ސަޖަންއާ އެކު ފަތަން ރައީސް ވަހީދު ތައްޔާރު

ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު: ރައީސް ޔާމީނާއި ރައީސް ނަޝީދަށްފަހު ރައީސް ވަހީދު ވެސް ވަނީ މަރޭގެ ޗެލެންޖް ގަބޫލުފުޅު ކުރައްވާފައި ---

ރާއްޖޭގެ ގައުމީ އަންހެން ފެތުންތެރިޔާ އައިމިނަތު ސަޖަންއާ އެކު ތަމްރީނެއް ފުރިހަމަކުރުމަށް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ޖެނެރަލް ސެކްރެޓަރީ އަހްމަދު މަރްޒޫގު (މަރޭ) ކުރިމަތިކުރުވި ޗެލެންޖް ރާއްޖޭގެ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ގަބޫލުފުޅު ކުރައްވައިފި އެވެ.

މަރޭގެ ޗެލެންޖް ރައީސް ވަހީދު ގަބޫލުކުރެއްވި ކަން އިއުލާންކޮށްފައި ވަނީ އެ މަނިކުފާނު ކުރެއްވި ޓުވީޓަކުންނެވެ.

ރައީސް ވަހީދު ތަމްރީން ފުރިހަމަކުރައްވަން ޖެހޭ ސަޖަންއަކީ ސައުތު އޭޝިއަން ގޭމްސްގައި ރާއްޖެ އަށް ލޯ މެޑެއްޔެއް ހޯދައިދިން އަންހެން ފެތުންތެރިއެކެވެ. އޭނާ އަކީ ރާއްޖެ އިން ބޭރުގައި ތަމްރީނުތަކެއް ހަދައި، ގިނަ ކުރިއެރުންތަކެއް ހޯދަމުންދާ ފެތުންތެރިއެކެވެ.

ރައީސް ވަހީދުގެ އިތުރުން މިހާރު ރާއްޖޭގެ ރައީސްކަން ކުރައްވަމުން ގެންދަވާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމާއި، ކުރީގެ ދެ ރައީސުން ކަމަށްވާ ރައީސް މައުމޫން އަބްދުލްޤައްޔޫމާއި ރައީސް މުހައްމަދު ނަޝީދަށް ވެސް ޗެލެންޖެއް ކުރިމަތިކުރެއްވި އެވެ.

އޭގެ ތެރެއިން ރައީސް ޔާމީނާއި ރައީސް ނަޝީދު، މަރޭގެ ޗެލެންޖް ގަބޫލުކުރެއްވި އިރު، ރައީސް މައުމޫނު ޗެލެންޖް ގަބޫލުކުރެއްވިކަން އަދި އިއުލާން ކުރައްވައިފައެއް ނުވެ އެވެ.

ރާއްޖޭގެ ގައުމީ އަންހެން ފެތުންތެރިޔަ އައިމިނަތު ސަޖަން: ރައީސް ވަހީދަށް ކުރިމަތިލައްވަން ޖެހިވަޑައިގެންނެވީ ސަޖަންއާ އެކު ތަމްރީނެއް ފުރިހަމަކުރުމަށް --- ސަން ފޮޓޯ: މުއާވިއަތު އަންވަރު

މަރޭގެ ކުރިއަށްގެންދާ ބޮޑު ހަރަކާތުގައި އެންމެ ބޮޑު ޗެލެންޖެއް މަރޭ ކުރިމަތިކުރެއްވީ ރައީސް ޔާމީނާ އެވެ. ރައީސް ޔާމީނަށް ޖެހިވަޑައިގަންނަވަނީ ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދުއާ އެކު ތަމްރީނެއްގައި ބައިވެރިވުމަށެވެ. ސާއިދު އަކީ މިދިޔަ އަހަރު ރިޔޫނިއަންގައި ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގެ 100 މީޓަރު ދުވުމުން ރާއްޖެއަށް ރަން މެޑެއްޔެއް ހޯދައިދީ، 200 މީޓަރު ދުވުމުން ރިހި މެޑެއްޔެއް ހޯދައިދިން އެތުލީޓެވެ.

