ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އުދައެރުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ލަފާކޮށްފި

އޮގަސްޓް 28، 2016: މާލެއަށް ކުރަމުންދާ ވިއްސާރާގައި މާލޭގެ މަގެއްގައި ފެން ބޮޑުވެފައި. މަގުތަކުގައި ފެންބޮޑުވުމުގެ ސަބަބުން ހިނގާ ބިނގާވެ އުޅުމަށް ވަނީ ދަތިތަކެއް ކުރިމަތިވެފައި --- ސަން ފޮޓޯ/ މުހަންމަދު އަފްރާހް

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގެން ސަބަބުން ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ސަރަހައްދުތަކަށް އުދައެރުން އެކަށީގެންވާ ކަމަށް މޫސުމާ ބެހޭ އިދާރާއިން ލަފާކޮށްފިއެވެ.

މޯލްޑިވްސް މީޓްރިއޮލޮޖިކަލް ސާވިސް އިން ލަފާކުރާގޮތުން މިއަދުގެ ހެނދުނު 10:00 އިން މާދަމާ ހެނދުނު 10:00 އަށް ކަނޑު ގަދަވެ، ގުގުރުމާއެކު ވިއްސާރަކުރާނެއެވެ. އަދި ބައެއް ސަރަހައްދު ތަކަށް އުދައެރުން އެކަށީގެންވާތީ ކަނޑުދަތުރު ކުރައްވާ ފަރާތްތަކުން ސަމާލުވުމުނަށް ވަނީ އިލްތިމާސްކޮށްފައެވެ.

މިއަދަށް ލަފާކުރާ މޫސުން

  • ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރާނެ އަދި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ
  • ކުނުގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 10 މޭލާ 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ
  • އެހެން ހިސާބުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 15 މޭލާ 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ
  • ވިލާގަޑުގައި ގަޑިއަކު ގާތްގަޑަކަށް 45 މޭލާ 50 މޭލާ ދެމެދުގެ ބާރުމިނަށް ވައިގަދަވުން އެކަށީގެންވޭ
  • ރާއްޖޭގެ ކަނޑުތައް އާއްމުގޮތެއް ގަދަވާނެ

ރާއްޖޭއަށް މިހާރުކުރަމުންދާ ވިއްސާރައިގައި ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކޮށް ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރާވެހޭނެކަމަށް މޫސުމާބެހޭ އިދާރާއިން ލާފަކޮށްފައިވާތީ، ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ބަލައިގެން ދަތުރު ކުރުމަށް ފުލުހުންވެސް ރޭ ވަނީ އިލްތިމާސްކޮށްފަ އެވެ.

comment ކޮމެންޓް