ކޯޓު ހަބަރުތަކުގައި ވަކީލުންގެ ނަން ނުޖެހުމަށް އިންޑިއާގެ ކޯޓަކުން އަންގައިފި

މަޑާރަސް ހައިކޯޓު --

މީޑިއާތަކުން ކޯޓު ހަބަރުތައް ލިޔާ އިރު މައްސަލާގައި ވަކާލާތު ކުރާ ވަކީލުންގެ ނަން ނުޖެހުމަށް ޓަމިލް ނާޑޫގެ މެޑްރާސް ހައިކޯޓުން ނޫސްވެރިންނަށް އަންގައިފި އެވެ.

މެޑްރާސް ހައިކޯޓުގެ ފަނޑިޔާރުން އެ ކޯޓުގެ ރެޖިސްޓްރާއަށް އަންގާފައި ވަނީ ކޯޓުގައި ހިނގާ މައްސަލަތަކުގެ ހަބަރު ލިޔާއިރު ވަކީލުންގެ ނަން ހަބަރުގައި ނުހިމެނުމަށް ނުވަތަ ބްރޯޑްކާސްޓް ނުކުރުމަށް ނޫސްވެރިންނަށް އިރުޝާދު ދިނުމަށެވެ.

އެގޮތަށް އެންގި ސަބަބެއް ކަމަށް ކޯޓުން ބުނެފައި ވަނީ މީޑިއާތަކުގައި ވަކީލުންގެ ނަންޖަހާތީ ބައެއް ވަކީލުން މާބޮޑު 'ޕަބްލިސިޓީ'އެއް ހޯދަން ވެގެން ބައެއް ކޭސްތައް ނަގައިގެން މަސައްކަތް ކުރާތީ ކަމަށެވެ. އަދި އެއީ އިޝްތިހާރު ނުވާންވީ ގޮތަކަށް ވަކީލުން އިޝްތިހާރު ކޮށްދިނުން ކަމަށް ވެސް ކޯޓުން ވަނީ އަންގާފަ އެވެ.

ހަމަ އެގޮތަށް ފަނޑިޔާރުންގެ ނަން ވެސް ކޮންމެހެން ބޭނުންކުރަން ޖެހިއްޖެ ހާލަތެއްގައި މެނުވީ ހަބަރުތަކުގައި ބޭނުން ނުކުރުމަށް ކޯޓުން ވަނީ އަންގާފަ އެވެ.

މެޑްރާސް ކޯޓުން އެގޮތަށް އެންގުމެއް އަންގާފައި މިވަނީ އިންޑިއާގެ ވަކީލަކު ކޯޓަށް ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ. އެ ވަކީލު ކޯޓަށް މައްސަލަ ހުށަހަޅާފައި ވަނީ ފަސް ކުއްޖަކަށް ލިބުނު ޖިންސީ އަނިޔާގެ ބަދަލު ހޯދުމަށެވެ. އެ މައްސަލަ ހުށަހަޅާފައި ވަނީ ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާ ކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުންނެވެ.

އެއީ އާންމުންގެ ތެރޭގައި މަޝްހޫރު މައްސަލައަކަށް ވެފައި އެމައްސަލަ ހުށަހަޅައިގެން އިތުރު މަޝްހޫރު ކަމެއް ހޯދުމަށް ވަކީލު މަސައްކަތް ކުރީ ކަމަށް ނިންމައި އެއީ މަސައްކަތުގެ މާހައުލުގެ އަހުލާގީ މިންގަނޑާ ހިލާފު ކަމެއްކަމަށް ކަނޑައަޅައި ކޯޓުން ވަނީ އޭނާ ހަ މަސް ދުވަހަށް ސަސްޕެންޑް ކޮށްފަ އެވެ.

މެޑްރާސް ހައިކޯޓުގެ ފަނޑިޔާރުން އެންގި އެންގުމުގައި ބުނެފައި ވަނީ ކުރިއަށް 30 ދުވަހުގެ ތެރޭގައި އެ އެންގުމަށް އަމަލުނުކުރާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް ފުލުހުން މީޑިއާގެ ވަސީލަތްތައް މޮނިޓަކުރަން ޖެހޭނެ ކަމަށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް