Sun Online
...

ކޮޓެޖް

ލިޔުނީއައިޝާ ނަސީމް

`

އަމީރާ އާއި ހެނާ އާއި ދެ އަންހެންކުދިން ގޭގެ ފެންޑާގައި ގޮނޑިތަކެއް އަޅައިގެން ހޫނު ކޮފީ ބޯންތިބިއިރު އެހިސާބަށް ވެރިވެފައިވަނީ ގަދަ އަނދިރިކަމެކެވެ. މަގުމަތީގައި ދިއްލާފައިވާ ހޮޅިބުރީގެ އަލި ފަނޑުވެފައިވުމާއިއެކު ނާމާންގޮތަކަށް ހުރުމުން ހީވަނީ ފިލްމެއްގެ ސެޓެއްގައި އުޅެވޭހެންނެވެ. ދޭތެރެއަކުން އިވިލާ ފަނިފަކުސައިގެ އަޑުވެސް އެކުދިންނަށްވީ އާކަމަކަށެވެ. އަދި ގެއާއި ދާދި ކައިރީގައި މޫދު އޮތުމުން ލިބުނު އުފާ އެތައް ގުނަ އިތުރުވިއެވެ. ގަސްތައް ބޯވެފައި ފެހިކަން ގަދައެވެ. އެ ކުޑަ އާއިލާ މިރަށަށް ބަދަލުވީތާ އަދި ހަޔެއްކަގަޑިއިރު ވީއިރު ދެކުދިންވެސް މި މާހައުލަށް ހިތްކިޔައިފިއެވެ.

"ހެނާ. ދިސް އިޒް އެމޭޒިން، ހާދަހާ ވާ ރީއްޗޭ މިހާ ގިނަތަރިތައް ފެންނަން ހުރީމަ..." އަމީރާ ކޮފީތަށީގައި ދެއަތުން ހިފަހައްޓާލައިގެން އިންއިރު އެލޮލުގެ އަޅިކުލަ ފެންނަލެއް ހިތްގައިމުކަމުން ހެނާއަށް ބަލަހައްޓައިގެން އިނދެވުނެވެ. އޭނަގެ ދޮންތަ ފަދައިން އޭނަވެސް ރީތިވާނެ ނަމައޭ ހިތަށް އެރިއެވެ. އެދޮންތައަށްޓަކާ ޒުވާން ފިރިހެނުން ވާވަރު އޭނަ ވަނީ ދެކެފައެވެ. އަމިއްލަ ނަފުސަށް އިތުބާރެއްނެތުމުގެ ސަބަބުން އޭނަގެ ދިރިއުޅުންވަނީ ބޮއްސުން ލާން ތައްޔާރުވެފައެވެ. އުމުރުން ސަތާރައަހަރުވީއިރު ދުވަހަކު ފިރިހެންކުއްޖަކު ރައްޓެހިވާން އަހާފައެއްވެސް ނެތެވެ. އޭނަދެކެ ލޯބިވާ އޭނައަށް ހެޔޮއެދޭ އެއްވެސް އިންސާނެއް މި ދުނިޔޭގައި ނެތްކަމަށް އޭނަ ޔަގީންކޮށްފިއެވެ. ދުނިޔެދެކެ ފޫހިވެ މަރަށް އެދެވެންފެށީ އެހެންވެއެވެ.

"ހޫމް......" ހެނާ އަބަދުވެސް ބަސް މަދެވެ. ގިނަފަހަރު އިންނަނީ ގެއްލިފައެވެ.

"ހަނދުވެސް ފީކޯތްކުޅެނީ. ލަވް އިޓް. ކިހާ ތުއިކޮށް ވިލާތަކުގެ ތެރެއަށް ވަދެފައި އަނެއްކާ އެ ފެނިލަނީ. ހެނާ ތީ ފޮޓޯނަގާހިތުން މޮޔަވާކުއްޖެއްނު. މިކަހަލަ މަންޒަރުތައް ނަގާބަލަ................" އަމީރާ އެހެން ބުނުމުން ހެނާ ކޮފީތަށި ހުސްކޮށްލާފައި ބިންމަތީގައި ބަހައްޓާފައި އުޅުނީ އެކަމުގައެވެ. އަމީރާ ފޯރިހުންނަނީ ސެލްފީ ނަގާށެވެ. އޭނައަށް ކަމުދާ ފޮޓޯއެއް ވެއްޖެއްޔާ އިންސްޓަގްރާމް ކޮށްލާނެއެވެ. އަމީރާގެ އެކުވެރިން ގިނަކަމާއިމެދުވެސް ހެނާ ހައިރާންވެއެވެ. އެއްބަނޑު އެއްބަފާވިޔަސް ދެމީހުން ހާދަ ތަފާތެވެ. އޭނަވެސް ދޮންތަ ފަދައިން ކާމިޔާބު މީހަކަށް ވާނެނަމައެވެ.

