ނިއުކްލިޔަރ ބޮން އެޅުމަށް ބޭނުންކުރާ ބީ ވަން މަރުކާގެ މަތިންދާބޯޓު އެމެރިކާއިން ޕެސިފިކް ސަރަހައްދަށް ނެރެނީ

ބީ ވަން މަރުކާގެ މަތިންދާބޯޓެއް

ގުއާމް (އޮގަސްޓް 7): އެމެރިކާގައި އުފައްދާ ބޮންއަޅާ އެންމެ ބިޔަ މަތިންދާބޯޓުކަމަށްވާ ބީ ވަން މަރުކާގެ އަސްކަރީ މަތިންދާބޯޓު ޕެސިފިކް ސަރަހައްދަށް ނެރުމަށް އެމެރިކާގެ ދިފާއީ ވުޒާރާ ޕެންޓަގަން އިން ނިންމުމުން އުތުރުކޮރެޔާއިން ރުޅިވެރިކަމާއެކު އެކަމަށް ރައްދު ދީފިއެވެ.

އުތުރުކޮރެޔާގެ ރަސްމީ ނޫސް އެޖެންސީން ބުނީ މިއީ ބިރު ދެއްކުމުގެ އަމަލެއްގެ އިތުރުން ނިއުކްލިޔަރ ހަމަލާއަކަށް ތައްޔާރުވަމުންދާކަން އަމަލީގޮތުން ދެއްކުމުގެ ގޮތުން އެމެރިކާ ކުރާ ކަމެއް ކަމުގައެވެ.

އުތުރުކޮރެޔާގެ ރަސްމީ ނޫސް އެޖެންސީން ނެރުނު ބަޔާނުގައި، އެމެރިކާއަކީ ދުނިޔޭގައި ހަންފެތުރުމަށް މަސައްކަތްކުރާ އިސްތިއުމާރީ ގައުމެއްކަމަށް ސިފަކޮށްފައިވެއެވެ. އަދި އެމެރިކާއަކީ އެމެރިކާގެ ހައްދުފަހަނަޅާފައިވާ މަގްސަދުތައް ޙާސިލް ކުރުމަށްޓަކައި ނިއުކްލިޔަރ ބޮމުން ހަމަލާދީ އެތަށް މިލިޔަން ބަޔަކު އެއްފަހަރާ މަރާލުމަށްވެސް ފަސްނުޖެހޭފަދަ އަނިޔާވެރި ގައުމެއްކަމަށްވެސް ބުނެފައިވެއެވެ.

ބީ ވަން މަރުކާގެ އަސްކަރީ މަތިންދާބޯޓަކީ ނިއުކްލިޔަރ ބޮމުން ހަމަލާދިނުމުގެ ގާބިލްކަން ލިބިފައިވާ ބޯޓެކެވެ. އެބޯޓު ނެރުމަށް ހަމަޖެހިފައިވަނީ ޕެސިފިކް ކަނޑުގައިވާ އެމެރިކާގެ ޖަޒީރާއެއްކަމަށްވާ ގުއާމްގެ އަސްކަރީ ބޭހަކަށެވެ.

މިއީ 2006 ވަނަ އަހަރަށްފަހު މިބާވަތުގެ މަތިންދާބޯޓެއް އެމެރިކާ ސިފައިންގެ ޚިދްމަތަށް ނެރުނު ފުރަތަމަ ފަހަރެވެ. މި ބޯޓު ނެރުމަށް އެމެރިކާ ނިންމީ އުތުރުކޮރެޔާ ތަޖްރިބާ ކުރަމުންގެންދާ ބެލަސްޓިކް މިސައިލްތަކުގެ ސަބަބުން އުތުރުކޮރެޔާގެ ޒައާމަތަށް އިންޒާރެއް ދިނުމުގެ ބޭނުމުގައިކަމަށް ރިޕޯޓްތައް ބުނެއެވެ.

އެމެރިކާއަކީ އެގައުމާ އިދިކޮޅު ގައުމުތަކަށް ބިރުދެއްކުމުގެ ސިޔާސަތެއް ގެންގުޅޭ ގައުމެކެވެ. މިގޮތުން އެމެރިކާއާ އިދިކޮޅު ގައުމުތަކަށް ބިރުދެއްކުމަށްޓަކައި ހަނގުރާމައިގެ ފްލީޓްތައް ފޮނުވުމާއި ބޮންއަޅާބޯޓުތައް ނެރުމާއި ސިފައިންގެ ލަޝްކަރުތައް ރުކުރުވާލުންފަދަ އެތަށްކަމެއް އެމެރިކާ ހިންގަމުން ގެންދެއެވެ.

އުތުރުކޮރެޔާއަށް ބިރުދެއްކުމުގެ ގޮތުން އެމެރިކާއިން ވަނީ ދެކުނު ކޮރެޔާގައި މިސައިލް އައްޑަނައިގެ ނިޒާމެއް މިއަހަރު ނިމުމުގެ ކުރިން ރުކުރުވާލުމަށްވެސް ނިންމާފައެވެ. ނަމަވެސް އުރުރުކޮރެޔާއިން ވަނީ އެނިޒާމު ރުކުރުވާލައިފިނަމަ އިސްވެ ހަމަލާދީ އެނިޒާމް ހަލާކުކޮށްލާނެކަމުގެ އިންޒާރު ދީފައެވެ. (އެފްބީއައި)

comment ކޮމެންޓް