އައިޑީ ކާޑާއި ޕާސްޕޯޓުގެ ބަރާބަރު ޚިދުމަތް

ފުރިހަމަ ދިވެއްސަކަށް ވާނީ ފޫކޮޅުގައި ރޯވުމުން ކަންތައްތައް ކުރާން އުޅުނީމަ އެވެ. މި ފަހަރު އަޅުގަނޑަށް ވެސް ވީ އެހެންނެވެ. ދަރިފުޅުގެ ޕާސްޕޯޓުގައި ހަމަސް ދުވަހުގެ މުއްދަތު ނެތްކަން ހަނދާންވީ ޓިކެޓް ގަންނަން އެއާލައިނަށް ދާން ޖެހުނީމަ އެވެ. ޕާސްޕޯޓުގައި ހަމަސް ދުވަހުގެ މުއްދަތު ނެތް ނަމަ އެއާލައިން ތަކުން ޓިކެޓެއް ނުވިއްކަ އެވެ. އެހެން އެކަން އޮންނަނީ ދަތުރުވެރިންގެ ރައްކަލަކަށް ޓަކަ އެވެ. ހަމަސް ދުވަހުގެ މުއްދަތެއް ނެތް ނަމަ އެއާޕޯޓު ތަކަށް އެތެރެ ވުމުގައި މައްސަލަ ތައް ދިމާވެ އެވެ.

މަސައްކަތް ފެށުނީ މިހާ ހިސާބުންނެވެ. ޓިކެޓް ގަތުމުގެ ސުން ގަޑި އަކީ މިއަދުގެ މެންދުރު ފަހު 3:00 އެވެ. އެ ގަޑީގެ ކުރިން ޓިކެޓް ނުނަގައިފަ ނަމަ ރިޒަވޭޝަން ކެންސަލް ވާނެ އެވެ. ފްލައިޓް ވަރަށް ފުލެވެ. ކެންސަލް ވެއްޖެ ނަމަ ދެން އަވަހަކަށް ޖާގައެއް ލިބޭކަށް ނެތެވެ. އެހެން ކަމުން ގަޑި ޖެހުމުގެ ކުރިން ދަރިފުޅުގެ އާ ޕާސްޕޯޓު އަތު ޖައްސަން އެބަ ޖެހެ އެވެ. މި ކަން ހަނދާނަށް މި އައީ އިއްޔެ އެވެ. އިއްޔެ މި ދިމާވީ ހޮނިހިރު ދުވަހަކާ އެވެ. އިމިގްރޭޝަން ބަންދު ވާނެ އެވެ. ހެދޭނެ ގޮތެއް ނެތެވެ. ދެން އޮތީ އާދީއްތަ ދުވަހަށް ފޯމު ތައްޔާރު ކޮށްގެން ހެނދުނު ހެނދުނާ ފޯމު ލުމެވެ.

ރޭގެ ވަގުތެއްގައި ދަރިފުޅު ރީތި ފޮޓޯ އަށް ފޮނުވައިގެން ޕާސްޕޯޓަށް އެދޭ ފޮޓޯ ނަގުވައިފީމެވެ. އެއީ އަވަސް ޚިދުމަކެވެ. ފަނަރަ މިނެޓު ތެރޭގައި ފޮޓޯ އަތަށް ލިބެ އެވެ. އެ ޚިދުމަތަށް އަޅުގަނޑު ސަތޭކަ ޕަސެންޓު ދެމެވެ.