"އަހަރެމެންގެ އަވަށްޓެރިންނަކީ ކޮންބަޔެއްކަންވެސް އަދި ނޭގޭ ދޯ، އަހަރެމެންގެ ބެކްޔާޑްގައި މިހިރަ ގެއަށް ކިޔާނަމަކީ ކޮޓެޖް، އެވަރު މިއަދު ހަވީރު ބުރުޖަހައިލިއިރު ބަލައިލިން، ކޮންފަދަ ވިއަޑް ނަމެއް. ފަޅުތަނަކާއި ވައްތަރީ. އެކަމަކު ހާދަ ޝާހީކޮށް ހަދާފައިވާ އާސާރީތަނެއްހެންވެސް ހީވޭ، ވަރަށް ކިއުރިއަސްވޭ، އަދި އެނގޭތަ؟އެގެ އެހެރީ ބީޗަށް ފޭސްވާގޮތަށް ހަދާފައޭ. ގެއިން ނިކުންނައިރު ކުރިމަތީގައި މޫދު. ވިއު ހަމަ ޕާފެކްޓް. އޯސަމް..............." އަމީރާގެ ވާހަކަތަކާއިއެކު ހެނާގެ ސަމާލުކަންވެސް އެގެއާއި ދިމާލަށް ހުއްޓުނެވެ. އެގޭގެ ފަހަތުބައިގާ ވާހާ ހުރިހާ ކުޑަދޮރުތަކެއް ލައްޕާލާފައި ދޮރު ފޮތިތައް ދަމާފައިވާއިރު އެތެރެއިން ފެންނަނީ އޮރެންޖް އައްޔެކެވެ. ވަށައިގެން ތިރިކޮށް ފާރު ރާނާފައިވާއިރު ތަފާތު ވައްތަރުގެ ގަސްތައް އެކިގޮތްގޮތަށް ހެދިފައިވާގޮތުން އެއްވެސް މީހަކު ގަސްތައް ބަލަހައްޓަން ނޫޅޭކަން ހާމަކޮށްދެއެވެ. މި ފިނި ރޭގަނޑު އަނދިރީގައި ރުއްތައްވެސް ފެންނަނީ ކަޅުކުލައިގެ ބޮޑެތި ފައިދިގު މަކުނުތަކެއް ހެންނެވެ. ޖެހިލި ފިނި ވައިރޯޅިއަކާއިއެކު ހެނާ އޭނަގެ ހަށިގަނޑުގެ ވަށައިގެން ބައްދާލުމުން އަތަށް އިހުސާސްވީ ލައިގެން ހުރި ފަށުވި ހެދުމުގެ މަޑުކަމާއި އޮމާންކަމެވެ.

"ހިނގާ އެތެރެއަށް ވަންނަމާ. އެހާ ސޭފްހެނެއް ހިޔެއްނުވޭ...." ކުއްލިއަކަށް އަމީރާ ކޮޅަށް ތެދުވުނެވެ. ޖިންސަކާއިއެކު އަތްދިގު ޓޮޕެއްލައިގެން ހުރިއިރު ހަށިގަނޑުގެ ވަނާތައް ފުރިހަމަކަމުން ކޮންމެ މީހެއްގެ ލޮލުގައި އަޅައިގަންނާނެއެވެ. ޖިންސް ފަޔަށް ހިފާފައިވާއިރު އެދިގު ފައިގެ ރީތިކަން ހުރަހެއް ނެތި ވަނީ ހާމައަށެވެ. ފަންއިސްތަށިގަނޑު ފުނާއަޅާލާފައި އައްސާލާފައި އޮތްއިރު ވަރުގަދަކަމުން އެ އިސްތަށިގަނޑުގައި އެލިގަތަސް ފުކުރިގެން ނުދާނެހެން ހީވެއެވެ. ހެނާވެސް އަމީރާގެ ފަހަތުން ގެއަށް ވަނެވެ.

އަމީރާއާއި ހެނާގެ ދޮންބައްޕަ ނަޝީދުއާއި މަންމަ ރޮޒާލިއާ އާއި ދެމަފިރިން ކޮންމެވެސް ކަމަކާއި ޒުވާބުކުރާއަޑު އިވިފައި އަމީރާ ފާޑަކަށް އަނގަޔަށް ވައްތަރެއް ޖައްސައިލިއެވެ. އެދެމަފިރިން އަރައިރުންނުވާ ދުވަހެއް އިރުއަރާ އޮއްސިގެނެއް ނުދެއެވެ. އެހާ ގިނަދުވަސްވާންދެން ހަޔާތުގެ ބައިވެރިންގެ ގޮތުގައި އެދެމީހުން ހޭދަކުރީ ކިހިނެއްކަމާއިމެދު ސުވާލު ނުއުފެދޭވަރެއް ނޫނެވެ. އަމީރާ ތަށިތައް ހިފައިގެން ކާކޮޓަރިއާއި ދިމާލަށް ހިނގައިގަތްއިރު އޭނަ ހުރީ ކުޑަކޮށް ނުތަނަވަސްވެފައެވެ. މިހުރިހާ ދުވަހު އޭނަ އުޅުނީ މާމައާއި ބޮޑުދައިތަ ކައިރީގައެވެ. ދޭތެރެއަކުން މައިންބަފައިންނަށް ޒިޔާރަތްކޮށްލިޔަކަސް އޭނައާއި ދޮންބައްޕަ ދިމާވެފައިވަނީ މަދުފަހަރެއްގައެވެ. އެއިން ކޮންމެ ފަހަރަކުވެސް ދޮންބައްޕަ އޭނައަށް ބަލައިލަނީ ތަފާތު ނަޒަރަކުންނޭ އޭނަގެ ހިތަށް އަރާފައި އެކަމާއި އެކަނިހުރެ ވިސްނެއެވެ. ބައްޕައަށް އޭނަ މާ ޚާއްސައީކަން ނޭގެއެވެ. ހެނާއާއި އާޒްއަށްވުރެވެސް އޭނަދެކެ ދޮންބައްޕަ ލޯބިވަނީ ކަމަށް ވެދާނެއެވެ.

"އެކަމަކު ކީއްވެ؟ ކީއްވެ މިހާ އުދަގޫވަނީ؟ ނޭގޭ ދެން ދޮންބައްޕައިންވެސް ކިހާ ޑީސެންޓްވާނެ. މިހެން ފީލްވާންޖެހޭ ސަބަބަކީ ކޮބާ؟ އެމީ ހާދަ ގޯހޭ، ދެން ތިވައްތަރަށް ވިސްނަން ހެޔޮނުވާނެ. ހިތުގައިވާހާ އެއްޗަކީ އެހެންމީހުންނަށް ފެންނަ އެއްޗަކަށް ވާނެނަމަ މިގޮތަށް ޚިޔާލުކުރުމަކީ ލަދުގަންނަން ޖެހޭވަރުގެ ކަމެއް. މިހެން ނުވާވަރެއް ނޫނޭ، ކޮންމެ ދުވަހަކު ނޫސް ހުޅުވާލާއިރު ފެންނަނީ ކޮންމެވެސް ގާތް މީހަކު އަންހެންކުއްޖަކަށް ގޯނާކޮށްގެން އުޅޭ ވާހަކަ ވިއްޔަ....." އަމީރާ ކޮފީތަށިތައް ދޮވެފާ ބަލައިލިއިރު މޭޒުމަތީގައި ހުރި ކާތަށިތައްވެސް ހުރީ ނުނަގައެވެ. މަންމައަށް އަތް ގާތްކޮށްލަ ދިނުމަކީ ކުޑައިރުއްސުރެން އޭނަގެ ކަށީގައި ހިފާފައިވާ އާދައެކެވެ. ހެނާ ފަދައިން ޚިޔާލީ ދުނިޔެއެއްގައި ވަގުތު ހޭދަކުރުމަށްވުރެ އޭނަ ބަލަނީ ދުނިޔޭގެ މަސައްކަތްތަކުގައި މަޝްޣޫލުވެ އުފަލުގައި ދުވަސްތައް ހޭދަކުރުމަށެވެ. ހުވަފެނީ ދުނިޔެއެއްގައި އުޅެގެން ފައިދާއެއް ކޮށްފާނެކަމަކަށް އޭނަ ނުދެކެއެވެ.

