އެނާޖީ އެފިޝަންސީއަށް ފުނަދޫ 49 ދަރިވަރަކު ހޭލުންތެރިކޮށްފި

ފުނަދޫގައި ކުރިއަށްގެންދިޔަ ބައްދަލުވުމުގެ ތެރެއިން-- ފޮޓޯ: އެންވައިރޮމެންޓް މިނިސްޓްރީ

އެނާޖީ އެފިޝަންސީއަށް ހޭލުންތެރިކުރުމާއި ބެހޭ މަސައްކަތު ބައްދަލުވުމެއް ށ. ފުނަދޫގައި ބާއްވައިފި އެވެ.

އެންވައިރޮމެންޓް މިނިސްޓްރީން ބުނީ މިދިޔަ ހުކުރު އަދި ހޮނިހިރު ދުވަހު ކުރިއަށް ގެންދިޔަ އެ މަސައްކަތު ބައްދަލުވުމުގައި ފުނަދޫ ސްކޫލުގައި ސާނަވީ ތައުލީމް ހާސިލުކުރަމުންދާ 49 ދަރިވަރުން ބައިވެރިވި ކަމަށެވެ.

އެ މިނިސްޓްރީން ބުނި ގޮތުގައި އެ ބައްދަލުވުމުގައި ހަކަތަ އިގްތިސާދު ކުރުމާއި ހަކަތަ ހެޔޮގޮތުގައި ބޭނުން ކުރުމާ ބެހޭ ގޮތުން ދަރިވަރުންނަށް ވަނީ މަޢުލޫމާތު ދީފަ އެވެ. މި ބައްދަލުވުމުގައި ދަރިވަރުންނަށް މައުލޫމާތު ދެއްވީ މި މިނިސްޓްރީގެ ކަމާ ބެހޭ ތަޖުރިބާކާރުންނެވެ.

އެ މަސައްކަތު ބައްދަލުވުން ފެށުމުގެ ގޮތުން ވާހަކަދައްކަވަމުން ފުނަދޫ ސުކޫލުގެ ޕްރިންސިޕަލް ރޮބަރްޓް ސިލްވާ ވިދާޅުވީ ސްކޫލްދަރިވަރުންނަށް އެނާޖީ އެފިޝަންސީގެ މަޢުލޫމާތުދިނުމުން ހަކަތަ ބޭނުން ކުރުމުގައި ރަނގަޅު ގޮތްތައް ދެނެގަނެ، ހަކަތަ އިޤްތިސާދުކުރުމަށް އެހީތެރިވެދީ، އޭގެ ރަނގަޅު އަސަރު ކުރާނެ ކަމަށެވެ.

ސްޓްރެންތެނިން ލޯ ކާބަން އެނާޖީ އައިލެންޑް ސްޓްރެޓެޖީސް މަޝްރޫޢަކީ މިނިސްޓްރީ އާއި އދ. ގެ ތިމާވެށްޓާ ބެހޭ ޖަމްޢިއްޔާ ޔުނައިޓެޑް ނޭޝަންސް އެންވަޔަރަންމަންޓް ޕްރޮގްރާމް (ޔުނެޕް) ގުޅިގެން ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީ (ޖީއީއެފް)ގެ އެހީގައި ކުރިއަށް ގެންދާ މަޝްރޫއެކެވެ.

comment ކޮމެންޓް