މިހާ ހިސާބުން އެހެން މައްސަލަ އެއް ކުރިމަތި ވެއްޖެ އެވެ. އައިޑީ ކާޑުގެ މައްސަލަ އެވެ. ޕާސްޕޯޓު ހެއްދެން އަންނަނީ މުއްދަތު ހަމަ ނުވާ އައިޑީ ކާޑެއް އޮވެގެނެވެ. ދަރިފުޅުގެ އުމުރުން އަދި ވީ އެންމެ ފަސް އަހަރެވެ. އައިޑީ ކާޑު އަދި އޮތީ ނުހެއްދި އެވެ. އޮތީ އުފަންދުވަހުގެ ސެޓްފިކެޓެވެ. އެކަމަކު މިހާރު މި އޮތް ގޮތުން އައިޑީ ކާޑު ހައްދައިގެން ނޫނީ ޕާސްޕޯޓު އާ ކުރެވޭނެ އެއްވެސް ގޮތެއް ނެތެވެ. އިމިގްރޭޝަނަށް ގުޅައިގެން އެހެން ގޮތެއް ހަމަ ނޯންނާނެތޯ ލައްކަ ވާހަކަ ދެއްކީމެވެ. އެކަމަކު ގަވައިދު ވާނީ ގަވައިދަށެވެ. ކަރު އެލިއްޖެ އެވެ. މި ފަހަރު ދެން ޖެހޭނީ ފުރަން އޮތް ތާރީޚު ފަސް ކުރާށެވެ.

މިއަދު، ހެނދުނު ހެނދުނާ ވެލާނާގޭ އޮފީސް ބިލްޑިންގަށް ވަދެއްޖައީމެވެ. އައިޑީ ކާޑު ޔުނިޓް ހޯދާކަށް އުނދަގުލެއް ނުވި އެވެ. ވަދެގެން ސަތޭކައެއްހާ ފޫޓަށް ވެސް ނުހިނގެނީސް އެ އިމާރާތުގައި ހުންނަ އޮފީސް ތަކުގެ ޑައިރެކްޓްރީ އެއް ފެނިއްޖެ އެވެ. މައްޗަށް އަރަން ނިކަން ހެޔޮވަރުގެ ހަތަރު ލިފްޓު ހުއްޓެވެ. ހަތަރު ވަނަ ބުރީގައި ހުންނަ އެ އޮފީހަށް ވަދެވުމުގެ ކުރިން އައިޑީ ކާޑަށް އެދޭ ފޯމު ބަހައްޓާފައި ހުރި ފާޑެއްގެ ހަރުގަނޑަކާ ދިމާވި އެވެ. ބަލާކަށް ނުހުރެ އެ ތަނުން ފޯމެއް ނަގައިގެން ފުރައިލައިފީމެވެ. އަވަހަށް އެތެރެ އަށް ވަދެ ކައުންޓަރުގައި ނަންބަރަކަށް އެދުނީމެވެ. އޭރު ގަނޑިން ނުވަ ގަޑި ބައިވާން ދަނީ އެވެ. ކައުންޓަރުގައި ތިބީ މެދު އުމުރަށްދާ ތިން އަންހެނުންނެވެ. ފޯމު ހުށަހެޅޭނީ ދަރިފުޅު ގެނެސްގެން ފޮޓޯ ނަގައިގެން ނުވަތަ ދަރިފުޅުގެ ފޮޓޯ ހުރެގެން ކަމަށް އެ މީހުން އަޅުގަނޑަށް ކިޔައިދިނެވެ. އެކަމަކު އެ މީހުން އެހާ ފްރެންޑްލީ ނޫނެވެ. ކޮންމެ އަކަސް އޮފީހަށް ގޮސް 15 ވަރަކަށް މިނެޓު ތެރޭގައި އަނބުރާ އައިޑީ ކާޑު ޔުނިޓަށް ހިނގައްޖައީމެވެ. ރޭ ދަރިފުޅުގެ ޕާސްޕޯޓު ހައްދަން ނެގި ފޮޓޯތައް މި ގެންގުޅޭ ބޮޑު ސިޓީ އުރަ ތެރެއަށް ލައިގެނެވެ. މި ފަހަރު ކައުންޓަރަށް ގޮސް ނަންބަރަކަށް އެދޭ އިރަށް އެ މީހުން