މަންމަ އާޒް ނިންދަވާފައި އަންނަންވާއިރަށް އޭނަ ގަސްތުކުރީ ތަށިތަކާއި ތެލިތައްވެސް ދޮވެލުމަށެވެ. އަޖައިބުވަނީ އާޒްއަށް ދިހައަހަރު ފުރުނީމަވެސް އެއުޅޭ ޅަގޮތަކުންނެވެ. މަންމަގެ އަތުގައި ހިފަހައްޓާލައިގެން އަނެއް އަތުން ބާލީސްކޮޅެއްގައި ހިފައިގެން ނޫނީ ނިދޭކަމަކަށް ނުވާނެއެވެ. ބޮޑުވެ މީހަކާއި އިނީމަވެސް އެއް ފަރާތުގައި އަންހެނުން ބާއްވައިގެން އަނެއް އަތުން ބާލީހުގައި ހިފަހައްޓައިގެން އޮވެ ތުންކޮޅު ދަމާނެބާވައޭ ހިތަށް އަރާފައި އެކަނިހުރެވެސް އަމީރާ ހިނި އަންނަގޮތްވިއެވެ.

"އެމީ އެކަނިތަ؟ ކޮބާ ހެނާ؟ " ކުއްލިއަކަށް ނަޝީދުގެއަޑު އިވިފައި އަމީރާ ސިއްސައިގެންދާ ގޮތްވިއެވެ.

"ހެނާ ވީ ރޫމްގައި...." އަމީރާ ކުޑަކޮށް ހިނިތުންވެލަމުން ތަށިތަކުން ސައިބޯނި ފިލުވަންފެށިއެވެ. ދޮންބައްޕަގެ ތޫނު ނަޒަރު އޭނަގެ މޫނަށް ހުއްޓިފައިވާކަން އިހުސާސްކުރެވިފައި އުދަގޫވިއެވެ.

"ކޮފީއެއް ހަދާދީބަލަ. މަންމައަށްވެސް ނިދިފައި އޮތީ. މަންމައަށް މިހާރު ހުރިހާވެސް އެއްޗަކީ އާޒް. އަހަރެންގެ އެއްވެސް ކަމެއް މުހިއްމެއްވެސް ނުވޭ. ކޮފީއެއް ހަދާނެ ވަގުތެއްވެސް މަންމައަށް ނުވެފައި އޮންނާނީ........." ނަޝީދު ފުން ނޭވައެއްލިއެވެ. އެގޮތަށް މަންމަގެ ވާހަކަ ދެއްކުމުން އަމީރާ ހިތްހަމަނުޖެހޭގޮތްވެ މޫނުމަތިން އެކަން އެނގޭވަރުވިއެވެ. އެހާ ސިޔާސަ ކުޑަކުއްޖެއް ބަލަމުން ގޭގެ ހުރިހާ މަސައްކަތެއް ކުރުމަކީ އެކަނި މަޔަކަށް ކުރަން އެހާ ފަސޭހަކަމެއް ނޫނެވެ. ބައްޕަ ވަޒީފާގައި ހުރެފައި ގެއަށް އަންނަ ގޮތަށް ދެން އަރާމުކުރިޔަސް އަންހެންވެރިން އުޅޭނީ އެގޮތަކަށް ނޫނެވެ. އެކަކަށްވެސް އަނެކަކުގެ އިހުސާސްތައް ދެނެގަތުގައި ނުކުޅެދިފައިވަނީ ހެއްޔެވެ؟ ތަންކޮޅެއް ކުރިން ގޭތެރޭގެ އެއްވެސް ކަމަކާއި އަމީރާ ވިސްނާފައެއްނުވެއެވެ. ނަމަވެސް އުމުރުން ވޭތުވަމުން ދާ ކޮންމެ ދުވަހެއް އަމީރާ ހަރުމީހަކަށް ހަދަމުންދަނީއެވެ. ކުރިން ބައްޕައާއި މަންމަ ވާ އަރައިރުންތަކާއިމެދު ވިސްނާ ފިކުރުނުކުރިޔަސް އޭރުވެސް އޭނަ ދެރަވެއެވެ. ރޮވެއެވެ. އޭނަ ބޭނުންވަނީ އެންމެންވެސް ލޯބިން އުޅުމެވެ.

އަމީރާ ކޮފީ ހަދަން އުޅެގަތެވެ. މޭޒުމަތީގައި މަގު ބަހައްޓާފައި ކޮފީ އަޅަންފެށުމުން ކަޅު ކޮފީއެކޭ ނަޝީދު ބުނެލީވެސް އަމީރާގެ މޫނަށް ބަލަންހުރެއެވެ.

އަމީރާ ހޫނުފެން އަޅަންވެގެން ޖަގު ހިއްލައިލިތަނާ ޖެހި ބާރު ގުގުރިއަކާއެކު ސިހުނުވަރުން ކެކި ކެކިހުރި ފެން ބަންޑުންވީ އަތަށެވެ.

"އޫއި....." އަމީރާއަށް ދިލަ ތަދެއް އިހުސާސްކުރެވި ހަޅޭއްލަވައިގަނެވުނެވެ.

