އެމްއެންޑީއެފްގެ ދިރާސާ ކުރުމުގެ ވޯކްޝޮޕެއްގައި މިނިސްޓަރު ސެޝަންއެއް ނަންގަވައިދެއްވައިފި

އެމްއެންޑީއެފްގެ ދިރާސާ ކުރުމުގެ ވޯކްޝޮޕެއްގައި މިނިސްޓަރު ސެޝަންއެއް ނަންގަވައިދެއްވަނީ --- ފޮޓޯ/ އެމްއެންޑީއެފް

ގައުމީ ދިފާއީ ބާރު، މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ (ސީޑީއެސްއެސް) އިން މިއަދު ފެށި ދިރާސާކުރުމުގެ ވޯކްޝޮޕެއްގެ ސެޝަންއެއް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ނަންގަވައިދެއްވައިފިއެވެ.

ސީޑީއެސްއެސްގެ ރިސާޗް އެންޑް ޑިވެލޮޕްމަންޓް ޑިޕާމަންޓުން "ރިސާޗް ވޯކްޝޮޕް 16-01" ގެ ނަމުގައި މިއަދު ފެށި އެ ވޯކްޝޮޕަކީ އެމްއެންޑީއެފްގެ ކުރިއެރުމާއި ތަރައްގީއަށް ބޭނުންވާ ހޯދުންތަކާއި ދެމެހެއްޓެނިވި ގޮތުގައި އިންސާނީ ވަސީލަތް ތަރައްގީ ކުރުމަށް ބޭނުންވާ ދިރާސާ ކުރުމުގެ އިލްމާއި ހުނަރު ދަސްކޮށްދިނުމުގެ މަގްސަދުގައި ފެށި ޕްރޮގްރާމެކެވެ.

މިއަދާ މާދަމާ ކުރިއަށްދާ އެ ޕްރޮގްރާމް ޝަރަފުވެރިކޮށްދެއްވައި، މިނިސްޓަރު އާދަމް ޝަރީފް ވަނީ އެކްޝަން ރިސާޗް އާ ބެހޭގޮތުން ވޯކްޝޮޕްގެ ބައިވެރިންނާ ތަގުރީރު ކުރައްވާފައެވެ.

އެމްއެންޑީއެފުން ބުނީ، އެ ވޯކްޝޮޕްގައި ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ވައިސް ޗާންސެލަރު ޑރ. އަލީ ފަވާޒް ޝަރީފާއި އެ ޔުނިވާސިޓީގެ އިތުރު ލެކްޗަރާއިން ސެޝަންތައް ނަންގަވައިދެއްވާނެ ކަމަށެވެ.

މީގެ އިތުރުން، އެމްއެންޑީއެފްގެ ސީޑީއެސްއެސްގެ ރިސާޗް އެންޑް ޑިވެލޮޕްމަންޓް ޑިޕާޓްމަންޓުގެ އޮފިސަރު އިންޗާޖް މޭޖަރު ޑރ. މިރާޒް މުހައްމަދުފުޅާއި އެމްއެންޑީއެފްގެ މަތީ ތައުލީމު ހާސިލުކުރައްވާފައިވާ ތަޖުރިބާކާރު ލެކްޗަރާއިން ތަގުރީރު ކުރައްވާނެ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

comment ކޮމެންޓް