މާރިއޯ އިންޓަ އަށް ސޮއިކޮށްފި

އިންޓަ މިލާނަށް ސޮއިކުރި ޕޯޗުގަލް މިޑްފީލްޑަރު ޖޮއާއޯ މާރިއޯ: އޭނާ އެ ކްލަބަށް ސޮއިކޮށްފައިވަނީ 45 މިލިއަން ޔޫރޯގެ އަގަކަށް --- ފޮޓޯ: ގެޓީ

ސްޕޯޓިން އަށް ކުޅެމުންދިޔަ ޕޯޗުގަލް މިޑްފީލްޑަރު ޖޮއާއޯ މާރިއޯ، އިޓަލީގެ އިންޓަ މިލާނަށް ސޮއިކޮށްފިއެވެ.

މި އަހަރު ފްރާންސްގައި ބޭއްވި ޔޫރޯ ފުޓްބޯޅަ މުބާރާތް ކާމިޔާބުކުރި ޕޯޗުގަލް ޓީމުގައި ހިމެނުނު އުމުރުން 23 އަހަރުގެ މިޑްފީލްޑަރު މާރިއޯ އިންޓަ އަށް ސޮއިކޮށްފައިވަނީ 45 މިލިއަން ޔޫރޯގެ އަގަކަށެވެ. އިންޓަ އަށް މާރިއޯ ސޮއިކުރިކަން ޕޯޗުގަލްގެ ސްޕޯޓިން އިން ވެސް ވަނީ ކަށަވަރުކޮށްދީފައެވެ.

ޕޯޗުގަލުން ޔޫރޯ ކާމިޔާބުކުރި އިރު، އެ ޓީމު ކުޅުނު ހުރިހާ މެޗެއްގައި ވެސް މާރިއޯ ފެނިގެންދިޔަ އެވެ. އެގޮތުން ޕޯޗުގަލުން ޗެމްޕިއަންކަން ހޯދި އިރު، އެ ޓީމުގެ އެންމެ މުހިންމު ކުޅުންތެރިންގެ ތެރޭގައި ވެސް މާރިއޯ ހިމެނެއެވެ.

މާރިއޯއާ އެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު އިންޓަ އިން ހާމަނުކުރި ނަމަވެސް، އެ ކްލަބުން އޭނާގެ ކުޅުން ބަލަމުންދާތާ ދުވަސްތަކެއް ވެފައިވާ ކަމަށް އިންޓަގެ ވެރިޔާ އެރިކް ތޯހިރް ބުނެއެވެ.

ތޯހިރް ބުނީ، އިންޓަ އަށް މާރިއޯ ސޮއިކުރުމުން ވަރަށް އުފާކުރާ ކަމަށާއި މާރިއޯ އަކީ ވަރަށް މޮޅު ކުޅުންތެރިއެއް ކަމަށެވެ. އަދި ޓީމާ މާރިއޯ ގުޅުމުން ސްކޮޑު އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް ވެސް އިންޓަގެ ވެރިޔާ ބުންޏެވެ.

comment ކޮމެންޓް