"ކުޑަ ކަމަކާއި ހާދަވަރަކަށޭ ހަޅޭއްލަވަނީ. ހެނާހާ ފިނޑި ކުއްޖެއްތަ؟ އެމީ..........." ނަޝީދު ފުންމައިގެން ތެދުވިގޮތަށް އަމީރާ ސިންކާއި ކައިރިއަށް ގެންގޮސް އިސްކުރަށް ދޫކޮށްލިއެވެ. އިރުކޮޅެއްވާންދެން އަމީރާގެ އަތުގައި ހިފަހައްޓައިގެން ހުރިއިރު އެގާތްކަމުން އަމީރާ ހުރީ އިންތިހާއަށް އުދަގޫވެފައެވެ.

"އެމީ ކާމް ޑައުން. ދޮންބައްޕައަށްވިޔަސް ބައްޕަގެ މަގާމު ދީގެން އުޅޭ މީހާއޭ ތިއީ. ކީއްވެ އެމީގެ ހިތް ތިހާ ނުބައިވެގެން ތިއުޅެނީ؟ ޝައިތާނާ ވަސްވާސްލައިދޭނެ. އެކަމަކު ކުށްހީއަކީ ފާފައެއް. އެމީގެ ދޮންބައްޕައަކީ ނުބައި އިންސާނެއްނޫން. އެތައްބަޔެއްގެ ލޯބި ލިބިފައިވާ މާތް އިންސާނެކޭ އެއީ. އޭނަ ގޯސްވެއްޖެއްޔާ ދެން މާތް މީހެއް ނުހުންނާނެ މި ބިންމައްޗަކު. އެކަހަލަ ނަޒަރަކުން ބައްޕައަކު ބަލައިނުލާނެއްނު. އައި މީން ބައްޕަ ކަހަލަ ރަގަޅު މީހަކު........" އަމީރާ އަމިއްލަ ހިތަށް ވިސްނައިދޭން މަސައްކަތްކުރިއެވެ. އެވަރުންވެސް އޭނަގެ ހިތަކީ އެނބުރޭ ވަހުތާނެކޭ އެއްވަރެވެ. ދެފަރާތަށް ކިރެމުންދާއިރު ގަބޫލުކުރަންވީ ކޮން ގޮތެއްކަމެއް ނޭގެއެވެ. ނަޝީދު އަމީރާގެ އަތް ސާފު ފޮތިކޮޅަކުން ހިއްކާލަދިނުމަށްފަހު އަތުގައި ބޭސް އުނގުޅާލަދޭން ފެށުމުން އަތަށް ލިބުނު ފިނިކަން ބަޔާންކޮށްދޭނެ ގޮތެއްވެސް އަމީރާއަކަށް ނޭގުނެވެ. ބައްޕައަށްޓަކާ ހިތް ޝުކުރުން ފުރުނެވެ.

"މިހާރު އަރާމުތަ؟ " ނަޝީދުއަހައިލިއެވެ.

"ވަރަށް ފިނި....." އަމީރާ ޖަވާބުދިނެވެ. އެވަގުތު ދޮރުމައްޗަށް އެރީ ހެނާއެވެ. ހެނާ ހުރީ ނިދަން ތައްޔާރުވެލައިގެންނެވެ. ހުރަސްރޮގުދެމި ޕިޖާމާއަކާއިއެކު މަޑު ފައިވާނަކަށް އަރައިގެން ހުރިއިރު ދެލޮލުން ނިދީގެ އަސަރު ފާޅުވާން ހުއްޓެވެ.

"އެމީ. އެކަނި ނޯވެވިގެން މިއައީ، ނިދާކަށް ނުވޭތަ؟ " ހެނާ ސުވާލުކޮށްލިއެވެ.

ހެނާ ފެނުމުން މިހާ އުފާވި ވަގުތެއް ދުވަހެއްގެ ކޮޅުންވެސް އަންނާނެކަމެއް ނޭގެއެވެ. ހެނާ ނައިނަމަ އޭނަ ހުންނާނީ މިތަނުން ސަލާމަތްވެގެން ދާނެ ބަހަނާއެއް ނުފެނިފައެވެ.

"ހެނާ. ތިއީ ބޮޑުކުއްޖެއްނު. އަބަދު މީހެއްގެ ފޫބުޑުގަ ޖައްސާފައެއް ނުހުރެވޭނެ. މަންމަ މިހާރުވެސް މައްސަލަޖައްސާނެ ދެ އަންހެންކުދިން ބޮޑެތިވެފައޭ އެތިބީ، ކޮންމެ ކުއްޖަކަށް ރޫމެއް ހުންނަންވާނެއޭ. އެކަމަކު ހުވަފެނެއްގައިވެސް ހެނާ އެކަނި ކޮޓަރިއަކު ނުނިދާނެ. ދެން ވަކި ރޫމް ހެދުމުގެ މާނައެއް ނެތް. އަނެއްކާ ހެނާވެސް އެމީފަދައިން ސްލީޕްވޯކް ކުރަންފެށީތަ....." ނަޝީދު ކޮފީތަށި ގިރާލަ ގިރާލާ ހުރެފައި ކުޑަކޮށް ހީލިއެވެ. އެވަގުތުވެސް ނަޝީދުގެ ނަޒަރު ހުއްޓުނީ އަމީރާއަށެވެ.

ހެނާ ދެރަވިއެވެ. ދޮންބައްޕަވެސް އޭނަދެކެ ލޯބިނުވާކަމުގެ އިހުސާސްކުރެވެއެވެ. އޭނަ އެހެން ކުދިން ފަދައިން ރީތިނުވީމަހެއްޔެވެ؟ އެއްވެސް މީހަކު އޭނަދެކެ ލޯބިނުވާނީ ހެއްޔެވެ؟ އަމީރާ އެންމެ ބޮޑު ކުއްޖާއަށް ވީމަ ބައްޕައާއި މަންމައަށްވެސް އޭނަ ޚާއްސައެވެ. އާޒް ހަނގުވެފައި އެދެމަފިރިންގެ ހުރި އެކަނި ފިރިހެންދަރިފުޅު ކަމުން އެކުއްޖާދެކެވަނީ އަމަށަކު ލޯތްބެއްނޫނެވެ. މެދުގައި ހުރި ކުއްޖާއަށްވުމުން އޭނަވަނީ ބާކީވެފައެވެ. ހެނާގެ މޫނުމަތިން ހިނިތުންވުމުގެ ބަދަލުގައި އެހެން ކަހަލަ އަސަރުތަކެއް ފެނުނެވެ.

