ރަނގަޅު ވަސީލަތްތަކެއް އެބަހުރި، ބޭނުންވަނީ އެންމެންގެ އެއްބާރުލުން: ޔަންކޭ

ކޯޗު ޔަންކޭ މިއަދު ރާއްޖެ އައުމަށް ފަހު ކުރީގެ ބައެއް ކުޅުންތެރިންނާއި އެކު --- ފޮޓޯ: އެފްއޭއެމް

ރާއްޖޭގެ ފުޓްބޯޅަ ކުރިއެރުވުމަށް ރަނގަޅު ވަސީލަތްތަކެއް އެބަހުރި ކަމަށާއި ބޭނުން ވަނީ އެންމެންގެ އެއްބާރުލުން ކަމަށް 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ރާއްޖެއަށް ކާމިޔާބު ކޮށްދިން ކޯޗު ސްލަވާކިޔާގެ ޖޯސެފް ޔަންކޭޒް ބުނެފިއެވެ.

ރާއްޖެއަށް ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކޮށްދިން ޓީމާއި މިހާރުގެ ގައުމީ ޓީމް މާދަމާ ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުމަށް ހަމަޖެހިފައިވާ މެޗަށް، އަށް އަހަރަށްފަހު މިއަދު މާލެއައި ޔަންކޭ ބުނީ ރާއްޖެއަށް އާދެވުމުން ވަރަށް ބޮޑަށް އުފާވާ ކަމަށާއި މިތަނަކީ ގިނަ އެކުވެރިންތަކެއް އުޅޭ ހަނދާން ތަކެއް އެކުލެވިގެންވާ ތަނެއް ކަމަށެވެ.

"އެފްއޭއެމްގައި މިވަގުތު އެ ތިބީ ފުޓްބޯޅައިގެ ތެރެއިން އައި ފުޓްބޯޅަ އިނގޭ ބައެއް. ރާއްޖޭގައި ފުޓްބޯޅަ ކުރިއެރުވުމަށް ބޭނުންވާނެ ވަސީލައްތައް ވެސް އެބަހުރި. ނަމަވެސް ސާމާނާއި މީހުން ތިއްބަކަސް ކުރިއެއް ނާރާނެ. އެންމެންގެ އެއްބާރު ލުމާއި އެކަށީގެންވާ ފައިސާ ވެސް ބޭނުން ވާނެ،" ރާއްޖެ އައިސް އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓްގައި ހުރެ ނޫސްވެރިންނާ ވާހަކަ ދައްކަމުން ޔަންކޭ ބުންޏެވެ.

މީގެ ކުރިން ދެ ފަހަރެއްގައި ރާއްޖެއަށް ކޯޗު ކޮށްދިން ޔަންކޭ ބުނީ ކުރިން ޕްރެކްޓިސް ކުރަން އޮންނަނީ އެންމެ ޓާފް ދަނޑަކާއި ދެ ވެލި ދަނޑު ކަމަށާއި ނަމަވެސް އެއިރާ އަޅައިބަލާއިރު މިހާރު ހުރި ވަސީލަތްތައް އިތުރުވެފައި ފުރިހަމަ ކަމަށެވެ.

"ނަމަވެސް ރާއްޖޭން އެންމެ ފަހުން ކުޅެފައިވާ މެޗުތަކުގެ ނަތީޖާ އެހާ ރަނގަޅެއް ނޫން. އެ ކަމުގައި އޮތީ ހަމަ އެކަނި ކޯޗުގެ މައްސަލަ އެއް ނޫން. މިހާރުގެ ޓީމް އިތުރަށް ވަރުގަދަ ކުރުމަށް ގިނަ މެޗު ތަކެއް ވެސް ބޭނުންވޭ،" ޔަންކޭ ބުންޏެވެ.

ޔަންކޭ ވަނީ 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ރާއްޖެއަށް ކާމިޔާބް ކޮށްދިނުމުގެ ކުރިން 2003 ވަނަ އަހަރު އެ މުބާރާތުން ރާއްޖެއަށް ދެވަނަ ހޯދައިދީފައެވެ.

comment ކޮމެންޓް