކާއެކު ކުރިއަށް ގޮސްފިނަމަ ކާމިޔާބީ ލިބޭނެ ކަމަށް ބާސެލޯނާ އާއި ސްޕެއިންގެ ކުރީގެ ޑިފެންޑަރު ޒަވީ ހެނާންޑޭޒް ބުނެފިއެވެ.

ރާއްޖެއަށް 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކޮށްދިން ޓީމާއި މިހާރުގެ ގައުމީ ޓީމް ކުޅުނު މެޗުގެ ޝަރަފުވެރި މެހެމާނެއްގެ ގޮތުން މިރޭ ގައުމީ ފުޓްބޯޅަ ދަނޑަށް އައިސް ނޫސްވެރިންނާ ވާހަކަ ދައްކަމުން ޒަވީ ބުނީ، ރާއްޖެ އާދެވުމުން ވަރަށް އުފާވާ ކަމަށާއި މިއީ ވަރަށް ވެސް ހިތްގައިމު ތަނެއް ކަމަށެވެ.

"ވަރަށް އުފާވެފައި މިހުރީ މީގެ އަށް އަހަރު ކުރިން ރާއްޖެއަށް ލިބުނު ކާމިޔާބީ ފާހަގަ ކުރުމުގެ ދައުވަތު ލިބުމުން،" ސްޕޭނުގެ ގައުމީ ޓީމަށް 133 މެޗު ކުޅެދީ 13 ގޯލު ކާމިޔާބު ކޮށްދީފައިވާ ޒަވީ ބުންޏެވެ.

އުމުރުން މިހާރު 36 އަހަރުގެ ޒަވީ ވަނީ މިރޭގެ މެޗު ފެށުމުގެ ކުރިން ދެ ޓީމްގެ ކުޅުންތެރިންނާ ސަލާމްކޮށް މެޗުގެ ހާފް ޓައިމްގައި އޭނާގެ ސޮއި ކޮށްފައިވާ ބޯޅަ ތަކެއް ސަޕޯޓަރުންނަށް އުކައިފައެވެ.

ދެހާސް ދިހަ ވަނަ އަހަރުގެ ވޯލްޑް ކަޕާއި 2008 އާއި 2012 ވަނަ އަހަރު ސްޕެއިން ޓީމުން ޔޫރޯ ކާމިޔާބު ކުރިއިރު އެ ޓީމްގައި ޒަވީ ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ. އޭނާ ވަނީ ސްޕެއިނުގެ ބާސެލޯނާ އަށް 505 މެޗު ކުޅެދީ އެ ކްލަބްއާ އެކު ސްޕެނިޝް ލީގު އަށް ފަހަރު އަދި ސްޕެނިޝް ކަޕް ތިން ފަހަރު ކާމިޔާބުކޮށްފައެވެ. މީގެ އިތުރުން ޗެމްޕިއަންސް ލީގު ހަތަރު ފަހަރު، ޔުއެފާ ކަޕް ދެ ފަހަރު އަދި ފީފާ ކްލަބް ވޯލްޑް ކަޕް ދެ ފަހަރު ކާމިޔާބްކޮށްފައެވެ.

comment ކޮމެންޓް