"އަތަށް ކިހިނެއްވެފައި ތިއޮތީ؟ "އަމީރާ އާއި ހެނާ އެކީގައި ހިނގައިގެންފާ ހެނާ އަހާލައިފިއެވެ.

"ކޮފީހަދަނިކޮށް ހޫނު ފެން ބަންޑުންވީ....." އަމީރާ ހިނގުން އަވަސްކޮށްލިއެވެ. ދުވާލު ހަތަރުދަމު ޕެކްކޮށް ދަތުރުކުރުމުގައި އުޅެން ހަދައިގެން ވެފައިވާ ވަރުބަލިކަން އިހުސާސްވާން ފެށީ އަދި ކިރިޔާއެވެ. ނިދާގޮތަށް ދެތިންދުވަހު ނިދާލަން އޭނަގެ ހިތް އެދުނެވެ. ފިނި އަރާމު އެނދަކާއި އަނދިރި އެކަނިވެރި ކޮޓަރިއަކަށްވުރެ މިވަގުތު ބޭނުންވާ އެހެން އެއްވެސް އެއްޗެއް ދުނިޔެއަކު ނެތެވެ.

"ހޫމް......" ހެނާ އާދައިގެ މަތިން މާ ގިނަ ސުވާލުކުރާކަށް ނޫޅުނެވެ. ހެނާގެ އެހުންނަ މަޑުމައިތިރިކަމާއި ކިޔަމަންތެރިކަން އެކުއްޖާ ފޫހިކުއްޖަކަށް ނަހަދައިފިއްޔާ ރަގަޅެވެ. ދެކުދިން އެކީގައި ކޮޓަރިއަށް ވަންއިރު ކޮޓަރީގައި ދިއްލާލާފައިވަނީ ނިދާ ބޮއްކެވެ. ފަނޑު އޮރެންޖު އަލީގެ ސަބަބުން ތަފާތު އެއްޗެހީގެ ހިޔަނިތައް ކޮޓަރިތެރޭގައި ނަށާތަން ފެނުނެވެ. އަމީރާ ކުޑަދޮރުކައިރީގައި ހުއްޓިލާފައި ބޭރަށް ބަލައިލިއިރު ކޮޓެޖް ފެނުނީ ބިރުވެރިކޮށެވެ. އަނދިރީގެ ތެރެއަށް ގެނބިފައިވާއިރު މަތީބައިގެ ކުޑަދޮރަކުން ރަތްކުލައިގެ އައްޔެއްވިހެން ހީވިއެވެ. އިރުކޮޅެއްކުރިން ފެނުނު ތަރިތައް އުދަރެހުން ފާޅުވާކަށް ނެތެވެ. އެހާ އަވަހަށް ވިއްސާރަ ހަދާލާ ބާރު ވައިރޯޅިތަކާއިއެކު ކަނޑުގެ ރާޅުތައް މުގުރާލާއަޑުން ފަޒާ ގުގުމާލަނީ މެދުކެނޑުމެއް ނެތިއެވެ. އަމީރާ ސިހިފައި އަވަހަށް ދޮރު ލައްޕާލާފައި ފޮތިތައް ދަމާލައިފިއެވެ.

"ހިތަށް އަރާ ދޯ ހާދަ ގިނައިންނޭ ކޮފީ ބޮނީ؟ ބައްޕަ ކޮފީއަކަށް އެދުނީ. ރޭގަނޑު ނިދާ ގަޑިއާއި ކައިރިކޮށް ކޮފީ ބޯކަށް ނުވާނެއޭ ބައްޕަ ބުނެފައި އަމިއްލައަކަށްވެސް ބޯނެ........" އަމީރާ އެނދުގައި އިށީނީ ނިދާ ހެދުން ހިފައިގެންނެވެ. ކޮންމެވެސް ސަބަބަކާއިހުރެ އޭނަގެ މިޒާޖަށްވަނީ ހިމޭންކަމެއް އައިސްފައެވެ. ހެނާއާއިއެކު އުޅެންވީމަ ތަފާތުވަނީ ހެއްޔެވެ؟ ހެނާގެ ހިމޭންކަން އޭނައަށް ވާރުތަވަނީ ބާވައެވެ.

ހެނާ އަނގައިން ބުނުމަކާއި ނުލައި ރަޖާގެ ދަށަށްވަދެ ދެލޯ މަރައިލިއެވެ.

"އެނގޭ އެނދުގައި ޖެހޭއިރަށް މީހަކު ނުނިދާނެކަން. ނަމާދުކޮށްފިންތަ؟ " އަމީރާ ބާލީހަކުން ހެނާގެ ގައިގާ ޖެހުމުން ހެނާ ތުންއޫކޮށްފައި އަނެއް ފަރާތަށް އެނބުރުނެވެ.

"ޕްލީޒް އުދަގޫނުކޮށްބަލަ. އައި ޖަސްޓް ނީޑް ސަމް ޕީސް......" ހެނާ ކަންނޭލުގައި ބައްދައިލިއެވެ. ހެނާގެ އެންމެ ކުރާހިތުން ކުރާކަމަކީ ހޭލާ އިނދެގެން ހުވަފެން ބެލުމާއި ނިދުމެވެ. ހެނާ އުޅޭގޮތާއިމެދު އަމީރާ ކަންބޮޑުވާ ހިސާބަށް އައިސްފާ ވެއެވެ. ހެނާއަށް ނަފްސާނީ މައްސަލައެއްޖެހިފައިވަނީ ބާވައެވެ. ނޫނީ އެއްގޮތަކަށްވެސް އަމިއްލަ ނަފުސަށް އިތުބާރު ނޯންނަނީ ހެއްޔެވެ؟ އެކުއްޖާ އުޅެނީ އެވައްތަރަށެވެ. ލަދުރަކިކަމުން އެވަރެވެ. މީހުންގެ ކުރިމައްޗަށް ގޮސް ވާހަކަދައްކަން ޖެހިލުންވެއެވެ. އެކުވެރިން އިނގިލިން ގުނާލެވޭނެއެވެ. އެއުމުރުގެ އަންހެންކުދިން ރީތިވެ ޒީނަތްތެރިވެ މޭކަޕްކޮށް ހަދާއިރު އެއިން އެއްވެސް ކަމަކަށް ހެނާގެ ޝައުގެއްނުހުރެއެވެ.

