ޗެލްސީގެ ޖާޒީގެ މުހިންމުކަން ޓެރީއަށް އެނގޭ: ކޮންޓޭ

ޗެލްސީގެ ކެޕްޓަން ޖޯން ޓެރީ ---

ޗެލްސީ ޖާޒީގެ މުހިންމުކަން އެ ކްލަބުގެ ކެޕްޓަން ޖޯން ޓެރީއަށް އެނގޭ ކަމަށް ކޯޗު އެންޓޯނިއޯ ކޮންޓޭ ބުނެފިއެވެ.

މިދިޔަ ސީޒަނުގައި ހޯސޭ މޮރީނިއޯ މަގާމުން ދުރުކުރުމުގެ ކުރިން ޗެލްސީގައި ޓެރީގެ ދައުރާ މެދު ސުވާލު އުފެދިފައިވީ ނަމަވެސް، އެ ކްލަބުގެ ކޯޗުކަމާ އެންޓޯނިއޯ ކޮންޓޭ ހަވާލުވުމާ އެކު ޓެރީ ވަނީ އެއްބަސްވުން އާކޮށްފައެވެ. މިދިޔަ މެއި މަހު ޗެލްސީއާ އެކު، އުމުރުން 35 އަހަރުގެ ޓެރީ ސޮއިކޮށްފައިވަނީ އެއް އަހަރު ދުވަހުގެ އެއްބަސްވުމެއްގައެވެ.

ޗެލްސީއާ ހަވާލުވުމަށްފަހު ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް ކޮންޓޭ ވަނީ ޓެރީއަށް ތައުރީފުކޮށް ވާހަކަދައްކައިފައެވެ. އޭރު ކޮންޓޭ ބުނެފައިވާ ގޮތުގައި ޓެރީ އަކީ އެ ކްލަބަށް ވަރަށް މުހިންމު ކުޅުންތެރިއެއް ކަމެވެ.

"ޓެރީ އަބަދުވެސް ކުޅެފައިވަނީ މި ކްލަބަށް. އެކަން މި ކްލަބުގެ ތާރީހުގައި ލިޔެވިގެންދާނެ. އަހަރެންނަށް އެންމެ މުހިންމީ މި ކްލަބާ މެދު އޭނާ ދެކޭ ގޮތް. މި ކްލަބު ޖާޒީގެ މުހިންމުކަމާއި ކްލަބު ބެޖުގެ މުހިންމުކަން އޭނާ އަށް އެނގޭ. އަހަރެން އޭނާއާ ވާހަކަދެއްކިން. ކުރިމަގުގައި ގާތް ގުޅުމެއް ބޭއްވުމަކީ މުހިންމު ކަމެއް. އެއީ ޓީމުގެ ކެޕްޓަނަކީ އޭނާ ކަމުގައި ވާތީ،" ކޮންޓޭ ބުންޏެވެ.

ކޮންޓޭ ބުނީ، ބައެއް ފަހަރު ޓެރީގެ ފަރާތުން މެސެޖުތަކެއް ރައްދު ކުރުމަކީ މުހިންމު ކަމެއް ކަމަށާއި އޭނާ އަކީ ޓްރެއިނިން ސެޝަންތަކުގައި ވެސް ރަނގަޅު މިސާލެއް ކަމަށެވެ. އަދި ޓެރީ އަކީ ރަނގަޅު އަހުލާގެއްގެ ކުޅުންތެރިއެއް ކަމަށް ވެސް ޗެލްސީގެ ކޯޗު ބުންޏެވެ.

comment ކޮމެންޓް