ރައީސް ނަޝީދަށް ކުރިމަތިލައްވަން ޖެހިވަޑައިގަންނެވީ އައިއޯއައިޖީގައި ރާއްޖެ އަށް ލޯ މެޑެއްޔެއް ހޯދައިދިން އަންހެން ދުވުންތެރިޔާ ސަމްހާ އަހުމަދާއެކު ތަމްރީނެއް ފުރިހަމަކުރާށެވެ. ސަމްހާ އަކީ ގިނަ ދުވަސްތަކަކު އެތުލެޓިކްސްއާ ދުރުގައި ހުރުމަށް ފަހު، ބުރަ މަސައްކަތުން އައިއޯއައިޖީގައި ކާމިޔާބު ހޯދި ދުވުންތެރިއެކެވެ.

ރައީސް މައުމޫނަށް ކުރިމަތިލައްވަން ޖެހިވަޑައިގެންނެވި ޗެލެންޖަކީ އައިއޯއައިޖީގައި 2011 އަދި 2015ގައި ލޯ މެޑެލް ހޯދި މުހައްމަދު އަޖްފާން ރަޝީދާ އެކު ތަމްރީނެއްގައި ބައިވެރިވުމަށެވެ. އަޖުފާނަކީ ސިންގަލްސް، ޑަބަލްސް އަދި ޓީމު އިވެންޓުގެ ބްރޮންޒް މެޑަލިސްޓެކެވެ.

ހަތަރު ރައީސުން ތަމްރީން ފުރިހަމަ ކުރައްވަން ޖެހޭނީ އަންނަ މަހުގެ ހަތް ވަނަ ދުވަހު ފަށާ ޕެރަލިމްޕިކްސް މުބާރާތުގެ ކުރިންނެވެ.

މަރޭ ކުރިމަތިކުރުވާ ޗެލެންޖަކީ އޭނާ ހޮވާލާ ފަރާތްތަކުން ރާއްޖޭގެ ކޮންމެވެސް އެތުލީޓެއް ނުވަތަ ކުޅިވަރު ޓީމަކާ އެކު ތަމްރީން ހެދުމަށެވެ. މަރޭ ހޮވާ ފަރާތްތަކުން ތަމްރީން ފުރިހަމަކުރަން ޖެހޭނީ ވެސް އޭނާ މަރޭ ކަނޑައަޅާ އެތުލީޓަކާ އެކު އެވެ. އެ ޗެލެންޖަކީ ރާއްޖޭގެ އެތުލީޓުންނަށް ހިތްވަރު ދިނުމުގެ ގޮތުން މަރޭ ކުރިއަށްގެންދާ ހަރަކާތެކެވެ.

އެހެން ފަރާތްތަކާ ޗެލެންޖު ކުރިމަތި ކުރުވުމުގެ ކުރިން މަރޭ ވަނީ ތަފާތު އެކި ކުޅިވަރުތަކުގެ ތަފާތު އެތުލީޓުންނާ އެކު ތަމްރީންތައް ފުރިހަމަކޮށްފަ އެވެ. އެއަށް ފަހު މަރޭ މިހާރު ވަނީ އެކި ފަރާތްތަކަށް ޗެލެންޖް ކުރުމުގެ ގޮތުން ތަފާތު ދާއިރާތަކުގައި މަސައްކަތްކުރާ އެކި ފަރާތްތައް ނޮމިނޭޓް ކޮށްފަ އެވެ.

މަރޭ ވަނީ ކުރިން ސަރުކާރުގެ މިނިސްޓަރުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، ކުންފުނިތަކުގެ އިސްވެރިންނާއި، ލަވަކިޔުންތެރިން އަދި ޕްރެޒެންޑަރުން ވެސް ޗެލެންޖް ކުރިމަތި ކުރުވައިފަ އެވެ. އޭގެ ތެރެއިން ގިނަ ފަރާތްތަކަކުން ވަނީ ޗެލެންޖް ގަބޫލުކޮށް، ތަމްރީނުތައް ފުރިހަމަކޮށްފަ އެވެ.

comment ކޮމެންޓް