"ކޮންތާކުން ހޯދަން އުޅޭ ހަމަޖެހުމެއްތަ؟ މޫދު ކައިރީގައި ގެ ހުރުމުން އަބަދު އެއިވެނީ ރާޅުޖަހާ އަޑު. ހެނާއަށް އުދަގުލެއްނުވޭތަ؟ ހެން. ހޫމް ދެން ލޯ ނުހުޅުވައްޗޭ އިނގޭ. މިހިރީ ހުސްގަޔާ........" އަމީރާ ދޮރުތަންޑު އަޅާފައި ހުރިކަން ޔަގީންކުރުމަށްފަހު ގޮސް ހެދުން ބަދަލުކުރަންފެށިއެވެ. އޮރެންޖް އަލި އެ ދޮން ހަށިގަނޑަށް އެޅުމުން ވަކިން ރީތިހެން ހީވިއެވެ. އަމީރާ ހުދުކުލައިގެ ނައިޓީއެއް ލުމަށްފަހު އިސްތަށިގަނޑު މައްޗަށް ނަގާ ހުޅިއެއް ޖަހައިލީ ނިދަން ފަސޭހައަކަށެވެ. ތާޒާވެލުމަށްފަހު އޭނަ އެނދަށް އެރިގޮތަށް މަޑުމަޑުން ހެނާގެ ބުރަކަށީގައި ކޮށްޓައިލިއެވެ.

"ލެޕަށް އަޅާފައި އެބައިން ވަރަށް ރީތި ސީރީޒްއެއް. ނުބަލާނަންތަ؟ ޔޫ ވިލް ލަވް އިޓް....." އަމީރާ ބުނެލިއެވެ.

"އައިމް ސްލީޕީ...." ހެނާ އުޒުރެއް ދެއްކިއެވެ.

"ލުކް ހެނާ. އަހަންނަށް ނޭގޭ ހެނާގެ އޭޖް ކުއްޖެއް ތިހެން އުޅެންވީ ސަބަބެއް. މިހާރު ތިއީ އެކަނި ސިސްއެއްވެސް ނޫނޭ. ރޫމްމޭޓަކަށްވެސް ތިހިރީ ހެނާ. ސޯ ތިހާ ބޯރިން މީހަކަށް ނުވެ ނިކަން ތެދުވެބަލަ. ލަންކާގައި އުޅުނުއިރުވެސް އަހަންނާއި މިޝްއާއި ދެމީހުން ޕޮޕްކޯން ހަދައިގެން ވަރަށް ދަންވަންދެން ބިރުވެރި ފިލްމްބަލަން ތިބެން.. އެނގޭ ކުރަން އެންމެ ރަގަޅުކަމެއް ނޫންކަން. އެކަމަކު އިޓްސް ކައިންޑާ އިންޓެރެސްޓިން. ފަތިސް ނަމާދަށް ތެދުވަންޏާ މިކަން މައްސަލައަކަށް ނުވާނެ، ކީކޭ ހެނާ ބުނަނީ.........." އަމީރާ އެކަނި އިނދެގެން ސީރީޒް ބަލަން ފޫހިވާތީ ކޮއްކޮއާއި ވާހަކަދައްކައިގެން ތެދުކުރަން ކުރި މަސައްކަތް ކާމިޔާބުވާން ފެށިއެވެ. ހެނާ މޫނުމަތިން ރަޖާ ދުރުކޮށްލާފައި އަމީރާއާއި ވީ ފަރާތަށް އެނބުރުނެވެ.

"މަންމައަށް އެނގިއްޖެއްޔާ؟ " ހެނާ ސުވާލުކުރިއެވެ.

"މަންމަ ހެނާއަށް ބިރުދައްކަމުންގޮސް އެއްވެސް ކަމެއްކުރަން ނުކެރެނީ؟ " އަމީރާ ހިނި އައެވެ.

"ހޫމް..." ހެނާ ފާޑަކަށް އެއްބަސްވިއެވެ.

"މާމަ ހާދަ ރަގަޅޭ. ނަމާދުކޮށް ގުރުއާން ކިޔަވަންޏާ ހުރިހާކަމަކަށް ހުއްދަ އޮވޭ....." އަމީރާވެސް އެނދުގެ ފަޑީގައި ބާލީސްތައް ޖެއްސުމަށްފަހު ލެނގިލަމުން ދެމީހުންގެ ދޭތެރޭގައި ލެޕް ބެހެއްޓިއެވެ. އަދި ހެޑްސެޓްގެ އެއްކޮޅު ހެނާގެ ކަންފަތުގައި ޖަހާލަދިނެވެ. އަމީރާއާއި ބައިވެރިވެގެން ސީރީޒްބަލަން ފެށިގޮތަށް ދޭއްޖެހިއިރުވެސް ދެކުދިން ތިބީ އެކަމަށް ގެއްލިފައެވެ. ކުރިން ނިދުނީވެސް އަމީރާއަށެވެ. އަމީރާ ނިދިތާ ފަނަރަވަރަކަށް މިނިޓް ނުވަނީސް ކުއްލިއަކަށް ފުންމައިގެން ތެދުވިގޮތަށް ފާޚާނާއާއި ދިމާލަށް މިސްރާބުޖެހިއެވެ. ފަނަރަވަރަކަށް މިނިޓްފަހުން ނުކުތްގޮތަށް ކުޑަދޮރު ހުޅުވައިލިތަން ފެނިފާ ހެނާ ގަތީ އަމަށަކު ބިރެއްނޫނެވެ. ހިތް ޑަންޑަންލާފައި ތެޅިގަތްގޮތަށް އޭނަ ދުއްވައިގަތީ ދޮރު ލައްޕައިލާށެވެ. ދޮރުގައި ދަގަނޑުތޭރިތައް ޖަހާފައި ހުންނަކަމީ ނަސީބެކެވެ. އެހެންނޫންނަމަ އޭނަ ދޮރުހުޅުވާލައިގެން ދާގޮތަށް ކަނޑަށް އެރޭކަށްވެސް ފަހެއްނުޖެހޭނެއެވެ. ދޮރު ނުހުޅުވުނަސް ބިރުވެރިކަން ކުޑައެއް ނޫނެވެ. ވަށައިގެން މިއޮތީ ގަސްތަކެވެ. ރޭގަނޑުގެ ދަންވަރެވެ. ނާމާންކަމުގެ އިންތިހާއެވެ. އިންސާނުންނެކޭ އެއްފަދައިން އެހެން މަޚުލޫގުންތައްވެސް މިތަންތާގައި އުޅޭނެނޫން ހެއްޔެވެ؟

