ޗެމްޕިއަން ލެސްޓާއާއި އާސެނަލް ފުރަތަމަ މޮޅު ހޯދައިފި

އިނގިރޭސި ލީގުގައި އެންމެ ފަހުގެ ޗެމްޕިއަން ލެސްޓާ ސިޓީ، ސުވަންޒީ ސިޓީއާ ދެކޮޅަށް ކުޅުނު މެޗުގެ ތެރޭން. ލެސްޓާ މޮޅުވީ 2-1 ލަނޑުން -- ފޮޓޯ: ބީބީސީ ސްޕޯޓްސް

އިނިގިރޭސި ޕްރިމިއަރ ލީގުގެ އެންމެ ފަހުގެ ޗެމްޕިއަންސް ލެސްޓާ ސިޓީއާއި އާސެނަލް މިފަހަރުގެ ލީގުގައި މެޗަކުން ފުރަތަމަ ފަހަރަށް މޮޅުވެއްޖެއެވެ.

ލެސްޓާގެ އަމިއްލަ ދަނޑުގައި މިރޭ ސުވަންޒީ ސިޓީއާ ދެކޮޅަށް އެޓީމު ކުޅުނު މެޗުން 2-1 ލަނޑުން މޮޅުވެފައި ވާއިރު، އާސެނަލް ވަނީ، ރަށުން ބޭރުގައި ވޮޓަފޯޑްއާ ދެކޮޅަށް ކުޅެ ފަސޭހަކަމާއެކު 3-1 ލަނޑުގެ ނަތީޖާއަކުން މޮޅުވެފައެވެ.

މި ނަތީޖާތަކާއެކު ކުޅުނު ތިން މެޗުން ލެސްޓާއަށް ވެސް އަދި އާސެނަލަށް ވެސް ވަނީ ޖުމުލަ ހަތަރު ޕޮއިންޓް ލިބިފައެވެ.

ލެސްޓާގެ ފުރަތަމަ ލަނޑު، އެ މެޗުގެ 32 ވަނަ މިނިޓްގައި އެޓީމަށް ކާމިޔާބުކޮށްދިނީ އިންގްލޭންޑް ފޯވާޑް ޖެމީ ވާޑީއެވެ. ޑެނިއެލް ޑްރިންވޯޓަރ ތަނަވަސްކޮށްދިން ފުރުސަތެއްގައި ސުވަންސީގެ ޕެނަލްޓީ އޭރިޔާތެރޭގައި ހުރެ ވާޑީ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލްގެ ތިރީ ކަނަށެވެ. މިއީ އޭނާ މިސީޒަންގައި ކާމިޔާބުކުރި ފުރަތަމަ ލަނޑެވެ. މިދިޔަ ސީޒަންގައި ވާޑީ ވަނީ ލެސްޓާއަށް 24 ލަނޑު ކާމިޔާބުކޮށްދީފައެވެ.

ބޯކޮށް ވެހެމުން ދިޔާ ވާރޭގެ ތެރޭގައި ކުޅެމުންދިޔަ މެޗުގައި ލެސްޓާގެ ދެވަނަ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ، 52 ވަނަ މިނިޓްގައި ވެސް މޯގަންއެވެ. ރޮބާޓް ހުތު ސުވަންސީގެ ޕެނަލްޓީ އޭރިޔާ ތެރެއަށް ހުރަސްކޮށްލި ބޯޅަ އޭރިޔާގެ މެދެއްހާ ހިސާބުގައި ހުރެ މޯގަން ވަނީ ގޯލްގެ ވާތްފަރާތު ތިރީ ކަނަށް ފޮނުވާލައިފައެވެ.

ލެސްޓާއަށް މެޗުގެ ނަތީޖާ އިތުރަށް ފުޅާކުރަން ލިބުނު ފުރުސަތެއް ވަނީ ބޭކާރުވެފައެވެ. އެޓީމަށް ލިބުނު ޕެނަލްޓީއަކުން މިޑްފީލްޑަރު ރިޔާޒް މަހްރޭޒް އުފެއްދި ހަމަލާގެ ހުރަހަކަށްވީ ސުވަންސީގެ ކީޕަރު ލޫކަސް ފަބިއަންސްކީއެވެ.

