އީދު ފާހަގަކުރަން ރައްޔިތުންގެ ބަޖެޓުން ހަރަދުކޮށްފިނަމަ ފިޔަވަޅު އަޅާނަން: އޭސީސީ

ރަށެއްގައި އީދު ފާހަގަ ކުރަނީ --- ސަން ފައިލް ފޮޓޯ

ހދ. ހަނިމާދޫގައި މިއަހަރުގެ އީދު ފާހަގަ ކުރުމަށް ރައްޔިތުުންގެ ބަޖެޓުން ހަރަދުކޮށްފިނަމަ އެންޓި ކޮރަޕްޝަން ކޮމިޝަންގެ ގާނޫނުގެ 27ވަނަ މާއްދާގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށް އޭސީސީން ހަނިމާދޫ ކައުންސިލަށް އަންގައިފިއެވެ.

އޭސީސީން ބުނީ ހަނިމާދޫ ކައުންސިލްގެ ބަޖެޓުން ހަރަދުކުރުމަށް ކައުންސިލުން ފާސްކޮށްފައިވާނަމަ އެ ނިންމުމަކީ ދައުލަތުގެ މާލިއްޔަތު ގަވާއިދާ ހިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށެވެ. އަދި އެއްވެސް ފަރާތަކުން ބާއްވާ ކުޅިވަރެއްގައި ދައުލަތުގެ އޮފީހެއްގެ ނަމުގައި ބައިވެރިކުރި ކަމުގައިވިޔަސް އެކަމަށް ދައުލަތުގެ އޮފީހެއްގެ ބަޖެޓުން އެއްވެސް ހަރަދެއް ކޮށްގެން ނުވާނެ ކަމަށާއި، އެ އޮފީހެއްގެ ބަޖެޓުގައި ކުޅިވަރު ސާމާނު ގަތުމަށް ނުވަތަ ކުޅިވަރާ ބެހޭ ކަމެއް ކުރުމަށް ފައިސާ ހިމެނިފައިނުވާނަމަ އެ އޮފީހެއްގެ ބަޖެޓުން ނުވަތަ އެހެން އެކައުންޓަކުން ނަމަވެސް ކުޅިވަރާ ބެހޭ ސާމާނު ހޯދުމަށް އެއްވެސް ހަރަދެއް ކޮށްގެން ނުވާނެ ކަމަށް އޭސީސީން ބުނެ އެވެ.

އޭސީސީން ހަނިމާދޫ ކައުންސިލަށް އަންގާފައިވަނީ ބަޖެޓުގައި ކަނޑައެޅިފައިނުވާ ކަމަކަށް ހަރަދެއް ކުރަން ބޭނުންވާނަމަ އެ ހަރަދެއް ކުރަން ބޭނުންވާ ސަބަބަކާ އެކު ފިނޭންސް މިނިސްޓްރީއަށް ހުށަހަޅައި އެ ހަރަދެއް ކުރުމުގެ ހުއްދަ ލިޔުމަކުން ހޯދަން ޖެހޭނެ ކަމަށެވެ.

ހަނިމާދޫގެ އަމިއްލަ ކްލަބަކުން އިންތިޒާމްކޮށްގެން އީދު ފާހަގަ ކުރުމަށް ބާއްވާ ކުޅިވަރުތަކަށް ރައްޔިތުންގެ ބަޖެޓުން 875000 ރުފިޔާ ހަރަދު ކުރަން ނިންމުމުން އެމައްސަލަ އޭސީސީއަށް މިމަހުގެ ތެރޭގައި ހުށަހަޅާފައިވަނީ އަމިއްލަ ފަރާތަކުންނެވެ.

ހަނިމާދޫ ކައުންސިލް މެމްބަރަކު މީގެ ކުރިން 'ސަން' އަށް ވިދާޅުވީ، އެ ބަޖެޓު ހަރަދު ކުރުމަށް ކައުންސިލްގެ ބައެއް މެމްބަރުންވެސް ނޭދޭއިރު އެހާބޮޑު އަދަދެއް ހަރަދުކުރަނީ ކޮން އުސޫލަކުންކަންވެސް ކަނޑައަޅާފައިނުވާ ކަމަށެވެ.

އޭސީސީގެ ގާނޫނުގެ 27 ވަނަ މާއްދާގައި ބުނަނީ، އެކޮމިޝަނުގެ އެންގުމަކަށް ތަބާ ނުވެއްޖެ ނަމަ، ނުވަތަ ކޮމިޝަނުގެ ގަދަރަށް އުނިކަމެއް ލިބޭގޮތަށް އަމަލުކޮށްފިނަމަ، އެފަދަ އަމަލެއްކުރި މީހެއްގެ އަދަބަކީ އެއް މަސްދުވަހަށް ޖަލަށްލުން ނުވަތަ ތިން މަސްދުވަހަށް ގޭ ބަންދުކުރުން ނުވަތަ 3000 ރުފިޔާއިން ޖޫރިމަނާ ކުރުން ކަމަށެވެ.

comment ކޮމެންޓް