ހެޔޮ ކަންތައްތަކަށް ހަރަދު ކުރުމަށް ފޭސްބުކުގެ 95 މިލިއަން ޑޮލަރުގެ ހިއްސާ ވިއްކާލައިފި

ފޭސްބުކުގެ ބާނީ މާކް ޒަކަބާގާއި އަންހެނުން، ޕްރިސިލާ ޗޭން ވަނީ އެމީހުންނަށް ނިސްބަތްވާ 99 ޕަސެންޓް ހިއްސާ ހަދިޔާ ކުރާނެ ކަމަށް ބުނެފަ -- ފޮޓޯ: ރޮއިޓާސް

ސެންފްރެންސިސްކޯ (އޮގަސްޓް 20): ފޭސްބުކުގެ ހިއްސާ ވިއްކުމަށް ފަހު ލިބޭ ފައިސާއިން ހެޔޮ ކަންތައްތަކަށް ހޭދަ ކުރުމަށް ޓަކައި އެ ކުންފުނީގެ 95 މިލިއަން ޑޮލަރުގެ އަގު ހުރި ހިއްސާ ވިއްކާލައިފި އެވެ.

ފޭސްބުކުގެ ބާނީ، މާކް ޒަކަބާގް އެކުންފުނީގެ 768،000 ހިއްސާ ވިއްކާލާފައި ވަނީ އޭނާ އާއި އަނބިމީހާ، ޕްރިސިލާ ޗޭންގެ ފައުންޑޭޝަން، ޗޭން ޒަކަބާގް އިނިޝިއޭޓިވްއަށް ފައިސާ ހަދިޔާ ކުރުމުގެ ގޮތުންނެވެ.

އިންސާނީ ފޯރުންތެރިކަން އިތުރުކުރުމާއި ކުރިއަށް އޮތް ޖީލުތަކުގެ މެދުގައި ހަމަހަމަކަން ގާއިމު ކުރުމަށް ޓަކައި ޗޭން ޒަކަބާގް އިނިޝިއޭޓިވް ގާއިމު ކުރިކަން ޒަކަބާގައި ޕްރިސިލާ އިއުލާން ކުރީ އެދެ މީހުންގެ ދަރިފުޅު، މެކްސިމާ ޗޭން ޒަކަބާގް އުފަން ވުމާ ގުޅިގެންނެވެ.

ފޭސްބުކުގައި މެކްސްއަށް ލިޔުނު ސިޓީއެއްގައި ޒަކަބާގް ވަނީ އޭނާ އާއި ޕްރިސިލާއަށް ނިސްބަތްވާ ހިއްސާގެ 99 ޕަސެންޓު ހަދިޔާ ކުރާނެ ކަމަށް ބުނެފަ އެވެ. އެ ދެ މީހުން ވަނީ ކުރިއަށް އޮތް ތިން އަހަރު ތެރޭގައި، ކޮންމެ އަހަރަކު އެއް ބިލިއަން ޑޮލަރުގެ ހިއްސާ ހަދިޔާ ކުރަން ރާވައިފަ އެވެ. (ޔޫއެސްއޭޓޫޑޭ)

comment ކޮމެންޓް