ސަޖަންއާ އެކު ފަތައި ރައީސް ވަހީދު ޗެލެންޖު ފުރިހަމަ ކުރައްވައިފި

ޗެލެންޖް ފުރިހަމަ ކުރުމަށް ފަހު ރައީސް ވަހީދު އާއި ސަޖަން މަރޭ(ކ-3) އާއި އެކު ފޮޓޯ އަކަށް ހުއްޓިލައިގެން --- ސަން ފޮޓޯ: މުއާވިއަތު އަންވަރު

ރާއްޖޭގެ އެއްވަނަ އަންހެން ފެތުންތެރިޔާ އައިމިނަތު ސަޖަންއާ އެކު ތަމްރީނެއް ފުރިހަމަކުރުމަށް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ޖެނެރަލް ސެކްރެޓަރީ އަހްމަދު މަރްޒޫގު (މަރޭ) ކުރިމަތިކުރުވި ޗެލެންޖް ރާއްޖޭގެ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ފުރިހަމަކުރައްވައިފިއެވެ.

ރައީސް ވަހީދު އެމަނިކުފާނާ ކުރިމަތިކުރެއްވި ޗެލެންޖް ފުރިހަމަ ކުރެއްވީ މިއަދު ހެނދުނު ސަޖަންއާ އެކު މާލޭ ފަތާ ފެންގަނޑުގައި ދެ ގަޑިއިރެއްހާއިރުގެ ތަމްރީން ތަކަށް ފަހުއެވެ.

ޗެލެންޖް ފެއްޓެވުމުގެ ގޮތުން ފެތުންތެރިޔާ ސަޖަން އާއި ރައީސް ވަހީދު ކަސްރަތު ކުރައްވަނީ --- ސަން ފޮޓޯ: މުހައްމަދު އަފްރާހް

"މިއީ ވަރަށް މޮޅު ކަމެއް. އަޅުގަނޑު ވަރަށް އުފާ ކުރަން މިކަން ފެއްޓެވީތީ. އަޅުގަނޑަކާ މާ މޮޅު ފަތާ މީހަކަށް ވީމައެއް ނޫން މިކަމަށް އައީ އެއް. ހަމައެކަނި ހިތްވަރުދީ މިކަމަށް ތަރުހީބު ދިނުމުގެ ގޮތުން،" ރައީސް ވަހީދު ވިދާޅުވިއެވެ.

ރައީސް ވަހީދު ވިދާޅުވީ އެ ޗެލެންޖު ފުރިހަމަ ކުރުމުން އޭނާ އަށް ވެސް ފެތުމުގެ ވަރަށް މުހިންމު ފިލާވަޅުތަކެއް ލިބެއްޖެ ކަމަށެވެ.

ރައީސް ވަހީދު އަށް ސްވިމިންގެ ގައުމީ ހެޑް ކޯޗް، އިސްމާޢީލް ފަރުޙާން އިރުޝާދު ދެނީ --- ސަން ފޮޓޯ: މުހައްމަދު އަފްރާހް

ރައީސް ވަހީދާއެކު ފެތުމަށް ފަހު ސަޖަން ބުނީ މިކަމަކީ އޭނާ ދުވަހަކު ވެސް އުންމީދު ކޮށްގެން ހުރި ކަމެއް ނޫން ކަމަށާއި މިއީ ތަފާތު ތަޖުރިބާއެއް ކަމަށެވެ.

ރައީސް ވަހީދުގެ އިތުރުން މިހާރު ރާއްޖޭގެ ރައީސްކަން ކުރައްވަމުން ގެންދަވާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމާއި، ކުރީގެ ދެ ރައީސުން ކަމަށްވާ ރައީސް މައުމޫން އަބްދުލްޤައްޔޫމާއި ރައީސް މުހައްމަދު ނަޝީދަށް ވެސް މަރޭ ވަނީ ޗެލެންޖެއް ކުރިމަތިކުރައްވާފައެވެ.

އޭގެ ތެރެއިން ރައީސް ވަހީދު މިއަދު އޭނާގެ ޗެލެންޖު ފުރިހަމަ ކުރެއްވިއިރު ރައީސް ޔާމީނާއި ރައީސް ނަޝީދުގެ އިތުރުން ރައީސް މައުމޫނު ވެސް ވަނީ ޗެލެންޖް ގަބޫލުކުރެއްވިކަން އިއުލާން ކުރައްވައިފައެވެ.

ރައީސް ވަހީދު ފެތުންތެރިއާ ސަޖަންއާ އެކު ސްވިމިން ޓްރެކް ގައި --- ސަން ފޮޓޯ: މުހައްމަދު އަފްރާހް

މަރޭ ކުރިއަށްގެންދާ ބޮޑު ހަރަކާތުގައި އެންމެ ބޮޑު ޗެލެންޖެއް އޭނާ ކުރިމަތިކުރެއްވީ ރައީސް ޔާމީނާއެވެ. ރައީސް ޔާމީނަށް ޖެހިވަޑައިގަންނަވަނީ ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދުއާ އެކު ތަމްރީނެއްގައި ބައިވެރިވުމަށެވެ. ސާއިދު އަކީ މިދިޔަ އަހަރު ރިޔޫނިއަންގައި ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގެ 100 މީޓަރު ދުވުމުން ރާއްޖެއަށް ރަން މެޑެއްޔެއް ހޯދައިދީ، 200 މީޓަރު ދުވުމުން ރިހި މެޑެއްޔެއް ހޯދައިދިން އެތުލީޓެވެ.

ރައީސް ނަޝީދަށް ކުރިމަތިލައްވަން ޖެހިވަޑައިގަންނެވީ އައިއޯއައިޖީގައި ރާއްޖެ އަށް ލޯ މެޑެއްޔެއް ހޯދައިދިން އަންހެން ދުވުންތެރިޔާ ސަމްހާ އަހުމަދާއެކު ތަމްރީނެއް ފުރިހަމަކުރާށެވެ. ސަމްހާ އަކީ ގިނަ ދުވަސްތަކަކު އެތުލެޓިކްސްއާ ދުރުގައި ހުރުމަށް ފަހު، ބުރަ މަސައްކަތުން އައިއޯއައިޖީގައި ކާމިޔާބު ހޯދި ދުވުންތެރިއެކެވެ.

ޗެލެންޖް ފުރިހަމަ ކުރުމަށް ފަހު ރައީސް ވަހީދު ފެތުންތެރިޔާ ސަޖަންއާ ސަލާމް ކުރައްވަނީ --- ސަން ފޮޓޯ: މުހައްމަދު އަފްރާހް

ރައީސް މައުމޫނަށް ކުރިމަތިލައްވަން ޖެހިވަޑައިގެންނެވި ޗެލެންޖަކީ އައިއޯއައިޖީގައި 2011 އަދި 2015ގައި ލޯ މެޑެލް ހޯދި މުހައްމަދު އަޖްފާން ރަޝީދާ އެކު ތަމްރީނެއްގައި ބައިވެރިވުމަށެވެ. އަޖުފާނަކީ ސިންގަލްސް، ޑަބަލްސް އަދި ޓީމު އިވެންޓުގެ ބްރޮންޒް މެޑަލިސްޓެކެވެ.

ހަތަރު ރައީސުން ތަމްރީން ފުރިހަމަ ކުރައްވަން ޖެހޭނީ އަންނަ މަހުގެ ހަތް ވަނަ ދުވަހު ފަށާ ޕެރަލިމްޕިކްސް މުބާރާތުގެ ކުރިންނެވެ.

comment ކޮމެންޓް