ޑރ. ޖަމީލާއި އަކުރަމް އެންގުމަށް އަމަލެއް ނުކުރި، ދެން އަޅާނީ ގާނޫނީ ފިޔަވަޅު: ފުލުހުން

ހޯމް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކުރަމް ކަމާލުއްދީން އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު --- ސަން ފައިލް ފޮޓޯ

ފުލުހުން ތަހުގީގު ކުރަމުން އަންނަ މައްސަލައަކާ ގުޅިގެން 14 ދުވަހުގެ ތެރޭގައި ފުލުހުންގެ އިދާރާއަށް ހާޒިރުވެވަޑައިގަތުމަށް ކުރީގެ ނައިބު ރައީސް ޑރ. މުހއްމަދު ޖަމީލް އަހުމަދާއި ހޯމް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކުރަމް ކަމާލުއްދީނަށް ފުލުހުން އެންގި އެންގުމަށް އަމަލު ނުކުރެއްވި ކަމަށާއި ދެން އެ ދެ ބޭފުޅުންނާ މެދު އަޅާނީ ގާނޫނީ ފިޔަވަޅު ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ބުނެފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިރޭ ސަން އަށް ވިދާޅުވީ 14 ދުވަހުގެ ތެރޭގައި ފުލުހުންގެ އިދާރާއަށް ހާޒިރުވާން މިމަހުގެ ހަތަރު ވަނަ ދުވަހު ނޫސް ބަޔާން މެދުވެރިކޮށް ފުލުހުން ވާނީ ޑރ. ޖަމީލާއި އަކުރަމަށް އަންގާފައި ކަމަށެވެ.

"އެ ނޫސްބަޔާނުގައި ވަރަށް ސާފުކޮށް ބަޔާންކޮށްފައިވާނެ އެމުއްދަތުގެ ތެރޭގައި ތަޙްޤީޤަށް ހާޒިރުނުވެއްޖެނަމަ އަޅަންޖެހޭ ޤާނޫނީ އެހެނިހެން ފިޔަވަޅުތައް މޯލްޑިވްސް ޕޮލިސް ސާވިސްއިން އަޅާނެކަމަށް،" އޮފިޝަލް ވިދާޅުވިއެވެ.

ފުލުހުން އެ އެންގުން އެންގި ދުވަހު މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަނުން ބުނެފައި ވަނީ ޑރ. ޖަމީލް ރާއްޖެ ވަޑައިގަންނަވާނީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ހައްޔަރުކުރުމުން ކަމަށެވެ.

ފުލުހުން ބުނެފައި ވަނީ ޑރ. ޖަމީލާއި އަކްރަމް ފުލުހުންގެ އިދާރާއަށް ހާޒިރުކުރަން ބޭނުންވަނީ އެ ދެ ބޭފުޅުންގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލައާ ގުޅިގެން ތަހުގީގުން ކުރަންޖެހޭ ސުވާލުތައް ކުރުމަށާއި ކުރެވޭ ތުހުމަތުތަކަށް ޖަވާބުދާރީވެ ދިފާއުގައި ވާހަކަ ދެއްކުމުގެ ފުރުސަތު ދިނުމުގެ ގޮތުން ކަމަށެވެ.

ކްރިމިނަލް ކޯޓުގައި ބޭއްވި ޝަރީއަތުގެ މަޖިލީހެއްގައި ސިއްރުން ހެކިބަސް ދިން މީހަކު ބުނެފައި ވަނީ ރައީސް ޔާމީން ގާނޫނާ ޚިލާފަށް ހައްޔަރުކުރަން މީގެކުރިން ކުރި މަސައްކަތުގެ އެންމެ އަޑީގައި ހުންނެވީ ޑރ. ޖަމީލް ކަމަށެވެ. އަދި އެކަމުގައި އަކުރަމް ވެސް ބައިވެރިވެވަޑައިގެންފައިވާ ކަމަށް ސިއްރުން ހެކިބަސްދިން މީހާ ވަނީ ބުނެފައެވެ.

ރައީސް ޔާމީން ގާނޫނާ ޚިލާފަށް ހައްޔަރު ކުރަން އުޅުނު މައްސަލައިގައި ކުރި ޓެރަރިޒަމްގެ ދައުވާ ސާބިތުވެ ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް މުހުތާޒު މުހުސިނާއި އދ. މާމިގިލީ ކޯޓުގެ އިސް މެޖިސްޓްރޭޓް އަހުމަދު ނިހާން 17 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ.

comment ކޮމެންޓް