ސަޖަންގެ ކަންބޮޑުވުން، ރާއްޖޭގައި ޒަމާނީ ފަތާ ފެންގަޑެއް ނެތުން!

ސަޖަން: އޭނާ ބުނީ އެންމެ އުނދަގޫ ވަނީ ރާއްޖޭގައި ޒަމާނީ ފަތާ ފެންގަޑެއް ނެތުމުން ކަމަށް --- ފޮޓޯ: އިމޭޖަސް އެމްވީ

ބްރެޒިލްގައި މިހާރު ކުރިއަށްދާ އޮލިމްޕިކް ކުޅިވަރު އީދުގެ ސްވިމިން އިވެންޓްގައި ރާއްޖޭގެ އެއްވަނަ ފެތުން ތެރިޔާ އައިމިނިތު ސަޖަން ފެތުމަށް ތައްޔާރުވަމުންދާ އިރު އޭނާގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ރާއްޖޭގައި ޒަމާނީ ފެންވަރެއްގެ ފަތާފެންގަޑެއް ނެތުމެވެ.

މިރޭ އަންހެނުންގެ 100 މީޓަރު ފެތުމުގައި ވާދަކުރާ ސަޖަން އޭއެފްޕީ އަށް ދިން އިންޓަވިއު އެއްގައި ބުނީ، ރާއްޖޭގައި ޒަމާނީ ފަތާ ފެންގަޑެއް ނެތުމުން ފެތުންތެރިން ރޭގަނޑާއި ދުވާލު ވެސް ފަތަމުން ދަނީ މޫދުގައި ކަމަށެވެ.

"ބައެއްފަހަރު ފަތަންދާއިރު ޓްރެކްގައި ހުންނާނެ ޕްލާސްޓިކް ފުޅި އާއި ކުނިފަދަ ތަކެތި. އަދި މޫދުގައި އުޅޭ ޖެލީ ފިސް ފަދަ އެއްޗިހި ގައިގަ ޖެހި އުނދަގޫތައް ދިމާވޭ،" މިފަހަރުގެ އޮލިމްޕިކްސްގައި ރާއްޖޭގެ ދިދަ އުފުލާލީ ފެތުންތެރިޔާ ސަޖަން ބުންޏެވެ.

އޮލިމްޕިކްސް ގައި ވާދަކުރާ ރާއްޖޭގެ ޓީމްގެ ދިދަ ފެތުންތެރިޔާ ސަޖަން ވިހުރުވާލަނީ --- ފޮޓޯ: އުޝާފަތު

ދެހާސްތޭރަ ވަނަ އަހަރުން ފެށިގެން މިއަހަރުގެ މިހާތަނަށް ސަޖަން ވަނީ އިންޑީވިޖުއަލް އިވެންޓްތަކުން 12 ޤައުމީ ރެކޯޑްއާކޮށް، ތިން ޓީމު އިވެންޓްގައި ޤައުމީ ރެކޯޑް އާކުރުމަށް އެހީތެރިވެދީފައެވެ. އަދި ސަޖަން ވަނީ 12 ވަނަ ސައުތު އޭޝިއަން ގޭމްސްގެ 800 މީޓަރު ފްރީސްޓައިލް އިވެންޓުން ރާއްޖެއަށް ރަންވަންލޯ މެޑަލް ހޯދައިދީފައެވެ. ސަޖަން ވަނީ ތައިލެންޑްގައި ބޭއްވި ސްޕީޑޯ ތައިލެންޑް އޭޖްގްރޫޕް ޗެމްޕިއަންޝިޕްގައި ވެސް ރާއްޖެ ތަމްސީލްކޮށް، 200 މީޓަރު އިންޑިވިޖުއަލް މިޑްލޭ އިވެންޓުން ރަންވަންލޯ މެޑަލް ހޯދައިފައެވެ.

"އަހަރެން ބޭނުންވަނީ މިފަހަރުގެ އޮލިމްޕިކްސްގައި ވެސް އަހަރެން އަމިއްލަ ރެކޯޑް އާކުރަން،" ސަޖަން ބުންޏެވެ.

ރާއްޖޭގެ ފެތުން ތެރިން ބޭނުންކުރާ ފަތާ ފެންގަނޑު -- ފޮޓޯ: ސްވިމިންއެސޯސިއޭޝަން

ސަޖަންގެ އިތުރުން އޮލިމްޕިކްސް ފިރިހެންގެ 50 މިޓަރު ފެތުމުގައި ބައިވެރިވާ ނިޝްވާން އިބްރާހިމް ބުނީ މޫދުގައި ހަދާފައިވާ 25 މީޓަރުގެ ފްލޯޓިން ބްލޮކްސް އާއި މުރަކައިގެ އިތުރުން މަސްމަހާ މެހި އެކުލެވޭ ގޮތަށް އޮތް ފެންގަޑުގައި އަބަދު ފަތާތީ އެ ފެންގަޑަށް މިހާރު ވަނީ ފެތުންތެރިން ހޭނިފައި ކަމަށެވެ.

ސަޖަން އާއި ނިޝްވާން އަކީ މިހާރު ވެސް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއާއި، ފީނާ އަދި އިންޓަނޭޝަނަލް އޮލިމްޕިކްސް ކޮމިޓީގެ އޮލިމްޕިކް ސޮލިޑާރިޓީ ޕްރޮގްރާމްގެ އެހީތެރިކަމާއިއެކު ރާއްޖެއިން ބޭރުގައި ފަރިތަކުރުންތައް ފުރިހަމަކުރަމުންދާ ދެ ފެތުންތެރީންނެވެ.

ނިޝްވާން ފަރިތަކުރުންތައް ފުރިހަމަކުރަމުންދަނީ ސައުތު އެފްރިކާގެ ޑަރބަންގައެވެ. އަދި، ސަޖަން ފަރިތަކުރުންތައް ފުރިހަމަކުރަމުންދަނީ ތައިލަންޑްގެ ޕުކެޓްގައެވެ.

comment ކޮމެންޓް