އޮސްޓްރޭލިއާގެ 18 އަހަރުގެ ފެތުންތެރިޔާ ޗެލްމާސްއަށް ރަން މެޑެއްޔެއް

އޮލިމްޕިކް ގޭމްސްގެ ފިރިހެނުންގެ 100 މީޓަރު ފްރީސްޓައިލް އިވެންޓުން ރަން މެޑެލް ހޯދި އޮސްޓްރޭލިއާގެ ކައިލް ޗެލްމާސް --- ފޮޓޯ: އޭޕީ

އޮލިމްޕިކް ގޭމްސްގައި އޮސްޓްރޭލިއާގެ އުމުރުން 18 އަހަރުގެ ފެތުންތެރިޔާ ކައިލް ޗެލްމާސް ރަން މެޑެއްޔެއް ހޯދައިފި އެވެ.

ބްރެޒިލްގެ ރިއޯ ޑި ޖެނޭރޯގައި ކުރިއަށްދާ އޮލިމްޕިކް ގޭމްސްގެ ފިރިހެނުންގެ 100 މީޓަރު ފްރީސްޓައިލް އިވެންޓުގައި ވާދަކޮށް، ޗެލްމާސް ނިންމާލީ 47.58 ސިކުންތުންނެވެ.

ފިރިހެނުންގެ 100 މީޓަރު ފްރީސްޓައިލް އިވެންޓުން ރަން މެޑެލް ހޯދި އޮސްޓްރޭލިއާގެ ކައިލް ޗެލްމާސް(މ) އާއި ރިހި މެޑެލް ހޯދި ބެލްޖިއަމްގެ ޕިއެޓާ ޓިމާސް(ވ) އަދި ލޯ މެޑެލް ހޯދި އެމެރިކާގެ ނޭތަން އެޑްރިއަން(ކ) --- ފޮޓޯ: އޭޕީ

ޗެލްމާސްއާ އެންމެ ގާތުން ވާދަކޮށްފައިވަނީ ބެލްޖިއަމްގެ ޕިއެޓާ ޓިމާސް އާއި އެންމެ ފަހުގެ ޗެމްޕިއަން އެމެރިކާގެ ނޭތަން އެޑްރިއަން އެވެ. ޕިއެޓާސް 47.80 ސިކުންތުން ރޭސް ނިންމި އިރު، އެޑްރިއަން ރޭސް ނިންމާފައިވަނީ 47.85 ސިކުންތުންނެވެ.

އެ އިވެންޓުގެ ފައިނަލުގައި އެންމެ ރަނގަޅު ކާމިޔާބެއް ހޯދާފައިވަނީ އުމުރުން 19 އަހަރުގެ އިނގިރޭސި ފެތުންތެރިޔާ ޑަންކަން ސްކޮޓް އެވެ. ފަސް ވަނައިގައި ނިންމާލި ސްކޮޓް ރޭސް ފުރިހަމަކުރީ 48.01 ސިކުންތުންނެވެ. އެއީ އިނގިރޭސި ރެކޯޑާ އެއްވަރުގެ ވަގުތެކެވެ.

comment ކޮމެންޓް