ނިދީގައި ހުރެ އަމީރާ ހިނގަންފެށުމަކީ ވަރަށް ފަހުން ދިމާވި ކަމެކެވެ. އެހެންވާންވީ ސަބަބަކަށް މަންމަ ބުނަނީ ނަފްސާނީ މައްސަލަކަމުގައެވެ. މަންމައާއި ބައްޕައަކީ ނަފްސާނީ ކަންތައްތައްތަކަށް އެންމެ ގަދަޔަށް އީމާންވާ ދެމީހުންނެވެ.

އަމީރާ އޮށޯތްގޮތަށް އޭނަ ދެފަރާތަށް ފުރޮޅިލާފައި ބައެއްފަހަރު ކުޑަކޮށް ހީލައެވެ. ހީވަނީ މީހަކު ކުރާކަމަކުން މަޖާވެގެން އުޅޭހެންނެވެ.

"އެމީ މިއުޅޭގޮތުން ބިރުވެސް ގަނޭ. ސްލީޕްވޯކްކުރުމަކީ ޖިންނިކަމެއް ނޫންތަ؟ ޖިންނި ކަމެއް ވެއްޖެއްޔާ ހާދަ ބިރުވެރިއޭ. އިރާދަކުރެއްވިއްޔާ އެހެނެއްނުވާނެ....." ހެނާ ކުރުސި ކިޔަވައިގެން ގަޔަށް ފުމެލާފައި ނިދަން މަސައްކަތްކުރިއެވެ. ނަމަވެސް ނިދިވަނީ އޭނަގެ ލޮލާއި ރުޅިވެފައެވެ. އަމީރާ ކުޑަދޮރު ހުޅުވަން އުޅެފާނެތީ ހިތް ބިރުގަންނަނީއެވެ. މަންމަ ކައިރީގައި ބުނެގެން ތަންޑުތައް ނުނެއްޓޭގޮތް ހަދާނީއެވެ. އެކަމަކު އޭނަގެ ބޭނުންތަކަށް މަންމަ އަޅާލާފައިވަނީ ކޮން ދުވަހަކުހެއްޔެވެ؟ އޭނަދެކެ ލޯބިވާނީ ކާކުހެއްޔެވެ؟ ހެނާގެ ހިތަށް ނުބައި އަސަރުތަކެއްކޮށް ފެންކަޅިވާގޮތްވިއެވެ.

ހެނާ އޭލެވެލްއަށް ކިޔަވަމުންދާއިރު ބޭނުންވަނީ މެޑިސިންގެ ރޮގުން ކުރިއަށް ދިޔުމަށެވެ. ނަމަވެސް ދޮންބައްޕަމެންގެ ފަރާތުން މާބޮޑު އެހީތެރިކަމެއް ނުލިބެއެވެ. ހުރިހާ ކުދިން ޓިއުޝަން ނަގާއިރު އޭނައަކަށް އެފަދަ ފުރުސަތެއް ނުލިބުނެވެ. ހިތްދަތިކަން ވަށާލާފައިވުމާއި މައިންބަފައިންގެ އަޅާނުލުމުގެ ސަބަބުން ރަގަޅު ނަތީޖާއެއް ހޯދާ ސަރުކާރުގެ ސްކޯލަޝިޕް ލިބިދާނެކަމާއިމެދު ޝައްކެވެ. ކުރެހުމުގެ ހުނަރު ލިބިފައިވާކަމީ ނަސީބެކެވެ. އޭނަގެ ކުރެހުންތަކާއި ފޮޓޯތައް ވިއްކައިގެން ފައިސާ ޖަމާކޮށްގެން ކޮންމެވެސް ދުވަހަކުން ކިޔަވަން ދެވޭނެ ކަމުގެ ކުޑަކުޑަ އުއްމީދެއް ވެއެވެ. ރަށް ބަދަލުވުމުން ކިޔެވުމަށް ބުރޫއެރިއިރު އެކަމާއިވެސް ބައްޕަމެން ނުވިސްނާކަން ހެނާއަށް ޔަގީނެވެ.

އަމީރާއަށް ހީވީ ނުފެންނަ އަތަކުން އޭނަގެ އިސްތަށިގަނޑާއި އަތުގައި ފިރުމަމުން ދިޔަހެންނެވެ. ނައިޓީގެ ވާކޮޅާއި ކުޅުނުހެންނެވެ. އެހާ ބޮޑަށް ނޫނަސް ކޮންމެވެސް ވަރަކަށް ގޯނާކުރިއެވެ. ފައިގެ ދަށްފުށުގައި އަތް ކާއްތާލުންފަދަ ކަންތައްތަކެވެ. އަމީރާ އެކަން ހުއްޓުވަންވެގެން ހަޅޭއްލަވައިގަންނަން އުޅުމުންވެސް އަނގައިގާ މީހަކު ހިފެހެއްޓިހެން ހީވުމުން ގަތީ އަމަށަކު ބިރެއްނޫނެވެ. އެމީހަކު ރުޅިއަންނަނީ ހަޅޭއްލެވީމަކަމަށް ހީކޮށް އަމީރާ މައިތިރިވިއެވެ. މާގިނައިރުތަކެއް ނުވަނީސް އޭނަގެ ކައިރީގައި އުޅުނު ނުފެންނަ މީހާ ދިޔަކަމުގެ އިހުސާސްކުރެވިފައި ލޯ ހުޅުވަން ކުރި މަސައްކަތް ކާމިޔާބުވެއްޖެއެވެ. މިއީ މިހާ ސާފުކޮށް މިކަހަލަ ހުވަފެނެއް ފެނުނު ފުރަތަމަ ރެއެވެ. ކުރިންވެސް މިގޮތަށް މީހަކު އުދަގޫކުރާކަހަލަ ގޮތެއްވެފައި ހޭލެވޭ ރޭތައް މަދެއްނޫނެވެ. އަމީރާ ހޭލައިގެން ބަލައިލިއިރު އޭނަގެ ނައިޓީ އޮތީ ރަގަޅަށެވެ. އަދި ކައިރީގައި ހެނާ އޮތުމުން ޔަގީންވިއެވެ. އެއީ ހުވަފެނެކެވެ. އެއްވެސް މީހަކު ދޮރު ހުޅުވާފައި ވަނުމުގެ އެއްވެސް ފުރުސަތެއް ނެތެވެ. ކޮންމެ ގޮތެއްވިޔަސް އެދެލޮލުން ނިދީގެ އަސަރު މުޅިންހެން ފިލައިފިއެވެ.