އަޅުގަނޑު ފާހަގަ ކޮށްފި އެވެ. "ފޮޓޯ ހިފައިގެންތޯ ތި ދުރުވީ؟" އެ މީހުން ސުވާލު ކުރި އެވެ. އަޅުގަނޑު އާދެ، އޭ ބުނުމުން ނަންބަރެއް ދީފި އެވެ. އެހާ ހިސާބުން ހަމަޖެހުމުގެ ނޭވާއެއް ލެވިއްޖެ އެވެ. ވަށައިގެން ބަލައިލީމެވެ. އެތެރެ އާއި ބޭރުގައި ގޮނޑި ޖަހާފައި ހުއްޓެވެ. ފޫކޮޅުން ހޫނު ބޭރުވާ ގޮތަށް ލޯވަޅު ކަނޑާފައި ހުރި ކަޅު ކުލައިގެ އެ ގޮނޑިތަކުގައި އިށީނދެލައިގެން އިންނަން ފަސޭހަ އެވެ. ފަނަރަ ވަރަކަށް މިނެޓު ނުވަނީސް އަޅުގަނޑުގެ ނަންބަރާ ޖެހިއްޖެ އެވެ. ކައުންޓަރުގައި އިނީ އަންހެން ކުއްޖެކެވެ. އައިޑީ ކާޑު ލިބޭނެ އިރެއް އެހުމުން އެ ކުއްޖާ ބުނީ މާދަމާ ކަމަށެވެ. އަޅުގަނޑު އަވަހަށް ދޮގެއް ހަދައިލީމެވެ. މިއަދު ނަގަން ޖެހޭ ޓިކެޓަކަށް އައިޑީ ކާޑު ބޭނުންވާ ކަމަށް ބުނެފީމެވެ. ޚިދުމަތުގެ ފެންވަރު ބަލައިލާން ހަމަ ގަސްދުގަ އެވެ. "ކޮން ކަހަލަ ޓިކެޓެއް ނަގަން؟" އެކުއްޖާ ސުވާލު ކުރި އެވެ. "އައިލެންޑް އޭވިއޭޝަނުން، މިއަދު ހަވީރު ހަތަރެއްގެ ކުރިން ޓިކެޓް ނަގަން ޖެހޭ،" މޯލްޑިވިއަންގެ ދަތުރު ތަކަށް ޓިކެޓް ނަގާ އިރު އައިޑީ ކާޑު ބޭނުންވާ ކަން ކުރިން އެނގިފަ އޮތުމުން އަވަސް އަވަހަށް ބުނީމެވެ. "އެހެންތޯ، އެހެންވީ އިރު 1:30 އަށް ނިންމައިދޭނަން،" އޯގާތެރި ރާގަކަށް އެ ކުއްޖާ ޖަވާބު ދިނެވެ. ސްލިޕް ކޮޅު ދިނުމުން އަވަހަށް ތިރިއަށް ފޭބީމެވެ. އިމިގްރޭޝަން އޮފީސް ހުންނަ އެއްވަނަ ބުރި އަށެވެ. ތިން ގަޑި ބައި ވަންދެން ޕާސްޕޯޓު ފޯމު ބަލައިގަންނާނެ ކަމާ ޕާސްޕޯޓު ލިބޭނީ މާދަން ހެނދުނު އަށެއްގެ ފަހުން ކަން އެތަނުން ކަށަވަރ ވެއްޖެ އެވެ. ދަތުރު ފަސް ކުރަން ޖެހުނީކަން މިހާ ހިސާބުން މުޅިން ޔަގީން ވެއްޖެ އެވެ.

ބާރު ބާރަށް އައީ އޮފީހަށެވެ، އަދިވެސް ގޮތެއް އޮތް ތޯ އެވެ. ބިޒްނަސް ކުލާހަށް ބަދަލު ކޮށްގެން ނަމަ ވެސް ޖެހިގެން އަންނަ ދުވަހަށް ނޫނީ ދެ ދުވަސް ފަސްކޮށް ނަމަވެސް ޓިކެޓް ލިބޭތޯ އެވެ. ހަގީގަތުގައި މި ދަތުރު ބޭނުން އިރަކަށް ފަސް ކުރެވޭ ކަށް ނެތެވެ. ސްކޫލު ބަންދާ ވެސް ދިމާ ކުރަން ޖެހޭތީ އެވެ.

