ފުލުހުންގެ ހުއްދަ ނެތި މާލޭގައި މުޒާހަރާ ނުކުރެވޭ އިސްލާހު ތަސްދީގުކުރައްވައިފި

ފުލުހުންގެ ހުއްދަ ނެތި މާލޭގައި މުޒާހަރާ ނުކުރެވޭ އިސްލާހު، ރައީސް ޔާމީން މިއަދު ވަނީ ތަސްދީގު ކުރައްވާފައި -- ސަން ފައިލް ފޮޓޯ

ފުލުހުންގެ ހުއްދަ ނެތި އެއްވެސް ބާވަތެއްގެ އެއްވުމެއް ނުވަތަ ހިނގާލުމެއް، އުޅަނދު ބުރެއް މާލޭގައި ނުބޭވޭ ގޮތަށް ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނަށް ރައްޔިތުންގެ މަޖިލީހުން ގެނެސްފައިވާ އިސްލާހު ރައީސް އަބްދުﷲ ޔާމީނު މިއަދު ތަސްދީގު ކުރައްވައިފިއެވެ.

ރައީސް އޮފީހުން ބުނީ އެ ބިލުގެ ސަބަބުން ފުލުހުންގެ ލިޔުމުން ދޭ ހުއްދައާ އެކު ފިޔަވައި މާލޭގައި އެއްވެސް ބާވަތެއްގެ އެއްވުމެއް ނުވަތަ ހިނގާލުމެއް ނުވަތަ އުޅަނދުބުރެއް ބޭއްވޭނީ، މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅައި ޢާންމުކޮށް އިޢުލާންކޮށްފައިވާ ތަންތަނުގައި އެކަނި ކަމަށެވެ.

ހޯމް މިނިސްޓްރީން ކަނޑައަޅާ ތަންތަނުގައި ނޫން ތަނެއްގައި މުޒާހަރާ ނުކުރެވޭނެ ކަމަށް ބިލުގައި ބުނެފައިވާއިރު ބިލު ތަސްދީގު ކުރާތާ 30 ދުވަހުގެ ތެރޭގައި އެ ތަންތަން ހޯމް މިނިސްޓްރީން ކަނޑައެޅުމަށްފަހު ގެޒެޓުގައި އާއްމު ކުރަންޖެހެއެވެ. އަދި އެ ލިސްޓަށް އުނިއިތުރެއް ގެނައުމުގެ ކުރިން ހޯމް މިނިސްޓްރީން އެކަން އާންމުކޮށް އިއުލާން ކުރަންވާނެ ކަމަށް ވެސް ބުނެފައިވެއެވެ.

ފުލުހުންގެ ހުއްދަ ހޯދައިގެން ނޫނީ މުޒާހަރާ ނުކުރެވޭގޮތަށް މަޖިލީހުން މިއަދު ފާސްކުރިއިރު، ގާނޫނުއަސާސީގެ 32 ވަނަ މާއްދާގައި ބުނެފައި ވަނީ ދައުލަތުގެ ހުއްދައެއް ކުރީން ހޯދުމަކާ ނުލައި ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަން ކޮންމެ މީހަކަށް ލިބިގެންވާ ކަމަށެވެ.

comment ކޮމެންޓް