އިރުޝާންގެ މަރުގެ ދައުވާ ލިބޭ ކުދިންގެ ޝަރީއަތް ފަށައިފި

ކަރަށް ވަޅިހެރުމުން މަރުވި އަހުމަދު އިރުޝާން ހިލްމީ ---- ފޮޓޯ: ފޭސްބުކް

މިދިޔަ ޖޫން މަހުގެ ތިން ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި ކ. ކާށިދޫ، ރަންފަރު، އުމުރުން 14 އަހަރުގެ އަހުމަދު އިރުޝާން ހިލްމީ މަރާލި ކަމުގެ ތުހުމަތުގައި ދައުވާ އުފުލާފައިވާ ތިން ކުދިންގެ ޝަރީއަތް އިއްޔެ ފަށައިފިއެވެ.

އެ ތިން ކުދިންގެ މައްޗަށް އުފުލާފައި ވަނީ ތޫނުއެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ.

ޖުވެނައިލް ކޯޓުގެ އޮފިޝަލަކު ވިދާޅުވީ އިއްޔެ ބޭއްވި އެ މައްސަލައިގެ ފުރަތަމަ އަޑުއެހުމުގައި ދެ ކުއްޖަކަށް ވަކީލަކު ހަމަޖެއްސުމަށް އިތުރު ފުރުސަތެއް ދީފައިވާ ކަމަށެވެ. އަދި އަނެއް ކުއްޖާ ވަކީލަކު ހަމަޖައްސަން އިތުރު ފުރުސަތަކަށް އެދިފައިވާތީ އެ ފުރުސަތު ދީފައިވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.

އެ މައްސަލައިގެ ދެވަނަ އަޑުއެހުން އޮންނާނީ ބުދަ ދުވަހުއެވެ.

ދައުލަތުން އެ ތިން ކުދިންގެ މައްޗަށް ކުރި ދައުވާގައި ވަނީ މިދިޔަ ޖޫން މަހުގެ ތިން ވަނަ ދުވަހުގެ ހަވީރު 5:30 އެހައިކަންހާއިރު، އެ ތިން ކުދިން އިތުރު ބަޔަކާ އެކު މ. މަދަންގެއާ ދިމާލަށްވާގޮތަށް މަޖީދީމަގުގައި ޕާކްކޮށްފައި އޮތް ޕިކަޕެއްގެ ތެރޭގައި ތިބި ކުދިންތަކަކާ މާރާމާރީ ހިންގަމުން ދަނިކޮށް، އޭގެތެރެއިން އެއްކުއްޖަކު އިރުޝާންގެ ކަނާތް ފަރާތު ކަރަށް ވަޅިއެއް ހަރާލާފައިވާ ކަމަށެވެ.

ދައުވާ ލިބޭ ތިން ކުދިންގެ އުމުރަކީ 14 އަހަރާއި 15 އަހަރާއި 17 އަހަރެވެ.

comment ކޮމެންޓް