ރާއްޖޭގައި އިންސާނީ ހައްގުތައް ކުރިއެރުވުމަށް ގޮންޖެހުންތަކެއް އެބަހުރި: އަނިލް

ހިއުމަން ރައިޓްސް އެކްޝަން ޕްލޭން އެކުލަވާލުމަށް ބާއްވާ ވޯކްޝޮޕް ފެށުމުގެ ރަސްމިއްޔާތުގައި ބަންޑާރަ ނައިބު މުހައްމަދު އަނިލް ވާހަކަފުޅު ދައްކަވަނީ --- ސަން ފޮޓޯ/ އިހްތިޝާމް މުހައްމަދު

ރާއްޖޭގައި އިންސާނީ ހައްގުތައް ކުރިއެރުވުމަށް ގޮންޖެހުންތަކެއް އެބަހުރި ކަމަށް ބަންޑާރަ ނައިބު މުހައްމަދު އަނިލް ވިދާޅުވެއްޖެ އެވެ.

އަނިލް އެހެން ވިދާޅުވީ ޗަމްޕާ ސެންޓްރަލް ހޮޓެލްގައި މިއަދު ބޭއްވި ގައުމީ ހިއުމަން ރައިޓްސް އެކްޝަން ޕްލޭން އެކުލަވާލުމަށް ބާއްވާ ވޯކްޝޮޕް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ބަންޑާރަ ނައިބު ވިދާޅުވީ އިންސާނީ ހައްގުތައް ކުރިއެރުވުމަށް "ގޮންޖެހުންތަކެއް" ހުރިކަމަށެވެ.

"އަޅުގަނޑުމެން ބޭނުންވާ، ބޭނުން ނުވާ ގޮންޖެހުން އެބަހުރި. އަޅުގަނޑުމެން އެއަށް ބާރުފޯރުވޭ، ބާރު ނުފޯރުވޭ ގޮންޖެހުންތައް އެބަހުރި،" އަނިލް ވިދާޅުވި އެވެ.

ރާއްޖެ އަކީ ވަސީލަތްމަދު ގައުމެއް ކަމަށާއި ރާއްޖެއަކީ އިންސާނީ ހައްގުތަކުގެ ހަޔާތުގައާއި ޑިމޮކްރަސީ ހަޔާތުގައި ތަންކޮޅެއް ފަހަތުގައި އަދި އާކޮޅުގައި އުޅޭބައެއް ކަމަށް އަނިލްގެ ވާހަކަފުޅުގައި ވިދާޅުވި އެވެ. އަދި އެކަމުގެ ސަބަބުން ނުނިކުމެ ނުދާނެ އެކިއެކި މައްސަލަތައް ފެންމަތިވަމުންދާ ކަމަށާއި، އެކަންކަމަކީ އެހެން ގައުމުތަކުން ވެސް ތަޖުރިބާ ކޮށްފައިވާ ކަންކަން ކަމަށް އޭނާ ވިދާޅުވި އެވެ. އެހެން ކަމުން އެ ގައުމުތަކަށް ދިމާވި ގޮންޖެހުންތަކަކީ ކޮބައިތޯ ބަލައި އެ ގައުމުތައް އެކަންކަމުން އަރައިގަންނަން ކޮށްފައިވާ މަސައްކަތްތައް ބަލައި އެކަމުން ފިލާވަޅު ލިބިގަންނަން ޖެހޭ ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އިންސާނީ ހައްގުތައް ކުރިއަރުވައި ހިމާޔަތް ކުރުމަކީ ދައުލަތުގެ މަސްއޫލިއްޔަތެއް ކަމަށާއި، އެ މަސްއޫލިއްޔަތު އަދާކުރުމަށް އެއިރަކު އޮންނަ ސަރުކާރުން ކެނޑިނޭޅި މަސައްކަތް ކުރާނެކަމީ ޔަގީން ކަމެއް ކަމަށެވެ. އޭނާ ވިދާޅުވީ އިންސާނީ ހައްގުތައް ރައްކާތެރި ކުރުމަށް ކުރެވެމުންދާ މަސައްކަތްތަކަށް މިހާރު އޮތް ސަރުކާރުން ވަރަށް ބޮޑު އަހައްމިއްޔަތެއް ދޭކަމަށެވެ.

ހިއުމަން ރައިޓްސް އެކްޝަން ޕްލޭން އެކުލަވާލުމަށް ބާއްވާ ވޯކްޝޮޕް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ އިހްތިޝާމް މުހައްމަދު

އަނިލް ވިދާޅުވީ އެންމެންގެ ވެސް އެއްބާރުލުން ލިބިގެން އެކަން ކާމިޔާބު ކުރެވޭނެ ކަމުގެ ވިސްނުމުގައި އެންމެން އެކީގައި މަސައްކަތް ކުރެވިއްޖެ ނަމަ، ހުރި ހިތްހަމަނުޖެހުންތަކާއި، ހުރި ހިޔާލު ތަފާތުވުންތަކާ އެކު ވެސް ކުރިއަށް ގެންދެވޭނެ ކަމަށެވެ. އަދި އަމާޒަކީ މިއަހަރުގެ ޑިސެމްބަރު މަހު 10ގައި ގައުމީ ފެންވަރުގެ ފުރަތަމަ ހިއުމަން ރައިޓްސް އެކްޝަން ޕްލޭން އިއުލާނުކޮށް އަމަލީ ގޮތުން އެ ތަންފީޒުކުރަން ފެށުން ކަމަށެވެ.

އެ ވޯކްޝޮޕުގައި ގިނަ އަދަދެއްގެ މުއައްސަސާތަކުން ބައިވެރިވެ އެވެ.

comment ކޮމެންޓް