ކޮނޑޭ އިންޖީނުގޭ އޮފީހުގެ ޑިއުޓީއަށް ހުރި މުވައްޒަފު ބަނުމަށް ފަހު، ތިޖޫރި ފަޅާލައިފި

ގއ. ކޮނޑޭގެ ރައްޔިތުންތަކެއް -- ސަން ފައިލް ފޮޓޯ

ގއ. ކޮނޑޭގައި ފެނަކަ ކޯޕަރޭޝަނުން ހިންގަމުން އަންނަ އިންޖީނުގޭ އޮފީހުގައި ޑިއުޓީއަށް ހުރި މުވައްޒަފު ބަދެ އަނިޔާކުރުމަށް ފަހު އެތަނުގެ ތިޖޫރި ފަޅާލައިފި އެވެ.

ފުލުހުންގެ އިންފޮމޭޝަން އޮފިސަރު އިސްމާއިލް އަލީ މިއަދު ވިދާޅުވީ، ކޮނޑޭ އިންޖީނުގޭގެ އޮފީހުން ވައްކަން ކުރި ކަމުގެ މައުލޫމާތު ފުލުހުންނަށް ހުށަހެޅީ ރޭ ދަންވަރު 2:30 ކަންހާއިރު ކަމަށެވެ.

އެތަނުން ވައްކަން ކޮށްފައި ވަނީ ޑިއުޓީއަށް ހުރި ދިވެއްސަކު ބަދެ، މާރާމާރީ ހިންގުމަށް ފަހު ކަމަށް އިސްމާއިލް ވިދާޅުވި އެވެ.

"ފުލުހުން މިހާރު ވެސް ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން. މައްސަލާގައި އަދި އެއްވެސް މީހަކު ހައްޔަރުކޮށްފަ އެއް ނުވޭ. އެ މައްސަލަ ތަހުގީގު ކުރަމުންދާތީ ތިޖޫރި ފަޅާލައި ގެންދިޔަ ފައިސާގެ އަދަދު އަދި ނުލިބޭ،" އިންފޮމޭޝަން އޮފިސަރު ވިދާޅުވި އެވެ.

ކޮނޑޭ ކައުންސިލްގެ ނައިބު ރައީސް މުރުތަލާ ސަލީމް މިއަދު ވިދާޅުވީ، އެ ކައުންސިލަށް މިހާތަނަށް އިނގިފައިވާ ގޮތުގައި މޫނު ނިވާކޮށްގެން ތިބި ދެ މީހަކު އިންޖީނުގޭގެ އޮފީހަށް ވަދެ، ޑިއުޓީގައި ހުރި މީހާގެ ގައިގާ ޓޭޕް އަޅައި ބަނުމަށް ފަހު އަނިޔާކޮށްފައިވާ ކަމަށެވެ.

"ވަޅި ކަރުގައި ޖައްސާފައި ހުރީ. ދެއަތް ފަހަތަށް ގެންގޮސް ދެ އަތާއި ފަޔާ އަގައިގަ ޓޭޕް އަޅާފައި ހުރީ. ޑިއުޓީއަށް ހުރި މީހާ ކިޔައިދިން ގޮތުން އަނިޔާކުރި ދެމީހުންނަކީ އޭނާއަށް ވުރެ ހަށިގަނޑު ބިޔަ ބޮޑު ބައެއް އަދި ތިބީ އެއްވައްތަރަކަށް ހެދުން އަޅައިގެން،" ސާމިހު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ޑިއުޓީއަށް ހުރި މުވައްޒަފަށް ސީރިއަސް އަނިޔާތަކެއް ލިބިފައިނުވި ނަމަވެސް، އޭނާ ބަނުމަށް އުޅުމުން ގަދަ ދެއްކުމާ ގުޅިގެން ބައެއް ތަންތަން ނޫފައިގެން ގޮސްފައިވާ ކަމަށެވެ.

comment ކޮމެންޓް