އަމީރާ ލެޕްހުޅުވާލުމަށްފަހު ޑެއިލީމެއިލްގެ ހެޑްލައިންތައް ކިޔަންފެށިއެވެ. އެތަނުން އެންމެ ގަޔާވި އާޓިކަލް ތަރުޖަމާކުރަން އިންއިރު ތުންފަތްމަތީގައި ކުޅެލަކުޅެލާ ހުރީ ހިނިތުންވުމެކެވެ. ޖާނަލިޒަމްއިން ޑިޕްލޮމާ ހެދުމަށްފަހު އޮންލައިން ނޫހަކުން ވަޒީފާ ލިބިދާނެކަމުގެ ޔަގީންކަން އޮތުމުން އޭނަ މިހާރުއްސުރެން ތައްޔާރުވަނީ އެކަމަށެވެ. ކޮންމެވެސް ވަރަކަށް ވާހަކަވެސް ލިޔަން އެނގޭ ކުއްޖަކަށްވާތީ އޭނަ ފޮތްތައް ނެރުމުގެ ވިސްނުމއްވެސް ގެންގުޅެއެވެ. އޭނަގެ ހުވަފެނަކީ އެރޮގުން ދެވޭނެ އެންމެ މައްޗަށްގޮސް އަމިއްލަ ނޫހަކާއި ޓީވީ ޗެނެލްއެއް ހުޅުވުމެވެ. ބައިގަޑިއެއްހާއިރުފަހުން ބަންގީގެ އަޑުއިވިފައި އޭނަ ލެޕް އެއްފަރާތުގައި ބަހައްޓާފައި ތެދުވުނެވެ.

"ފަތިސް ނަމާދުގަޑި. އިބުލީސް ހެނާގެ ކަންފަތަށް ކޯންޗެއް ދުއްވާލީމަތަ ނުތެދުވާން ތިއޮންނަނީ؟ " އަމީރާ ކޮއްކޮ ތެދުކުރަންވެގެން އަތުގައި ވިކާހެދިއެވެ. ލަހުން ނިދުމުގެ ސަބަބުން އިންތިހާއަށް ކަންނެތްވެ އަރާމުކޮށްލަން ބޭނުންވެފައި އޮތް ހެނާ ނިދީގައި ކޮންމެވެސް ހަމަނުޖެހޭ އެއްޗެއް ކިޔާލާފައި އެނބުރުނީ ބިއްދޮށަށެވެ. ދެވަނަ ސިކުންތުކޮޅުގައި ހެނާގެ މޫނަށް ގަނޑުފެންއެޅުމުން ލިބުނު ސިހުމާއިއެކު ތެދުވެ އެނދުގައި އޮށޯތްގޮތަށް ހެނާ އިނީ މޫނު ބަނަކޮށްލައިގެންނެވެ.

"ވަންޑޭ ޔޫ ވިލް ތޭންކް މީ މިހާރު ތިގޮތަށް މާރަގައެއްހެން ތުން ދިގުކުރިޔަސް. ސީރިޔަސްކޮށްނޭ މިބުނީ ހެނާ. އައިމް ނޮޓް ކިޑިން. ލައިފް ކިހާ ކުރު. އެހެންވީމަ މާ ގިނައިރުވަންދެން ނިދީގައި ވަގުތު ބޭކާރުކުރާކަށް ނުވާނެ...އެބައަންނަން ކޮފީހަދަން ފެން ހޫނުކޮށްލާފައި އޭރުން ނިދި ފިލާފާނެ........" އަމީރާ އެއް ލޯ މަރާލާފައި ނުކުތެވެ. ހެނާ ދެރަވިއެވެ. އަމީރާފަދައިން އޭނަވެސް އުފާވެރި ލާނެތް ކުއްޖަކަށް ވާނެނަމައެވެ. އެހާ ޕޮޒިޓިވްވާނެ ނަމައެވެ.

ދެމީހުން ނަމާދުކުރުމަށްފަހު ޒިކުރު ތަސްބީހަ ކިޔަން ތިއްބާ ކުއްލިއަކަށް އާޒް ހަޅޭއްލަވައިގަތްއަޑަށް ދެމީހުންގެ ގައިގާވިހާ ލޯލިތައް ކޮޅަށް ޖެހުނެވެ. އާޒްއަށް ކޯންޗެއް ފެނުނީހެއްޔެވެ؟ ނޫނީ ކޮންފަދަ ކަމަކާއި ލައިގަތީހެއްޔެވެ؟ މަންމައާއި ބައްޕަ ކޮބާބާވައެވެ. އަމީރާއާއި ހެނާ ދޮޅިވެސް ބޭލުމެއްނެތި އުދުހިލާފައި ކަހަލަ ގޮތަކަށް ދުވެފައި އައިއިރު ދެކުދިންނަށް ޔަގީންވީ ވަރަށް ބޮޑުކަމެއް ވެއްޖެކަމެވެ.

(ނުނިމޭ)

ގުޅޭ ޓެގު

ކޮޓެޖް
×
DB released.