ނާސާގެ ރީސާޗްތައް އޮންލައިންކޮށް ހިލޭ ދޫކޮށްލައިފި

ނާސާގެ އިމާރާތް --

އެމެރިކާގެ ނޭޝަނަލް އެރޮނޯޓިކްސް އެންޑް ސްޕޭސް އެޑްމިނިސްޓްރޭޝަން (ނާސާ)އިން ހަދާފައިވާ ރީސާޗްތައް އޮންލައިންކޮށް އާންމުންނަށް ހިލޭ ލިބޭ ގޮތަށް ހަމަޖައްސައިފިއެވެ.

ނާސާއިން ވަނީ "ޕަބްސްޕޭސް"ގެ ނަމުގައި ހެދި އޮންލައިން ޕޯޓަލްގައި، ޕަބްލިކް ފަންޑުތައް ބޭނުންކޮށްގެން ހަދާފައިވާ 850 އަށް ވުރެ ގިނަ ރީސާޗް އާންމު ކޮށްފައެވެ.

ދެހާސް ތޭރަ ވަނަ އަހަރު، ވައިޓްހައުސްގެ ސައިންސާއި ޓެކްނޮލޮޖީ ސިޔާސަތުތަކާ ބެހޭ އޮފީހުން ވަނީ، ނާސާއާއި އެހެނިހެން އޭޖެންސީތަކުން ހަދާ ރީސާޗުތައް އާންމުކޮށް ލިބޭނެ އިންތިޒާމުތައް އިތުރަށް ހަމަޖެއްސުމަށް އެ އޭޖެންސީތަކަށް އަންގައިފައެވެ.

މީގެ ކުރިން ގިނަ ރީސާޗުތައް ލިބެން ހުންނަނީ ފައިސާ ދީގެންނެވެ. އެހެން ނަމަވެސް ނާސާއިން މިހާރު ހަދާފައިވާ އާ ގަވައިދެއްގެ ދަށުން، ނާސާއަށް ދައުލަތުން ދޭ ޚަރަދުގައި ހަދާ ކޮންމެ ރީސާޗެއް ވެސް، އެ ރީސާޗު ހަދާތާ އަހަރެއްގެ ތެރޭގައި ޕަބްސްޕޭސްގައި އާންމު ކުރަން ޖެހެއެވެ.

ގައުމީ ސަލާމަތާ ގުޅުންހުރި ބައެއް ރީސާޗުތައް އާންމު ނުކުރި ނަމަވެސް، ނާސާއިން ބުނާ ގޮތުގައި ގިނަ ބަޔަކު ޝައުގުވެރިވާނެ ފަދަ އެހެނިހެން ރީސާޗުތައް ޕަބްސްޕޭސްއިން ލިބެން ހުންނާނެއެވެ.

comment ކޮމެންޓް