ޔޫއޭއީ މީހުން އީދު ޗުއްޓީ ހޭދަކުރާން އެންމެ ބޭނުން މަންޒިލްތަކުގެ ތެރޭގައި ރާއްޖެ

ރާއްޖެ އައި ފަތުރުވެރިންތަކެއް އެއާޕޯޓު ތެރޭގައި --- ސަން ފައިލް ފޮޓޯ

ކުރިއަށް އޮތް އަޟުހާ އީދު ބަންދާ ދިމާކޮށް އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ) ގެ ރައްޔިތުން ޗުއްޓީއަށް ދާން އެންމެ ޑިމާންޑް ބޮޑު މަންޒިލްތަކުގެ ތެރޭގައި ރާއްޖެ ހިމެނޭ ކަމަށް އެގައުމުގެ ޓުއާ އޮޕަރޭޓަރުން ބުނެފިއެވެ.

އަޟުހާ އީދުގެ ފުރަތަމަ ދުވަހަކީ ކޮން ދުވަހެއްކަން ޔޫއޭއީގެ ސަރުކާރުން ހާމަކޮށްފައިނުވާއިރު، އެ ގައުމުގެ ޓްރެވަލް އެޖެންސީތަކުން ބުނާގޮތުން ކައިރި ގައުމުތަކަށް ދިއުމަށް އެއާލައިންގެ ޓިކެޓްތަކަށާއި ހޮޓެލް އަދި ކޮޓަރިތަކުގެ ބުކިން ހެދުމަށް ވަނީ ބާރުބޮޑުވެފައެވެ.

އަލް ބާދީ ޓްރެވަލް އެޖެންސީގެ ޓުއާ މެނާޖަރު ސުރާޖް ރަމޭޝް ވިދާޅުވި ގޮތުގައި، އީދު ޗުއްޓީއާ ދިމާކޮށް ބުކިން ހެދުން އިންތިހާއަށް ވަނީ އިތުރުވެފައެވެ.

އޭނާ ވިދާޅުވީ، ސްކޫލް ޗުއްޓީއަށްފަހު އެނބުރި ގައުމަށް އައިސްފައިވާ އާއިލާތަކުން ވެސް މަގްބޫލް މަންޒިލްތަކަށް އީދު ޗުއްޓީ ހޭދަކޮށްލަން ދާން ބުކިން ހަދަމުންދާ ކަމަށެވެ.

"ކުރިއަށް އޮތް މަހުގެ ތެރޭގައި އީދު ޗުއްޓީއާ ދިމާކޮށް ދަތުރުކުރުމަށް ބޭނުންވެގެން މިހާތަނަށް ވެސް ގާތްގަނޑަކަށް 30 އާއި 35 އާއިލާއެއްގެ ޓުރާންސެކްޝަން ވަނީ ނިމިފައި. ކުރު ޗުއްޓީއަކަށް ރާއްޖެއަށާއި ސީޝެލްސް އަދި ސްރީލަންކާއަށް ދާން ވަނީ ޑިމާންޑް ބޮޑުވެފައި،" ގަލްފު ނޫހަށް ރަމޭޝް އިއްޔެ ވިދާޅުވިއެވެ.

ހޮލިޑޭމީ ނަމަކަށް ކިޔާ ވެބްސައިޓެއްގެ ކޯ ފައުންޑާ އަދި މެނޭޖިން ޑިރެކްޓަރު ދިގްވިޖޭ ޕުރަތާޕް ވިދާޅުވީ، ގިނަ ކަސްޓަމަރުން ބުކިން ހަދަމުންދަނީ ފަސް ދުވަހަށް ކަމަށާއި އާއްމުކޮށް ބުކިން ހަދާ ތާރީޚާކީ ސެޕްޓެމްބަރު މަހުގެ ނުވަ ވަނަ ދުވަހުން ފެށިގެން 13 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ.

ހިޖުރީ ކަލަންޑަރު ބުނާގޮތުން، މިއަހަރުގެ އަޟުހާ އީދު ވަނީ ސެޕްޓެމްބަރު ނުވަ ވަނަ ދުވަހަށެވެ.

ދުނިޔޭގެ ފަތުރުވެރިންގެ މެދުގައި މަގްބޫލު މަންޒިލްތަކުގެ ތެރޭގައި ރާއްޖެއާއި ސީޝެލްސްގެ އިތުރުން ޔޫއޭއީގެ ރައްޔިތުން ދަނީ ގައުމާ ކައިރި ގައުމުތަށް ކަމަށްވާ، އަރްމޭނިއާ، އަޒަރުބައިޖާންގެ އިތުރުން ޖޯޖިއާ އަދި ބޮސްނިއާ ފަދަ ގައުމުތަކަށް ދިއުމަށް ވެސް ބުކިން ހަދަމުންނެވެ.

comment ކޮމެންޓް