އެއާލައިން އޮފީހަށް ގުޅާފައި އެ ތަނުން ސީނިއަރު ކުއްޖަކާ ވާހަކަ ދައްކަން އެދުނީމެވެ. ނަސީބަކުން ދިމާވީ އަޅުގަނޑު ކުރީ ދުވަހު ވެސް ވާހަކަ ދެއްކި ކުއްޖާ އާއެވެ. ދިމާ ވެގެން މި އުޅޭ ގޮތް ކިޔައިދީފީމެވެ. ރިޒަވޭޝަން ކެންސަލް ނުވެ މިހާރު އޮތް ތާރީޚަށް ޓިކެޓް ލިބޭނެ އެއްވެސް ގޮތެއް ނެތްތޯ ނުވަތަ ޓައިމް ލިމިޓް އިތުރު ކޮށްދެވިދާނެތޯ ސުވާލު ކުރީމެވެ. ކުރިން ވެސް އަޅުގަނޑު ވަނީ އެއް ފަހަރު ޓައިމް ލިމިޓް އިތުރު ކޮށްފަ އެވެ. ޕާސްޕޯޓު މާދަމާ މެންދުރު ލިބޭ ވާހަކަ ބުނުމުން އެ މުވައްޒަފު އަޅުގަނޑަށް މަގެއް ކޮށައިދީފި އެވެ. އެއީ މާދަމާ ޕާސްޕޯޓު ލިބުމުން އެންޑޯޒް ކުރާ ގޮތަށް ބާ ޕާސްޕޯޓަށް ޓިކެޓް ވިއްކުމެވެ. އެކަމަކު މާދަމާ އާ ޕާސްޕޯޓު ލިބުމުން އެ ތަނަށް އެ ޕާސްޕޯޓު ގެންދަން ޖެހޭ ގޮތަށެވެ. ނުގެންގޮސްގެން ދަތުރު ކުރުމުގައި ދިމާ ވެދާނެ މައްސަލަ އަކަށް ޒިންމާ ނުވާނެ ކަމަށް ވެސް ބުންޏެވެ. ކޮންމެ އަކަސް މިގޮތަށް އެއްބަސް ވެގެން އަޅުގަނޑު ޓިކެޓް ނަގައިފީމެވެ.
ބަރާބަރު އެއްގަޑި ތިރީސް ހިނގި އިރު އަޅުގަނޑު ހުރީ އައިޑީ ކާޑު ޔުނިޓުގަ އެވެ. ލަންޗް ގަޑި ކަމުން ތަން އޮތީ ހާ އަޅައިފަ އެވެ. އަޅުގަނޑަށް ލިބުނީ 2061 ވަނަ ނަންބަރެވެ. ޚިދުމަތުގެ ކިޔުގައި އަޅުގަނޑުގެ ކުރިޔަށް ހަތް މީހުން އެބަ ތިބިކަން އެ ސްލިޕުން އެނގުނެވެ. އައިޑީ ކާޑު ނަގަން މި ސްލިޕު ދޭން ޖެހޭނީ ކައުންޓަރު ނަންބަރު އެކެއް ނުވަތަ ދެޔަކަށް ކަން ވެސް އެ ސްލިޕުން އެނގެ އެވެ. އެހެން ކަމުން މި ސްލިޕު މީ ވަރަށް މޮޅު އެއްޗަކަށް އަޅުގަނޑަށްވި އެވެ. ހެނދުނާ ޚިލާފަށް މި ގަޑީގައި ކައުންޓަރުތައް ހުރީ ހުސް ކޮށެވެ. މި ގަޑީގައި ޚިދުމަތް ދެނީ ތިން ކައުންޓަރުންނެވެ. އެއީ މޮޅު ވަރެކެވެ. އަޅުގަނޑު ކުރިން ޚިދުމަތް ހޯދަން ދިޔަ ބައެއް އޮފީސް ތަކުން މެންދުރުގެ ބްރޭކް ގަޑީގައި ޚިދުމަތެއް ހޯދުން ވަނީ ވޭނަކަށެވެ. މަދު މިނެޓު ކޮޅެއްގެ ތެރޭގައި އަޅުގަނޑުގެ ނަންބަރު ޖެހިއްޖެ އެވެ. އައިޑީ ކާޑު ލިބިއްޖެ އެވެ.