މެޗުގައި ސުވަންސީއަށް ސުން ކަނޑުވާލަދިން ލަނޑު މެޗުގެ 80 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ، ލިރޮއީ ފާރއެވެ. މޮޑޫ ބެރޯ ލެސްޓާގެ ގޯލް ކުރިމައްޗަށް ހުރަސްކޮށްލި ބޯޅަ ގޯލްތެރެއަށް ފާރ ފޮނުވާލީ ބޮލުންޖަހައެވެ.

އިނގިރޭސި ލީގުގައި އާސެނަލް، ވޮޓަފޯޑާ ދެކޮޅަށް ކުޅުނު މެޗުގެ ތެރޭން. އާސެނަލް މޮޅުވީ 3-1 ލަނޑުން -- ފޮޓޯ: ބީބީސީ ސްޕޯޓްސް

ވޮޓަފޯޑްގެ ދަނޑުގައި މިރޭ އެޓީމާ ދެކޮޅަށް އާސެނަލް ކުޅުނު މެޗުން އެކްލަބު މޮޅުވެފައި ވާއިރު، މިފަހަރުގެ ލީގުގައި މި ދެޓީމު ކުރިން ކުޅުނު ދެމެޗުގެ ތެރޭން ކޮންމެ ޓީމެއް ވެސް ވަނީ، އެއްމެޗުން ބަލިވެ އެއް މެޗުން އެއްވަރު ވެފައެވެ.

މެޗުގެ ފުރަތަމަ ހާފްގައި އާސެނަލްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވާއިރު، އެޓީމުގެ ފުރަތަމަ ލަނޑު ލިބުނު ޕެނަލްޓީއަކުން މެޗުގެ 9 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ ސަންޓި ކެޒޯލާއެވެ. އާސެނަލަށް ޕެނަލްޓީ ލިބުނީ، ވޮޓަފޯޑްގެ ޕެނަލްޓީ އޭރިޔާ ތެރޭން އެޓީމުގެ މިޑްފީލްޑަރު ނޫރުއްދީން އަމްރަބަތު، ކަޒޯލާއަށް ކުރި ފައުލަކާ ގުޅިގެންނެވެ.

އާސެނަލްގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދިނީ، 41 ވަނަ މިނިޓްގައި އެލެކްސް ސަންޗޭޒެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ތިއޯ ވޮލްކޮޓް ނަގައިދިން ހުރަހެއް ގޯލްގެ ތެރެއަށް ފޮނުވާލައިގެންނެވެ.

ފުރަތަމަ ހާފްގެ އިތުރު ވަގުތުގެ ފުރަތަމަ މިނިޓް ތެރޭގައި އާސެނަލް ވަނީ ތިން ލަނޑުގެ ލީޑެއް ނަގައިފައެވެ. އެޓީމުގެ 3 ވަނަ ލަނޑު ކާމިޔާބުކޮށް ދިނީ މެސުޓް އޮޒިލްއެވެ. ވޮޓަފޯޑްގެ ގޯލް ކުރިމައްޗަށް ސަންޗޭޒް ހުރަސްކޮށްލި ބޯޅަ އޮޒިލް ވަނީ ވަރަށް ރީތިކޮށް ބޮލުން ޖަހައި ގޯލްތެރެއަށް ފޮނުވާލައިފައެވެ.

ވޮޓަފޯޑްގެ ހަމަ އެކަނި ލަނޑު، 57 ވަނަ މިނިޓްގައި އެޓީމަށް ކާމިޔާބުކޮށްދިނީ، ރޮބާޓޯ ޕެރޭރާއެވެ. އާސެނަލްގެ ޕެނަލްޓީ އޭރިޔާ ތެރޭން ޕެރޭރާއަށް ލިބުނު ބޯޅަ އޭނާ ވަނީ ވަރަށް ރީތިކޮށް ގޯލްގެ ވާތްފަރާތު ކަނަށް ފޮނުވާލައިފައެވެ.

comment ކޮމެންޓް