ޗައިނާ ސަރުކާރުގެ އިސް ވެރިންތަކެއްގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާ ކުރަނީ

ޗައިނާ އިން ވަނީ އެގައުމުގެ ތަފާސްހިސާބުތަކާ ބެހޭ އިދާރާގެ ކުރީގެ ވެރިޔާ ވަންގް ބައޮއާންގެ މައްޗަށް ދައުވާ ކުރާނެ ކަމަށް ބުނެފަ -- ފޮޓޯ: ރޮއިޓާސް

ބެއިޖިން (އޮގަސްޓް 28)- ޗައިނާއިން ކޮރަޕްޝަން ފޮހެލުމަށްޓަކައި އެގައުމުގެ ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ޗައިނާގެ ތަފާސްހިސާބުތަކާ ބެހޭ އިދާރާގެ ކުރީގެ ވެރިޔާ އާއި އިސް ޖެނެރަލެއްގެ މައްޗަށް ދައުވާ ކުރަން ނިންމާފައިވާ ކަމަށް އެގައުމުގެ މީޑިއާތަކުން ބުނެފިއެވެ.

ޗައިނާގެ އެންޓި ކޮރަޕްޝަން ކޮމިޝަނުން ބުނި ގޮތުގައި އެގައުމުގެ ތަފާސްހިސާބުތަކާ ބެހޭ އިދާރާގެ ކުރީގެ ވެރިޔާ ވަންގް ބައޮއާންގެ މައްޗަށް ދައުވާ ކުރަން ހަމަޖެހިފައި ވަނީ މަގާމުގެ ނުފޫޒު ބޭނުން ކުރުމާއި އަހުލާގީ އެހެން މައްސަލަތަކެއްގެ ސަބަބުންނެވެ.

ކޮރަޕްޝަނުގެ ތުހުމަތުގައި ވަންގް ތަހުގީގު ކުރަމުންދާކަން އެގައުމުގެ ކޮރަޕްޝަނުގެ މައްސަލަތައް ބަލާ ސެންޓްރަލް ކޮމިޝަން ފޯ ޑިސިޕްލިން އިންސްޕެކްޝަން (ސީސީޑައި) އިން އިއުލާންކޮށްފައި ވަނީ މިދިޔަ ޖެނުއަރީ މަހުއެވެ. އޭގެ ފަހުން އޭނާ ވަނީ ވެރިކަން ކުރާ ކޮމިއުނިސްޓް ޕާޓީން ވަކިކޮށްފައެވެ.

ވަންގްގެ އިތުރުން ޗައިނާއިން ކޮރަޕްޝަނުގެ ތުހުމަތުގައި ތަހުގީގު ކުރަމުންދާ ފަރާތްތަކުގެ ތެރޭގައި އެގައުމުގެ އަސްކަރިއްޔާގެ ޖެނެރަލެއް ކަމަށްވާ ވަންގް ޖިއަންޕެންގް ހިމެނެއެވެ. ޗައިނާގެ ނޫހެއްގައިވާ ގޮތުން އެމައްސަލައާ ގުޅިގެން ފުލުހުން ވަނީ ޖިއަންޕެންގް އާއި އޭނާގެ ސެކްރެޓަރީ އާއި އަންހެނުން ވެސް ހައްޔަރުކޮށްފައެވެ.

ޗައިނާގެ ވެރިކަމަށް ރައީސް ޝީ ޖިންޕިން ވަޑައިގެންނެވި ފަހުން ކޮރަޕްޝަނާ ދެކޮޅަށް ކުރައްވަމުންދާ މަސައްކަތްތަކުގައި، ރައީސް ޝީގެ ސަރުކާރުން ވަނީ ކޮރަޕްޝަނުގެ ތުހުމަތުގައި އަސްކަރިއްޔާގެ ޖެނެރަލުންނާއި، ކުރީގެ ފަނޑިޔާރުންނާއި، މިނިސްޓަރުންނާއި ދައުލަތުގެ ކުންފުނިތަކުގެ ވެރިން ތަހުގީގުކޮށްފައެވެ. (ރޮއިޓާސް)

comment ކޮމެންޓް