އައިޑީ ކާޑު ހިފައިގެން އަނެއްކާވެސް ފޭބީ އެއްވަނަ ބުރީގައި ހުންނަ އިމިގްރޭޝަނުގެ އޮފީހަށެވެ. އިމިގްރޭޝަން ބަޔަށް ވަންނަ ދޮރުގެ ބޭރު ކައިރީގައި ނަންބަރު ނަގާ މެޝިނެއް ހުއްޓެވެ. ނަންބަރެއް ނަގައިފީމެވެ. އަޅުގަނޑުގެ ކުރިޔަށް ހަތަރު ކަސްޓަމަރުން ތިއްބެވެ. މި ތަނުގައި ވެސް މީ ލަންޗް ބްރޭކެއް ކަމަކު ތިން ކައުންޓަރުން ޚިދުމަތް ދެމުން ދިޔަ އެވެ. އަޅުގަނޑު މަޑުކޮށްލީ ބޭރުގައި ހުރި ގޮނޑިތަކުން ގޮނޑިއެއްގަ އެވެ. ވިއްސަކަށް މިނެޓު ތެރޭގައި ނަންބަރު ޖެހިއްޖެ އެވެ. ފޯމު ހުށަހަޅަން ކައުންޓަރުގައި ހޭދަ ކުރަން ޖެހުނީ ފަސް ވަރަކަށް މިނެޓެވެ. މި ތަނުން ވެސް ދިނީ ސްލިޕެކެވެ. އެއީ ޕާސްޕޯޓު ބަލައިދާ އިރު ގެންދަން ޖެހޭ ސްލިޕެވެ. ޕާސްޕޯޓު އަތަށް ލިބޭނީ މާދަން ހެނދުނު 8:30 ގަ އެވެ. ޝުކުރިއްޔާ އޭ ބުނެ، އަޅުގަނޑު ނުކުތީ އެވެ. ހުރިހާ ކަމެއް އަތް ފޯރާ ފަށަށް އަދި ނަޔަސް އައިޑީ ކާޑާ ޕާސްޕޯޓުގެ ޚިދުމަތް މި ހިރީ އަތް ފޯރާ ފަށަށް އައިސްފައޭ އަޅުގަނޑު ހިތަށް އެރި އެވެ.
މި ދެ ތަނުން ފާހަގަވި ރަނގަޅު ކޮށްލަން ޖެހޭ ދެތިން ކަމެއް ވެސް ލިޔެލާނަމެވެ. ފުރަތަމަ ކަމަކީ އައިޑީ ކާޑު ޔުނިޓުގެ ރިޝެޕްޝަނުގެ މުވައްޒަފުން ފްރެންޑްލީ ނުވުމެވެ. މޫނުމަތީގައި ހިނިތުން ވުމެއް ނެތި ޚިދުމަތް ދިނުމަކީ މި ރާއްޖެއާ ގުޅޭ ކަމެއް ނޫނެވެ. ދެ ވަނަ ކަމަކީ އައިޑީ ކާޑު ޔުނިޓު ބާ އޮފީހުގައި ހިންގި އިރު ހުރި ފޮތް އަލަމާރި އެވެ. އޭތި އަޅުގަނޑު ވަރަށް މިސްވި އެވެ. އެއީ ބަހައްޓަން ހަމަ އެންމެ ރަނގަޅު އެއްޗެކެވެ. އޭރުން މީހުން ފޫހި ފިލާނެ އެވެ. ދެން އޮތީ އުމުރުން ދުވަސްވީ މީހުނަށް އަދި ކުޑަ ކުދިންނަށް ގިނަ އިރު ކިޔުގައި ތިބެން ނުޖެހި ޚިދުމަތް ލިބޭނެ ގޮތެއް ހެދުމެވެ. އެއީ ދުނިޔޭގެ ހުރިހާ ތަނެއްގައި ވެސް އޮންނަ ގޮތެކެވެ. ތުއްތު ތުއްތު ކުދިން ގޮވައިގެން ގޮސް ތިބޭ ޅަދަރި މައިންނާއި އުމުރުން ދުވަސްވީ މީހުން ގިނަ އިރު ކިޔުގައި މަޑު ކޮށްގެން ތިބޭ މަންޒަރު ބަލަން އެހާ ހިތްފަސޭހައެއް ނޫނެވެ.

