ވީރާނާވެފައިވާ ވަޅޯމަސް މާރުކޭޓް މަރާމާތުކުރަނީ

މާލޭ ވަޅޯމަސް މާރުކޭޓް -- ސަން ފޮޓޯ

ގިނަދުވަސްވެ ވީރާނާވެފައިވާ މާލޭ ވަޅޯމަސް މާރުކޭޓް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދަން އިއުލާންކޮށްފިއެވެ.

ވެރިރަށް މާލެއަށް ބޭނުންވާ ވަޅޯމަސް ވިއްކާ އެ މާރުކޭޓަކީ މަރާމާތު ނުކުރާތާ ގިނަ ދުވަސް ވުމުން ވަރަށް ބޮޑަށް ބާވެފައިވާތަނެކެވެ. އަދި އެތަނުގެ ހާލަތު ހުރިގޮތުން ސާފުތާހިރުކަން ކުޑަވެ، ވިއްކަން ބަހައްޓާފައި ހުންނަ މަސްތައް މަތިން ބުޅަލާއި މީދާ ފަދަ ތަކެތި ދުވެ ހަދައެވެ. ސަންއިން ވާނީ އެކަން އެތައް ފަހަރަކު ލިޔެ، ސަމާލު ކަމަށް ގެނެސްފައެވެ.

މާލޭ ވަޅޯމަސް މާރުކޭޓް -- ސަން ފޮޓޯ

ހައުސިން މިނިސްޓްރީން އިއްޔެ ބުނީ ވަޅޯމަސް މާރުކޭޓް މަރާމާތު ކުރަން ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 28 ވަނަ ދުވަހު މައުލޫމާތު ސާފުކޮށް 31 ވަނަ ދުވަހު ބިޑު ހުށަހެޅުމަށް އެދޭ ކަމަށެވެ.

ނުރައްކާތެރި ބަލިތައް ފަތުރާ މީދަލާއި ބުޅާ އެ މާކެޓުގައި އިތުރުވުމުގެ މައްސަލައަކީ ދުވަސްވީ މައްސަލައެކެވެ. މިދިޔަ އަހަރު ތެރޭގައި ވެސް އެ މައްސަލަތައް ވަނީ ފެންމަތިވެފައެވެ. ވިއްކަން ބަހައްޓާފައިވާ ހިކިމަސްތަކުގެ މަތިން ބުޅަލާއި މީދާ ދުވާ ވާހަކައަކީ ހަގީގަތެކެވެ.

މާލޭ ވަޅޯމަސް މާރުކޭޓް -- ސަން ފޮޓޯ

ހަމައެކަނި ބުޅަލާއި މީދަލުގެ އުނދަގޫ އެކަންޏެއް ނޫނެވެ. މާރުކޭޓުގެ ވެންޓިލޭޝަންގެ ހާލަތު ވެސް އެހާދަށެވެ. ވައިވައްދަން ހަރުކޮށްފައި ހުރި ފަންކާތައް ވަނީ ހިރަފުހުން ފުރިފައެވެ. ފުރާޅުވަނީ ފޫގޮސްފައެވެ. އެ މާރުކޭޓުގައި ރަސްކަން ކުރަނީ ބިދޭސީންނެވެ.

ވެރިރަށް މާލެއަށް ވަޅޯމަސް ވިއްކާ މާރުކޭޓުގެ ހާލަތު މިއީ ހުރި ހިސާބެވެ. އެތައް ގޭބިސީތައަކާއި ކެއިންބުއިމުގެ ހިދުމަތްދޭ އެތައް ތަނަކަށް އެތަނުން ދަނީ މަސް ވިއްކަމުންނެވެ.

comment ކޮމެންޓް