ވޯޓާ ސްޕޯޓްސްގެ ދާއިރާއިން ދަސްވާރުން ތަމްރީނުކުރުމަށް ވިލާ ކޮލެޖާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފި

ދަސްވާރު ޕްރޮގްރާމުގައި ވޯޓާ ސްޕޯޓްސް ގެ ދާއިރާއިން ދަރިވަރުން ތަމްރީން ކުރުމަށް ވިލާ ކޮެލެޖާ އެކު މިނިސްޓްރީން އެއްބަސްވުމުގައި ސޮއި ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒް މޫސާ

ދަސްވާރު ޕްރޮގްރާމަށް ވޯޓާ ސްޕޯޓްސް ތައާރަފްކޮށް އެ ދާއިރާއިން ދަރިވަރުން ތަމްރީން ކުރުމަށް ވިލާ ކޮލެޖާ އެކު އެޑިއުކޭޝަން މިނިސްޓްރީން އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

މިއަދު ވިލާ ކޮލެޖުގައި ބޭއްވި ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރު ޑރ. އާއިޝަތު ޝިހާމެވެ. ވިލާކޮލެޖްގެ ފަރާތުން ސޮއި ކުރެއްވީ އެ ކޮލެޖުގެ ރެކްޓާ ޑރ. އަހްމަދު އަންވަރެވެ.

ދަސްވާރު ޕްރޮގްރާމުގައި ވޯޓާ ސްޕޯޓްސް ގެ ދާއިރާއިން ދަރިވަރުން ތަމްރީން ކުރުމަށް ވިލާ ކޮެލެޖާ އެކު މިނިސްޓްރީން އެއްބަސްވުމުގައި ސޮއި ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒް މޫސާ

އެއްވެސް ކުއްޖަކު ބާކީ ނުކޮށް ތައުލީމް ދިނުމުގެ ސިޔާސަތުގެ ދަރިވަރުންނަށް އިތުރު ފުރުސަތުތަކެއް ތަނަވަސްކޮށްދިނުމަށް މިނިސްޓްރީން ކުރިއަށް ގެންދާ ދަސްވާރު ޕްރޮގާމަށް ވޯޓާ ސްޕޯޓްސް ތައާރަފްކޮށްފައިވާ އިރު އެ ކޯހުގައި މި އަހަރު 30 ދަރިވަރަކު ބައިވެރިވެފައިވެ އެވެ.

ވިލާ ކޮލެޖުން ވޯޓާ ސްޕޯޓްސް ކޯސް ކުރިއަށް ގެންދާއިރު ފުރަތަމަ ދެމަހު ދަސްވާރުން ކިޔަވަމުންދާނީ ސަން އައިލެންޑުގައި ހުންނަ ވިލާ ކޮލެޖް ކެމްޕަހުގައެވެ. އަދި އެއަށް ފަހު އެޕްރެންޓިސްޝިޕް ޕްރޮގްރާމަށް އެކިއެކި ވޯޓާ ސްޕޯޓްސް ސެންޓަރުތަކަށް ފޮނުވާނެ ކަމަށް އެ ކޮލެޖުން މައުލޫމާތުދެ އެވެ.

ވިލާ ކޮލެޖާ އެކު އެއްބަސްވުމުގައި ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު އާއިޝަތު ޝިހާމް ވިދާޅުވީ މި އަހަރު ވެސް ގާތްގަނޑަކަށް 1500 އެއްހާ ކުދިން ދަސްވާރު ޕްރޮގްރާމްގައި ކިޔަވަމުންދާ ކަމަށެވެ.

"އަޅުގަނޑުމެން މަސައްކަތް މިކުރަނީ ސްކޫލްތަކުގަ ތިބި ހުރިހާ ކުދިންނަށް ވެސް އެކުދިން ބޭނުންވާ ދާއިރާއަކުން އެކުދިން ކުރާ ހިތްވާ ކަހަލަ މަސައްކަތްތަކަށް އެކުދިންނަށް ފުރުސަތު ހޯދޭތޯ،" މިނިސްޓަރު ވިދާޅުވި އެވެ.

ދަސްވާރު ޕްރޮގްރާމަކީ 2014 ވަނަ އަހަރުން ފެށިގެން ގްރޭޑް 10ގައި ތައުލީމް ހާސިލްކުރަމުންދާ ދަރިވަރުންގެ ތެރެއިން މަސައްކަތާއި ހުނަރު ދަސްކުރަން ބޭނުންވާ ދަރިވަރުންނަށް އަމާޒު ކުރެވިގެން ޓިވެޓް އޮތޯރިޓީއާ ގުޅިގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

comment ކޮމެންޓް