އިމިގްރޭޝަނުން ފާހަގަވި އެއް ކަމަކީ ނަންބަރު ނަގަން ހުންނަ މެޝިން އޮފީހުން ބޭރުގައި ހުރުމެވެ. އެއީ އެންމެ ރަނގަޅު ގޮތެއް ނޫނެވެ. އަޅުގަނޑު އެ ތަނުގައި ހޭދަ ކުރި ވިއްސަކަށް މިނެޓު ތެރޭގައި އެ މެޝިން ހަލާކުވާ ވަރަށް ކުޑަ ކުދިން އެޔާ ކުޅެ ހެދި އެވެ. އޭގެ ނަރަށް ދަމައި ހެދި އެވެ. ދެވަނަ ކަމަކީ އިށީންނަން ހުރި ގޮނޑިތައް ކަމު ނުދިޔުމެވެ. ސެޓު ގޮތަށް ހުރި އެ ގޮނޑި ތަކުގައި ދެ މީހުނަށް ހުންނަނީ އެއް އަތްގަނޑެކެވެ. ޢާއިލާއެއް ނޫނީ ދެ ލޯބިވެރިންނަށް އެ ގޮތް މޮޅު ވެދާނެ އެވެ. އެކަމަކު ނުދަންނަ ދެ މީހުން ޖެހިޖެހިގެން ތިބި ނަމަ އެކަކު ހުންނަން ޖެހޭނީ އަތް ބާއްވާލާނެ ތަނެއް ނެތިފަ އެވެ. ދެ މީހުން ޝެއާ ކުރަން ޖެހޭ ގޮތަށް ގޮނޑިތަކުގެ އަތްގަނޑުތައް ހުންނާތީއެވެ. މި ތަނުގައި ވެސް ކުޑަކުދިންނަށާ އުމުރުން ދުވަސްވީ މީހުނަށް ޚާއްސަ އިންތިޒާމެއް ރާވާފައެއް ނެތެވެ. ފަންސާސް އަހަރުން މަތީ ދެތިން މީހުން އަޅުގަނޑު ދިޔަ އިރު ވެސް އެތަނުގައި ކިޔުގައި ތިއްބެވެ. އެއީ އެހާ ރަނގަޅު ގޮތެއް ނޫނެވެ.

ޖުމުލަ ގޮތެއްގައި އަޅުގަނޑު ބުނާނީ އައިޑީ ކަޑާއި ޕާސްޕޯޓުގެ ޚިދުމަތް ވަރަށް ފަސޭހަ ކަމަށެވެ. ފެށިގެން ނިމެންދެން ވެސް ފަސޭހަ އެވެ. މުވައްޒަފުން ހިތް ހެވެވެ. ހޭދަ ކުރަން ޖެހޭ ވަގުތު މަދެވެ. ޚިދުމަތުގެ ފެންވަރު ވެސް މޮޅެވެ. މީ ނަމޫނާ ޚިދުމަތެކެވެ. އެހެން އާއެކެވެ. އައިޑީ ކާޑާއި ޕާސްޕޯޓުގެ ޚިދުމަތް ހަމަ ބަރާބަރެވެ.
ގުޅޭ ޓެގު
comment ކޮމެންޓް