ގޯލްޑް ޓީމާއި ގައުމީ ޓީމު ކުޅޭ މެޗަށް އަޔާލާ ރާއްޖެ އަތުވެއްޖެ

އެފްއޭއެމްގެ ރައީސް ޠާރިގް(ވ) އަދި އަޔާލާ(ކ): އަޔާލާ ރާއްޖެ އައިސްފައިވަނީ މިއަދު މެންދުރުފަހުގެ ވަގުތެއްގައި --- ފޮޓޯ: އެފްއޭއެމް

ރާއްޖެއަށް ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކޮށްދިން ގައުމީ ޓީމާއި މިހާރުގެ ގައުމީ ޓީމާ ދެމެދު އަންނަ ހޯމަ ދުވަހު ކުޅޭ މެޗަށް ހާއްސަ މެހެމާނެއްގެ ގޮތުގައި ގެންނަ އާޖެންޓީނާގެ ކުރީގެ ކެޕްޓަން ރޮބާޓޯ އަޔާލާ ރާއްޖެ އަތުވެއްޖެ އެވެ.

މިއަދު މެންދުރުފަހު އަޔާލާ ރާއްޖެ އައިސްފައިވާ އިރު، އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއޭއައި) އިން އޭނާ އަށް މަރުހަބާ ކިޔުމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސް އަހްމަދު ޠާރިގް (ޓޮމް) ވަޑައިގެން ހުންނެވި އެވެ.

އަންނަ ހޯމަ ދުވަހު ކުޅޭ މެޗުގައި އަޔާލާ ކުޅުމަށް ހަމަޖެހިފައިވާ އިރު، އެ މެޗުގައި އޭނާ ފެނިގެންދާނީ ރާއްޖެ އަށް ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކޮށްދިން ޓީމު ނުވަތަ ގޯލްޑް ޓީމުގެ ނަމުން މަޝްހޫރުވެފައިވާ ޓީމުންނެވެ.

އަޔާލާގެ އިތުރުން ހާއްސަ މެހެމާނެއްގެ ގޮތުގައި އެ މެޗަށް ސްޕެއިންގެ ބާސެލޯނާ އިން ވިދާލި ތަޖުރިބާކާރު މިޑްފީލްޑަރު ޒަވީ ހެނާންޑޭޒް ވެސް ގެނައުމަށް ހަމަޖެހިފައިވެ އެވެ. ނަމަވެސް އެ މެޗުގައި ޒަވީ އަށް ކުޅުމުގެ ހުއްދަ ލިބިފައެއް ނުވެ އެވެ.

މިހާރުގެ ގައުމީ ޓީމާއި ގޯލްޑް ޓީމު ބައްދަލުކުރާ މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ އަންނަ ހޯމަ ދުވަހުގެ ރޭ 9:00ގައި ގައުމީ ފުޓްބޯޅަ ދަނޑުގައެވެ. އެ މެޗުގެ ޓިކެޓް މިއަދު ހަވީރު 4:00 އިން ފެށިގެން ގައުމީ ފުޓްބޯޅަ ދަނޑުންނާއި ސޯޝަލް ސެންޓަރުން ލިބެން ހުންނާނެ އެވެ.

comment ކޮމެންޓް