ޒުހާ ނޭވާހާސްކޮށްގެން މަރާލި ކަމުގެ ނިޝާންތައް ފެންނަން ހުރި ކަން ކަށަވަރުވެއްޖެ

ޒުހާ މަރާލުމުގެ ދައުވާ އުފުލާފައިވާ ސުމޮން މިއާ މީގެކުރިން ކޯޓަށް ހާޒިރު ކުރަނީ ---- ސަން ފޮޓޯ: ފަޔާޒު މޫސާ

މި އަހަރުގެ ޖެނުއަރީ މަހު މާލޭ ގޯޅިގަނޑެއްގެ ތެރޭގައި މަރުވެއްފައި އޮއްވާ ފެނުނު ލ. ގަން ބާބުލްއަވާލީ، ހައްވާ ޒުހާ ނޭވާހާސްކޮށްގެން މަރާލި ކަމުގެ ނިޝާންތައް ޕޯސްޓް މޯޓަމް ރިޕޯޓުން ފެންނަން ހުރި ކަން ކަށަވަރުވެއްޖެ އެވެ.

މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ހެކިބަސް ދެއްވަމުން ޕޯސްޓް މޯޓަމް ރިޕޯޓުގެ ތަރުޖަމާ ތައްޔާރުކުރެއްވި ޑރ. ހަސަން އުމަރު ވިދާޅުވީ ޒުހާގެ ކަރުން އަނިޔާގެ ނިޝާންތައް ފެންނަން ހުރި ކަމަށް ޕޯސްޓް މޯޓަމް ރިޕޯޓުން އެނގޭ ކަމަށެވެ. އަދި ނާވާ ހާސްކޮށްގެން އޭނާ މަރާލި ކަމުގެ ނިޝާންތައް ފެންނަން ހުރި ކަމަށް ޕޯސްޓް މޯޓަމް ރިޕޯޓުން އެނގޭ ކަމަށް ވެސް ޑރ. ހަސަން އުމަރު ވިދާޅުވި އެވެ.

އެ މައްސަލައިގެ ސީން އޮފް ކްރައިމް ރިޕޯޓު ތައްޔާރު ކުރެއްވި ސީން އޮފް ކްރައިމް އޮފިސަރު ސަރިއްޔާ ވިދާޅުވީ ޒުހާގެ ކުރުގައި އަނިޔާގެ ނިޝާންތައް ހުރި ކަމަށެވެ. އަދި އޭނާގެ ފައިގައި ހިރަފުސް ހުރި ކަމަށް ވެސް ސަރިއްޔާ ވިދާޅުވި އެވެ.

ހާދިސާ ހިނގި ސަރަހައްދުގެ ސީސީޓީވީ ޕްޓޭޖްގެ ވީޑިއޯ އެނަލިސިސް ރިޕޯޓް ތައްޔާރު ކުރެއްވި ޕޮލިސް ސްޓާފް ސާޖަންޓު މުހައްމަދު އަޝްރަފް ވިދާޅުވީ ވީޑިއޯ އިން ފެންނަނީ ދައުވާ ލިބޭ ބަންގްލަދޭޝްގެ ސުމޮން މިއާ ކަން ސީދާ ޔަގީން ނުވާ ކަމަށެވެ. ނަމަވެސް އެ ވީޑިއޯ އިން ފެންނަ މީހާ އާއި ސުމޮންގެ ހަތަރު ސިފައެއް އެއްގޮތް ކަމަށް އަޝްރަފް ވިދާޅުވި އެވެ.

ވީޑިއޯ އިން ފެންނަނީ ޒުހާކަން ޔަގީންކަމާ އެކު ދަންނަވަން ނޭގޭ ކަމަށާއި ނަމަވެސް އޭނާގެ އެއްސިފަޔާއި އެ ވީޑިއޯ އިން ފެންނަ އަންހެން މީހާއާ އެއްގޮތް ކަމަށް ވެސް އަޝްރަފް ވިދާޅުވި އެވެ.

މިއަދުގެ އަޑުއެހުމުގައި ސުމޮން ވަނީ ގާނޫނީ ވަކީލަކު ބޭނުންވާ ކަމަށް ބުނެފަ އެވެ. ދައުލަތުގެ އެހީގައި ވަކީލަކު ހަމަޖެއްސުމުގެ ފުރުސަތު ގާޒީ އިބްރާހީމް އަލީ ވަނީ މިއަދު ދެއްވާފަ އެވެ.

އެ މައްސަލަ އަވަސްކޮށްދިނުމަށް މީގެ ކުރިން ބޭއްވި އަޑުއެހުންތަކުގައި ސުމޮން އެދިފައިވާތީ، މައްސަލަ އަވަހަށް ނިންމަައި ހުކުމް އިއްވަން މަސައްކަތް ކުރައްވާނެ ކަމަށް ގާޒީ ވިދާޅުވި އެވެ.

ހ. ލާލުކުރި ގޭގެ ގޯޅިގަނޑެއްގެ ތެރޭގައި ޒުހާ މަރުވެފައި އޮއްވައި ފެނުނީ މިދިޔަ ޖެނުއަރީ މަހުގެ ހަތް ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގަ އެވެ.

ތަހުގީގުގައި ސުމޮންއާ ސުވާލުކުރުމުން ޒުހާ މަރާލީ ޖިންސީ ގުޅުން ހިންގުމަށް ފަހު އުފެދުނު ދެބަސްވުމަކަށް ފަހު ކަމަށް ތަހުގީގުގައި ސުމޮން ވަނީ ބުނެފަ އެވެ. ޒުހާއާ އެކު ޖިންސީ ގުޅުން ހިންގި ކަމަށް ޝަރީއަތުގެ މަޖިލީހުގައި ސުމޮން ވަނީ އިއުތިރާފުވެފަ އެވެ.

ދެބަސްވުން އުފެދުނީ ޖިންސީ ގުޅުން ހިންގި އިރު އަމަލުކުރި ގޮތެއްގެ ސަބަބުން ދެ މީހުންގެ ދެމެދުގައި ހިނގި ހިތްހަމަނުޖެހުމެއްގައި އިތުރަށް ފައިސާ ހޯދަން ޒުހާ އެދުމުން ކަމަށް ވެސް ސުމޮން ވަނީ ކުރިން ޝަރީއަތުގައި ބުނެފަ އެވެ.

comment ކޮމެންޓް