އެކަޑަމީއަކީ ދިވެހި ބަހެއް ނޫން، ދިވެހި ކުރަން ދަނޑިމާރު އަޅާކަށް ނުޖެހޭ: ފަރެސް އާމިރު

އަދަބިއްޔާތާއި ޅެންވެރިކަމުގެ ދާއިރާއިން ގައުމީ އިނާމް ހާސިލްކޮށްފައިވާ އަދި ދިވެހި ބަހާ ގުޅުންހުރި ފޮތްތައް މިހާރު ވެސް ނެރުއްވަމުން ގެންދަވާ ފަރެސް އާމިރު-- ސަން ފޮޓޯ/ ފަޔާޒު މޫސާ

ެއެކަޑަމީއަކީ ދިވެހި ލަފުޒެއް ނޫން ކަމަށާއި އެއީ ދިވެހި ލަފުޒެއްގެ ގޮތުގައި ތައާރަފު ކުރުމަށް މަސައްކަތް ކުރާ އިނގިރޭސި ލަފުޒެއް ކަމަށް ދިވެހި ބަހުގެ އެކަޑަމީގެ މެމްބަރު މުހައްމަދު އާމިރު (ފަރެސް އާމިރު) ވިދާޅުވެއްޖެ އެވެ.

ދިވެހި ބަހުގެ އެކަޑަމީގެ ރައީސް އަޝްރަފް އަލީ ވިދާޅުވެފައި ވަނީ އެކަޑަމީއަކީ ދިވެހި ލަފުޒެއް ކަމަށެވެ. އެކެޑަމީއަކީ މިހާރު އާންމުވެފައިވާ ދިވެހި ލަފްޒެއް ކަމަށާއި ބަސް ފޮތުގައި ވެސް އެ ބަސް އޮންނާނެ ކަމަށެވެ. ދިވެހި ބަހަށް އިސްކަން ދިނުމުގެ ގާނޫނުން އެ މުއައްސަސާ އުފައްދާފައި އެ މުއައްސަސާއަށް ކިޔާނެ ނަމެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ އެކެޑެމީ ހިމެނޭ ގޮތަށް ކަމަށް އަޝްރަފް ވިދާޅުވި އެވެ.

އަޝްރަފުގެ އެ ވާކަތަކާ ގުޅިގެން ފަރެސް އާމިރު މިއަދު 'ސަން' އަށް ވިދާޅުވީ "އެކަޑަމީ" އަކީ ގާނޫނެއްގެ ދަށުން ބޭނުން ކުރަން ޖެހި، ދިވެހި ލަފުޒެއްގެ ގޮތުގައި ތައާރަފު ކުރުމަށް މަސައްކަތް ކުރާ އިނގިރޭސި ލަފުޒެއް ކަމަށާއި "އެއީ ދިވެހި ލަފުޒެއް ކަމުގައި ގަބޫލެއް ނުކުރާ" ކަމަށެވެ.

ދިވެހި ބަހުގެ ރަދީފުގައި އެލަފުޒު ހިމެނޭ ކަމަށް އަޝްރަފް ވިދާޅުވި ވާހަކައަށް ރައްދު ދެއްވައި އާމިރު ވިދާޅުވީ ރަދީފަށް އެކަޑަމީން އެ ލަފުޒު ލިޔަސް، އެއީ ރަދީފަކުން ޖާގަލިބެން ހަމަވާންޖެހޭ ޝަރުތުތައް ހަމަވެގެން ކޮށްފައި އޮތް ކަމެއް ކަމަށް ނުފެންނަ ކަމަށެވެ.

"މިކަން އަޅުގަނޑު ދެކެނީ މަސްދޯންޏެއްގެ ވަތުގައި ހުރި ކަޅުބިލަ މަސްތަކުގެ ތެރެއަށް ލައްޓިއެއް ލައިފައި އެއީ ވެސް ކަޅުބިލަމަހެކޭ ބުނުން ކަހަލަ ކަމެއް ކަމުގައި. އިމުލާ ކުރާ ގޮތަށް ގަދަކަމުން ބަދަލެއް ގެނެސްފައި ވާނަމަ، އެއީ އެއްކަލަ ލައްޓީގެ ނަގޫ ކަނޑައިލުން ކަހަލަ ކަމެއް." އަދަބިއްޔާތާއި ޅެންވެރިކަމުގެ ދާއިރާއިން ގައުމީ އިނާމް ހާސިލްކޮށްފައިވާ އާމިރު ވިދާޅުވި އެވެ.

ބަހެއްގައި ނުހުންނަ ލަފުޒެއް ބޭރު ބަސް ބަހުން ގެނައުމަކީ އާންމުކޮށް ވެސް އެހެން ގައުމުތަކުގައި ވެސް ކުރާ ކަމެއް ކަމަށާއި ނަމަވެސް އެ ގޮތަށް ގެންނަ ލަފުޒުތައް އަމިއްލަ ލަފުޒަކަށް ވަނީ އޭގެ އަޑުތައް ތަނުގެ ވެއްޓަށް ޠަބީއީ ގޮތުން ފެތިގެންގޮސް އަސްލު ލަފުޒަށް ބަދަލުތަކެއް އައިސްގެން ކަމަށް އާމިރު ވިދާޅުވި އެވެ.

ދިވެހި ބަހާ ގުޅުން ހުރި ފޮތްތައް މިހާރު ވެސް ނެރުއްވަމުން ގެންދަވާ އާމިރު ވިދާޅުވީ ބަހަކަށް ރަދީފުން ޖާގައެއް ހައްގުވާނީ މީހަކު ކުރި ކަމަކާ ނުލައި ތަބީއީ ގޮތުން ބަދަލު އައިސް އެ ބަދަލުތަކާއެކު އެ ލަފުޒެއް އާންމުން ބަލައިގަތުމުން ކަމަށެވެ.

ލަފުޒު ދިވެހި ކުރާން ދަނޑިމާރު އެޅުމަކީ އޮތް ކަމެއް ނޫން. ލަފުޒެއް ދިވެހި ވެއްޖެތޯ ކަނޑައަޅާނީ އެސްއޯ ފުލުހުންނެއް ނޫން،ފަރެސް އާމިރު

ދިވެހި ބަހަށް އިސްކަން ދިނުމަށް އެ އެކެޑަމީން ގޮވާލާ ކޮންމެ ފަހަރު އެންމެ ބޮޑަށް ފާޑުކިޔުން ރައްދުވާ ކަމަކީ އެ މުއައްސަސާއަށް އެކަޑަމީ ކިޔާތީ އެބޭފުޅުން ވެސް ދިވެހި ބަހަށް އިސްކަން ނުދޭ ކަމަށް ބުނެ ކިޔާފާޑެވެ.

އެކެޑަމީ އަކީ ބަހާ ބެހޭ މުއައްސަސާތަކަށް ކިޔާ ބައިނަލްއަގުވާނީ ނަމެކެވެ. ދުނިޔޭގެ މަޝްހޫރު އެކިބަސްބަހާ ގުޅޭ މުއައްސަސާތަކަށް ވެސް އެކަޑަމީ ހިމަނައިގެން ނަން ދީފައިވެ އެވެ. އޭގެ ތެރޭގައި އުރުދޫ އެކަޑަމީ އާއި ހިންދީ އެކަޑަމީ ފަދަ މުއައްސަސާއެއް ހިމެނެއެވެ.

comment ކޮމެންޓް